Wednesday

ކްލާސް އިންތިޒާމު ކުރެވިދާނެ ބައެއް ގޮތްތައް


ކުލާސްރޫމް އިންތިޒާމު ކުރުމެއްނެތި އުނގެނުމުގެ އަދި އުނގަންނައިދިނުމުގެ ހަރުދަނާ މާޙައުލެއް ޤާއިމެއް ނުކުރެވޭނެ އެވެ. ކުލާސް ރޫމް އިންތިޒާމު ކުރުމަކީ ކުލާހުގައި ހިނގާ ކަންކަމަށް ކުދިން ހޭލުންތެރި ކުރުމާއި، އެ ކަމަށް ކުދިން ޝައުޤުވެރި ކުރުމެވެ. މިކަން ރަނގަޅު ކުރެވޭނީ ރަނގަޅަށް ކުދިންނާ މުވާސަލާތު ކުރެވިގެންނެވެ. އެހެންކަމުން ކުލާސް ރޫމެއްގައި މަސައްކަތް ކުރާ ކޮންމެ މުދައްރިސެއްގެ ޒިންމާ ނުހަނު ބޮޑުވާނެ އެވެ. އެތައް ކަމަކަށް އެއްފަހަރާ ބަލަންޖެހޭނެ އެވެ. ސަބަބަކީ، ކުލާހެއްގައި ތިބޭނީ އެއް ވިސްނުމެއްގެ، އެއްކަމަކަށް ލޯބިކުރާ، އެއްކަމަކަށް ގަޔާވާ ކުދިންނަށް ނުވާތީ އެވެ. އެހެންކަމުން ކްލާސްރޫމް މެނޭޢޖު ކުރެވިދާނެ ތިން ގޮތަކަށް ބަލައިލާނަމެވެ.

1. ބިހޭވިއަރަލް ތިއަރީގައި ކުލާސްރޫމް އިންތިޒާމު ކުރުން
މި ތިއަރީ ބާރުއަޅަނީ ދަރިވަރުންގެ ނޭދެވޭ ސުލޫކު ބަދަލުކޮށްގެން ކުލާސްރޫން އިންތިޒާމު ކުރާނެ ގޮތަށެވެ. ކުލާހެއްގައި އުނގެނޭ ކުދިންގެ ބޭރުފުށުން އުނގެނޭކަން ނުވަތަ ނޫންކަން ބަލައި މޮނީޓަރ ކުރެވޭނެ އެވެ. މިކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުލާސްރޫމުގެ ތެރޭގައި ހިނގާ ކޮންމެވެސް ނޭދެވޭ ކަމެއް ފާހަގަކުރާށެވެ. އެއަށްފަހު އެކަން ދިމާވަނީ ކީއްވެގެންކަމާއި، އެކަމުގެ ސަބަބު ހޯދައި ބަލާށެވެ. އެއަށްފަހު، އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާއަށް ބަދަލު ގެނެވިދާނެ އެވެ. ނޫންނަމަ، ކަމެއް އިތުރު ކޮށްގެން ނުވަތަ މަދު ކޮށްގެން ވެސް އުޅުމަށް ބަދަލެއް ގެނެވިދާނެ އެވެ. ކޮންމެ ގޮތަކަށް ފިޔަވަޅު އެޅިނަމަވެސް، ކަމުގެ ނަތީޖާ ނުވަތަ އައި ބަދަލަކީ ކޮންކަހަލަ ބަދަލެއްތޯ ވިސްނައި ބަލަންވާނެ އެވެ. މި ނަޒަރިއްޔާތު ބުނާގޮތުން އުނގެނުމަށް އުނދަގޫ ސުލޫކު އެއް ހަރުފަތަށް ވުރެ އަނެއް ހަރުފަތް ލަސްލަހުން އުނގަންނައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އުނގެނުމަކީ، ސްޓިމިޔުލީ އެއްގެ މައްޗަށް އަސަރުކުރުވާ ރެސްޕޯންސަކަށް ވާތީ އެވެ.
2. ތަރުޙީބު ދީގެން ކުލާސްރޫމް އިންތިޒާމު ކުރުން
މުދައްރިސުންނާއި ދަރިވަރުންނާއި ގުޅިގެން ވެސް ޙާޞިލު ކުރެވިދާނެ ކަންތައްތައް ކަނޑައަޅައި އެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ކުރެވިދާނެ ކަންތައްތައް ނިންމިދާނެ އެވެ. ކުލާސްރޫމު ތެރޭގައި ތަރުޙީބު ދޭގޮތަށް ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ވާހަކައަކީ މުދައްރިސަކީ ދަރިވަރުންނަށް މަޤުބޫލު މީހަކަށް ވާފަދަ ވާހަކަތަކަކަށް ވާންޖެހޭނެ އެވެ. ކުލާސް ރޫމެއްގައި ދެ ގޮތަކަށް ތަރުޙީބު ދެވިދާނެ އެވެ. އެއީ ނެގެޓިވް-ރީއިންފޯސްމެންޓާއި، ޕޮޒިޓިވް-ރީއިންފޯސްމެންޓެވެ. މިސާލަކަށް ގުރޫޕެއްގެ ހުރިހާކުދިން މަސައްކަތް ނިންމުމުން ގުރޫޕަށް ހުސްވަގުތުކޮޅެއް ދެވިދާނެ އެވެ. ނުވަތަ ޝައުޤުވެރިވާ ކަމެއް ކުރަން ފުރުޞަތު ދެވިދާނެ އެވެ. ހަމައެހެންމެ، ވަކިވަކި ކުދިންނަމަ، އެ ކުއްޖެއްގެ ސުލޫކަށް ބަލައި ރިވޯޑެއް ދެވިދާނެ އެވެ. ގުރޫޕަށް ލިބޭ އެއްޗެއް ލިބޭނީ ގުރޫޕުގެ ހުރިހާ ކުދިން މަސައްކަތް ކޮށް ނިންމުމުންކަމަށް ކުދިންނަށް ކުރިން އަންގައިފައި ބޭއްވުން މުހިންމެވެ.  ކުދިންގެ މަސައްކަތް ރަނގަޅު ނަމަ، ބެޖެއް ތަރިއެއް ފަދަ އެއްޗެއް ދެވިދާނެ އެވެ. ކުދިން މަސައްކަތްތަކަށް ފަރުވާކުޑަ ކުރާނަމަ، ކުދިން ދެވުނު ރިވޯޑު އޭނާގެ ކިބައިން ނިގުޅައިގަނެވިދާނެ އެވެ.
3. އަދަބުދީގެން ކުލާސްރޫމް އިންތިޒާމު ކުރުން
ސުލޫކު ބަދަލު ކުރުމަށްޓަކައި މާހައުލުން ކުދިންނަށް ހިތްވަރު ލިބޭ އެއްޗެއް ނުވަތަ ކަމެއް ކުދިންގެ ކިބައިން ނިގުޅައިގަނެވިދާނެ އެވެ. ކުދިން ނޭދެވޭ ކަމެއް ކުރާނަމަ، އެ ކުއްޖާ ހިތްހަމަނުޖެހޭ ކަމެއް އެ ކުއްޖާއާ ކުރިމަތި ކުރެވިދާނެ އެވެ. މިސާލަކަށް، އެކަމެއް މަދުކުރުމަށް ބާރަށް އެއްޗެކޭ ބުނެވިދާނެ އެވެ. ކުއްޖެއްގެ ސަބަބުން ދިމާވި ކަމެއް ނަމަ، އެ ކުއްޖަކު އަމިއްލައަށް ރަނގަޅު ކުރުމަށް ބާރުއެޅިދާނެ އެވެ. މިސާލަކަށް ޑެސްކެއްގައި ކުރަހައިފިނަމަ އެ ޑެސްކު ފުހެ ސާފުކުރަން ޖެއްސިދާނެ އެވެ. ދެ ވަނަ ފަހަރަށް ސުލޫކު މަދު ކުރުމަށްޓަކައި، އެ ކުއްޖާއަށް ލިބިފައިވާ އޭނާ ބޭނުންވާ މުހިންމު ކޮންމެވެސް އެއްޗެއް އޭނާގެ ކިބައިން ނިގުޅައިގަނެވިދާނެ އެވެ. މިސާލަކަށް، ބެޖު އަތުލުން ފަދަ ކަމެއް ކުރެވިދާނެ އެވެ. 

1 comment: