Wednesday

ބިހޭވިއަރަލް ލާރނިންގ ތިއަރީ (ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތު)


ބިހޭވިއަރަލް ލާރނިންގ ތިއަރީގެ މައިގަނޑު ކޮންސެޕްޓް

މި ތިއަރީގެ މައިގަނޑު ކޮންސެޕްޓް ގުޅިފައިވަނީ، [ސްޓިމިލަރ، ބިހޭވިއަރ އަދި ރެސްޕޯންސް] މި  ތިން ލަފުޒާ އެވެ. މި ލަފުޒުތަކުގެ ތަފްޞީލަށް ބަލާއިރު، [ބިހޭވިއަރ]އަކީ، އުނގެނޭ ފަރާތެވެ. [ސްޓިމިލަރ]އަކީ އޭނާ އުޅޭ މާހައުލުން ކުރުވާ އަސަރެއް ނުވަތަ ބާރުފޯރުވާ ކަން ނުވަތަ ކަންކަމެވެ.[ރެސްޕޯންސް]އަކީ އެ ކުރުވާ އަސަރާއެކު، އޭނާގެ ކިބައިން ފާޅުވާ ނުވަތަ ހާމަވާ ކަމެވެ.
މިސާލު: ދަރިފުޅު ހިނގައިފައި ދަނިކޮށް މަންމަ އޭނާގެ ނަމުން ގޮވައިލުމުން ފަހަތަށް އެނބުރި ބަލައިލަ އެވެ. އެއަށްފަހު، އެ ދަރިފުޅު މަންމަގެ ވާހަކަ އަށް އިޖާބަދެ އެވެ.

ސްޓިމިލަރ އަށް ބަލާއިރު ތިން ވައްތަރެއްގެ ސްޓިމިލަރ ހުންނަކަން ފާހަގަ ކުރެވެ އެވެ. އެއީ، އެލިސިޓިންގ ސްޓިމިއުލީ، ކޮންސިކުއެންސަސް އަދި އެންޓިސިޑެންޓްސް އެވެ. އެލިސިޓިންގ ސްޓިމިއުލީ އަކީ ބޭރުފުށުން ފާހަގަކުރެވޭ ސުލޫކެއް އެކަން ފާލުވުމުގެ ކުރިން ހިނގާ ކަމެވެ. މިސާކު 1 ގައިވާ ހާލަތުގައި މަންމަ ދަރިފުޅަށް ނަމުން ގޮވައިލުމުން، އިޖާބަ ދިނުމުގެ ގޮތުން އާދެ ނުވަތަ ލައްބަ ބުނެފިނަމަ، އެ ބުނާ ބުނުމަކީ އެލިސިޓިންގ ސްޓިމިއުލީގެ މިސާލެކެވެ. ކޮންސިކުއެންސަސް އަކީ ސްޓިމިއުލީއެއްގެ ސަބަބުން ހާމަވާ ކަމެއް ދެ ވަނަ ފަހަރަށް ތަކުރާރު ވުމަށް ނުވަތަ ނުވުމަށް މެދުވެރި ކުރުވާ ކަންތައްތަކެވެ. މިސާލަކަށް، އާސިމް ކުލާހުގައި ކަމެއް ކުރާ ހަމަ ކޮންމެ ފަހަރަކު ކުލާހުގެ އެހެން ކުދިން ހީނހެދުން މި އެވެ. މި ގޮތަށް ހީ ހަދާނަމަ ދެ ގޮތަކަށް އަސަރު ކޮށްފާނެ އެވެ. އެއްގޮތަކީ އާސިމަށް ކުރެވުނު ކަމެއް ދެވަނަ ފަހަރަށް ނުކުރުމެވެ. ދެ ވަނަ ގޮތަކީ، އޭނާގެ ޝައުޤުވެރިކަން އިތުރުވެ އެކަން ގިނަގިނައިން ތަކުރާރު ކުރުމެވެ.  ކަމެއް ދެ ވަނަ ފަހަރަށް ތަކުރާރު ކުރަނީ އެ ލިބޭ އިނާމަކަށް ނުވަތަ ތަރުޙީބަކަށް ނުވަތަ ލިބިދާނެ އަދަބަކުން ދުރުވުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ނަމަ އެއީ، އެންޓިސިޑެންޓެކެވެ. މިސާލަކަށް، ގިނަ ކުލާސްތަކުގައި ކުދިން ހަލަބޮލި ވުމުން މުދައްރިސް ވާހަކަދެއްކުން ހުއްޓައިލުމާއެކު ކުދިން ވެސް މައިތިރި ވެ އެވެ. މިގޮތަށް ކުދިން މައިތިރި ވަނީ، ލިބިދާނެ އަދަބަކުން ދުރުވުމަށް ކުރާ ކަމެއްގެ ގޮތުގަ އެވެ.

ބިހޭވިއަރަލް ލާނިންގ ތިއަރީގެ މޮޑެލްތައް

މި ތިއަރީ ބިނާވެފައިވަނީ މައިގަނޑު ތިން މޮޑެލެއްގެ މައްޗަށެވެ. އެއީ، ކޮންޓިގުއިޓީ، ކްލެސިކަލް ކޮންޑިޝަނިންގ އަދި އޮޕަރެންޓް ކޮންޑިޝަނިންގ އެވެ.

ކޮންޓިގުއިޓީ:

މި މޮޑެލްގެ ބާނީއަކީ އެޑްވިން އާރ ގުތުރީ (1886-1959) އެވެ. މި ތިއަރީ ބުނާގޮތުން ސްޓިމިއުލާއަކާއި ރެސްޕޯންސް އެއްވަގުތެއްގައި،  އެއް ތަނެއްގައި ހިނގައިފި ނަމަ، އެއީ އެއްކޮށް ގުޅިގެންދާ ކަމެއް ނުވަތަ އެއްކަމެއް އަނެއް ކަމާ ލައިމެހިގެން ދާ ދިއުމެކެވެ. މިސާލަކަށް، ކުދިން  ނަވަތަ ދަސްކުރާއިރު ދުއި ދެގުނަން ސާރި މިފަދައިން ގިނައިން ކިޔުމުން ދުއި ދެގުނަން ކިޔާއިރަށް [ސާރި] މިހެން އެ ކުދިންގެ ހިތަށް ގެނެވެ އެވެ.

ކްލެސިކަލް ކޮންޑިޝަނިންގ:

މި މޮޑެލްގެ ބާނީއަކީ، އީވާން ޕެވްލޯވު (1849-1936) އެވެ. މި ތިއަރީ ބުނާގޮތުން އެލިސިޓިންގ ސްޓިމިއުލާއެއްގެ ސަބަބުން އުނގެނުން ހިނގާނެ އެވެ. ޚާއްޞަކޮށް މީގައި އަންގައިދެނީ ދެ ސްޓިމިއުލީ އެއް އެކަތި އަނެކެއްޗާއި ގުޅިގެން ފާޅުވާ ނަތީޖާ ނުވަތަ ރެސްޕޯންސް ހިނގައިގޮތެވެ. އީވާން ޕެވްލޯވު މިކަން ތަޖުރިބާ ކޮށްފައިވަނީ ކުއްތާއެއް ބޭނުންކޮށްގެން އޭނާ ކުރި ދިރާސާއާ ގުޅުވައިގެންނެވެ. އޭނާގެ ތަޖުރިބާގެ ފުރަތަމަ މަރުޙަލާގައި، ރަނގަބީލެއް ޖަހައިލުމުން ކުއްތާ އެއަށް ސަމާލުކަން ދެ އެވެ. އެކަމަކު ކުޅު ދިޔަލެއް ނުވެ އެވެ.  ނަމަވެސް، އޭނާގެ ދެ ވަނަ މަރުޙަލާގައި ރަނގަބީލުގެ އަޑާއެކު، ކާނާ ގެނައުމުން ކުއްތާ ކުޅު ދިޔާވެ އެވެ. މި ގޮތަށް ކުއްތާ ކޮންޑިޝަން ކުރުމުން، އެއަށްފަހު، ހަމައެކަނި ރަނގަބީލު ޖަހައިލުމުން ވެސް ކުއްތާ ކުޅުދިޔާވެ އެވެ. 

އޮޕަރެންޓް ކޮންޑިޝަނިންގ:

މި މޮޑެލްގެ ބާނީއަކީ، ބީ. އެފް. ސްކިނަރ (1938) އެވެ. މި ތިއަރީ ބުނާގޮތުން އުނގެނުން ބިނާވެފައިވަނީ އެކަމަށް އަސަރު ކުރުވާ ކަމެއްގެ ނަތީޖާގެ (ކޮންސިކުއެންސް) ސަބަބުންނާއި، އެކަމުން އަސަރު ކުރުވާ ކަންތައްތަކެއްގެ (އެންޓިސިޑެންޓްސް) ސަބަބުން ނެވެ. ބީ. އެފް. ސްކިނަރ (1938)ގެ މި ތިއަރީގެ އަލީގައި ކޮންސީކުއެންސްގެ މައިގަނޑު ދެ ވައްތަރެއް ފާހަގަ ކޮށްފައި ވެ އެވެ. އެއް ވައްތަރަކީ ރީ އިންފޯސްމެންޓް ނުވަތަ ތަރުޙީބު ދިނުމެވެ. އަނެއް ވައްތަރަކީ ޕަނިޝްމެންޓް ނުވަތަ އަދަބު ދިނުމެވެ.

ރީ އިންފޯސްމެންޓް:

ރީއިންފޯސްމެންޓުގެ ތެރޭގައި ދެ ވައްތަރެއް ހިމެނެ އެވެ. އެއީ ނެގެޓިވް ރީ އިންފޯސްމެންޓާއި ޕޮޒިޓިވް ރީއިންފޯސްމެންޓެވެ. ޕޮޒިޓިވް ރީ އިންފޯސަރ އަކީ ސުލޫކުގެ ފަހުން ސުލޫކާއި ގުޅުވައިގެން ދެވޭ ކުއްޖާގެ ހިތްއެދޭ އެއްޗެއް، ކަމެއް، ނުވަތަ ނަތީޖާއެކެވެ. މިއާ ޚިލާފަށް ނެގެޓިވް ރީ އިންފޯސަރ އަކީ، ސުލޫކުގެ ފަހުން އެ ސުލޫކާއި ގުޅިގެން ކުއްޖާއަށް ކުރިމަތި ކުރެވޭ ނުރަނގަޅު ކަންކަން ދުރުކޮށްދިނުމެވެ.
ތާވަލު 1 (ޕޮޒިޓިވް ރީއިންފޯސްމެންޓުގެ ވައްތަރުތައް)
ވައްތަރުތައް
ދޭހަ
ސޯޝަލް ރީއިންފޯސަރ
ކަމަކަށް އެއްބަސްވެ، ސަމާލުކަންދީ، އަދި ހިތްހަމަޖެހޭކަން ހާމަކުރުން.
އެކްޓިވިޓީ ރީއިންފޯސަރ
ދަރިވަރުގެ ސުލޫކުގެ ސަބަބުން ކުއްޖާ ހިތްހަމަޖެހޭ ކަމެއް ކުރުމަށް ލިބޭ ފުރުޞަތެއް.
ޓެންޖިބަލް ރީއިންފޯސަރ
ދަރިވަރުގެ ސުލޫކުގެ ސަބަބުން ޙާޞިލުކުރެވޭ ފިޒިކަލް އޮބްޖެކްޓެއް ނުވަތަ އެއްޗެއް.
ޓޯކަން
ދެފަރާތް އެއްބަސްވާ ގޮތުގެމަތިން އެ ކުދިބައެއް ގަޔާވާ ކަމަކާއި، ބަދަލުކުރުން ނުވަތަ ޕޮއިންޓު ލިބޭ އުޞޫލަކުން ލިބޭ އެއްޗެއް.
ނެޗުރަލް
ރީއިންފޯސަރ
ކަން ހިނގާ ގޮތުގެ ސަބަބުން އެއްޗެއް ނުދިންނަމަވެސް، ކުދިންގެ ހިތުގައި އެކަމެއްގައި އުޅުމަށް ޝައުޤުވެރި ކުރުވުން.
ފީޑްބެކް
ދަރިވަރަށް ކަން ކުރެވޭ ގޮތާއި ބެހޭގޮތުން އޭނާއަށް ދޭ މަޢުލޫމާތު

ވަރަށް ގިނަ ފަހަރަށް ނެގެޓިވް ރީއިންފޯސްމެންޓާއި ޕަނިޝްމެންޓު އޮޅޭގޮތް ދިމާވެ އެވެ. އެހެން ދިމާވާ ސަބަބަކީ، ދެ ބާވަތުގައި ވެސް ކުއްޖާ ހިތްހަމަނުޖެހޭ ކަންތައް ކުރިމަތިވާތީ އެވެ. ޕަނިޝްމެންޓަކީ ކުއްޖާގެ ސުލޫކާއި ގުޅިގެން އޭނާގެ ހިތް ނޭދޭ ނުވަތަ ނުރަނގަޅު ނަތީޖާއެއް ދޭ ކަންކަން އެ ކުއްޖާގެ މައްޗަށް ތަންފީޒު ކުރުމެވެ. ނުވަތަ ޕަނިޝްމެންޓަކީ ކުއްޖާގެ ގޯސް ސުލޫކެއް ތަކުރާރުވުން މަދުކުރުމަށް ކުރާ ކަމެކެވެ. ޕަނިޝްމެންޓުގައި ވެސް ދެ ވައްތަރެއް ވެއެވެ. އެއީ ޕޮޒިޓިވް ޕަނިޝްމެންޓާއި ނެގެޓިވް ޕަނިޝްމެންޓެވެ. ޕޮޒިޓިވް ޕަނިޝްމެންޓަކީ، ސުލޫކު މަދުކުރުމަށްޓަކައި، އެ ސުލޫކާއި ގުޅުވައިގެން، ނުރނގަޅު ނުވަތަ ހިތްނޭދޭ ނަތީޖާއެއް ގެނެސްދިނުމެވެ. ނެގެޓިވް ރީއިންފޯސްމެންޓަކީ ސުލޫކު ބަހައްޓާ ގޮތާއި ވިދިގެން، އެއާ ގުޅިފައިވާ ހިތްއެދޭ ކަންތައް އޭނާއަށް ލިބުމާއި ދުރު ކުރުމެވެ.
   ނެގަޓިވް ރީއިންފޯސްމެންޓުގެ ދެ ވައްތަރެއް ވެ އެވެ. އެއީ ޕްރެޒެންޓޭޝަން ޕަނިޝްމެންޓާއި، ރިމޫވަލް ޕަނިޝްމަންޓެވެ. ޕްރެޒެންޓޭޝަން ޕަނިޝްމެންޓަކީ ސުލޫކު ދެ ވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އެކަމުގެ ސަބަބުން ހިތްހަމަނުޖެހޭ ކަމެއް މެދުވެރި ކުރުމެވެ. މައިންބަފައިން އަދަބުދޭތީ ބޭރުތެރޭގައި ކުދިން ގޯސްކޮށް ނޫޅުން މިއީ މީގެ މިސާލެކެވެ. ރިމޫވަލް ޕަނިޝްމެންޓަކީ، ދެ ވަނަ ފަހަރަށް ނޭދެވޭ ސުލޫކު ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ބޭނުންތެރި ކޮންމެވެސް އެއްޗެއް ނުވަތަ ކަމަކުން މަހުރޫމު ކުރުމެވެ. މިސާލަކަށް، ކުއްޖާ ރޭގަނޑު މާލަހުން ގެއަށް ނިދަން އަންނާތީ އެކަމާ ހިތްހަމަނުޖެހިގެން ބައްޕައަކު އޭނާއަށް ދޭ ޖީބު ފައިސާ މަދުކުރުމަކީ މީގެ މިސާލެކެވެ.

އުނގަންނައިދިނުމުގައި ބިހޭވިއަރަލް ލަރނިންގ ތިއަރީ

ކުދިންގެ ސުލޫކަށް ނުވަތަ ބިހޭވިއަރ އަށް ބަދަލު ގެނައުމަށްޓަކައި، ސްޓިމިއުލީ ތަކުން ހާމަވާ ރެސްޕޯންސް އަށް ސަމާލުކަން ދިނުމަކީ ކޮންމެ ކުލާސްރޫމެއްގައި ހަމަ ކޮންމެ ޓީޗަރަކަށް ވެސް މުހިއްމު ކަމެކެވެ. މިގޮތުން، އުނގަންނައިދިނުމުގައި އެންމެ ފުރިހަމައަށް ދަރިވަރުލައްވާ ކަމެއް ކުރުވުމަށް ވިސްވުމަށް ވުރެ ބޮޑަށް އޭނާ އަށް ކުރެވޭ ކަމެއް އެއަށް ވުރެ ރަނގަޅަށް ކުރުމަށް ބާރުއަޅާއި ޕޮޒިޓިވް ރީއިންފޯސް ނުވަތަ ހިތްވަރު ދެވިދާނެ އެވެ. ކުދިންނަށް އަބަދު ރަނގަޅަށް ކޮންމެ ކަމެއް ކުރެވުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން ގޯސްކޮށް ކުރެވޭ ކަމެއް ދެ ވަނަ ފަހަރަށް ރަނގަޅަށް ކުރުމަށް ފުރުޞަތު ދޭންވާނެ އެވެ. ހަމައެއާއެކު، ދަރިވަރުގެ ފަރާތުން މުދައްރިސް އުންމީދު ކުރާ ކަންކަން ކުދިން ލައްވާ ކުރުވަން މަސައްކަތް ކުރާއިރު އެ ކުދިންނަށް ނުވާވަރު ކަންކަން ކުރަން ޖައްސައިގެން ނުވާނެ އެވެ. ދަރިވަރުން ކުލާހަށާއި މަސައްކަތްތަކަށް އައުކަން ފާހަގަ ކުރެވޭނަމަ، މަޖުބޫރު ކުރުވައިގެން ކަންކަން ކުރުމުގެ ބަދަލުގައި އެހީތެރިކަން ފޯރުކޮށްދީ އޭނާ ފަރިތަ ވުމަށް ވަޤުތު ދޭން ވާނެ އެވެ. 

No comments:

Post a Comment