Wednesday

ސޯޝަލް ކޮގްނިޓިވް ތިއަރީ އާއި މޮޑެލިންގ


އެކި މީހުން އުނގެނެނީ އެކި ގޮތަށެވެ. އެކި މާހައުލުންނެވެ. އެކި ތަޖުރިބާތައް ކުރެވިގެންނެވެ. ބަންދޫރާ (1986) އާ ޙަވާލާދެއްވާ އާމިނަތު ޝާފިޢާ އާދަމް ބަޔާން ކޮށްފައިވާ ގޮތުގައި  އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކި ގޮތަކަށް ބަދަލުވާ ބަދަލުވުމެވެ. މިކަން ހާމަކޮށްދިނުމަށް ބަންދޫޜާ (1986) ހާމަކުރައްވާފައިވާ ގޮތުގައި އުނގެނުމުގައި އެއްބައެއް އަނެއް ބަޔަކަށް އަސަރު ފޯރުވަނީ ގުޅި ލާމެހިފައިވާ ގުޅުމަކުން ނުވަތަ[ރެސިޕްރޯކަލް ރިލޭޝަންޝިޕް]އެއްގެ ސަބަބުންނެވެ. ބަންޑޫރާ (1986) މި ކޮންސެޕްޓްބިނާކޮށްފައިވަނީ މައިގަނޑު 3 އަސާސެއްގެ މައްޗަށެވެ. އެއީ، ބިހޭވިއަރ(ކަމެއް ނުވަތަ ސުލޫކު)، މާހައުލު އަދި މީހާގެ ވިސްނުމެވެ.

      ބަންދޫރާ (1986) ހާމަކޮށްފައިވާ ގޮތުގައި ކުދިން ވަށައިގެން އުޅޭ އެކިއެކި މީހުން ކުރާ ކަންކަން ބަލައި ކޮޕީކޮށްގެން އެކަން މޮޑެލް ކުރެއެވެ. މިގޮތުން އޭނާ މޮޑެލިންގެ ތިން ވައްތަރެއް ވާކަމަށް ފާހަގަ ކުރައްވާފައި ވެއެވެ. އެއީ ޑައިރެކްޓިވްކޮށް މޮޑެލް ކުރުމާއި، ސިމްބޮލިކްކޮށް މޮޑެލް ކުރުމާއި، ސިންތިސައިސްކޮށް މޮޑެލް ކުރުމެވެ.
1.      ޑައިރެކްޓް މޮޑެލް ކުރުން
ޑައިރެކްޓް މޮޑެލް ކުރުމަކީ ފެންނަ ކަމެއް އެއަށް އެއްވެސް ބަދަލެއް ނުގެނެސް މޮޑެލް ކުރުމެވެ. މިއީ ތުއްތު ކުދިންގެ ކިބައިން ވެސް ވަރަށް އާންމުކޮށް ފެންނަ ސިފައެކެވެ. ކުއްޖެއްގެ އަތުން އެއްޗެއް ވެއްޓި އަޑެއް ކިޔައިފި ނަމަ، އެއަޑު އެއީ ކަމުދާ އަޑަކަށް ވެއްޖެނަމަ އެ އެއްޗެއް ދެ ވަނަ ފަހަރަށް ވައްޓައިލަ އެވެ. މީގެ މިސާލަކީ، ކުއްޖެއްގެ އަތުން ކުކުޅު ބިހެއް ވެއްޓި ތެޅިއްޖެ ނަމަ ދެ ވަނަ ފަހަރަށް ވެސް އެފަދަ ބިސްހެއް ދިނުމުން ވައްޓައިލާ ތަޅާލާ ކަމެވެ. މިއީ އެކި ފަހަރުފަހަރުގެ މަތިން ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. ހަމައެއާއާއެކު، މަދަރުސީ މާޙައުލަށް ބަލައިލައި އިރު، އާރޓް ކިޔަވާ ކުދިން އެއްޗެއްގެ ނަމޫނާ ދެއްކުމުން އެ އެއްޗެއް ހަމަ އެ ގޮތަށް ކުރަހާ ކުލަޖައްސަން ޝައުޤުވެރިކަމާއެކު މަސައްކަތް ކުރެ އެވެ. އެހެންކަމުން މި ގޮތަށް މޮޑެލް ކޮށްގެން ކުދިން އުނގެނެ އެވެ.
2.      ސިމްބޮލިކްކޮށް މޮޑެލް ކުރުން
ފޮތްތަކުންނާއި ޓީވީންނާއި، ޥާހަކަތަކުން ނުވަތަ އެނޫންވެސް ގޮތަކުން ފެންނަ ކަންތައްތައް ނުވަތަ ޝަޚުޞިއްޔަތުންގެ ސިފަތަށް ކުދިން ނަކަލު ކުރެ އެވެ. މިސާލަކަށް މަޝްހޫރު ކުޅުންތެރިންގެ ބޮލުގެ އިސްތަށިގަނޑާއި، މަޝްހޫރު ފިލްމީ ތަރިން ހެދުންއަޅާ ގޮތާއި، އެމީހުން ދައްކާ ވާހަކަތައް ކުދިން ކޮޕީ ކުރެ އެވެ. ސްކޫލުގެ މާޙައުލުގައި ވެސް މުދައްރިސުން ކުރާ ކަންތައްތައް ކުދިން ވަރަށް ފަސޭހައިން ކޮޕީ ކުރެ އެވެ. ޕްރީސްކޫލް ކުދިން ގެއަށް އައިސް މީސް ދައްކާ ވާހަކަތަކާއި، ކުލާހުގައި މިސްގެ ޙަރަކާތްތައް ކޮޕީ ކުރެ އެވެ.
3.      ސިންތިޒައިޒް ކޮށް މޮޑެލް ކުރުން
މީހެއްގެ ފަރާތުން ނުވަރަ އެހެންވެސް ގޮތަކުން ފެނުނު ކަމެއް ބަދަލަކާއެކު ނުވަތަ އެހެން ގޮތަކަށް ބަދަލުކޮށްގެން ކުދިން އެކަން ކުރެ އެވެ. މިސާލަކަށް، އާޓް ގަޑީގައި ގެއެއް ކުރަހަން ނަމޫނާ ދެއްކުމަށްފަހު، އެ ކުއްޖަކު ބޭނުން ގެއެއް ކުރަހަން ޙަވާލު ކޮށްފިނަމަ، އެ ފެނުނު ގެއަށް ތަފާތު ބަދަލުތައް ގެނެސްގެން އެހެން ގެއެއް ކުރަހަފާނެ އެވެ. މީހަކު ލަވައެއް ކިޔާ އަޑު އިވުމުން ކުދިން އެ ކުދިންގެ އަމިއްލަ ރާގަށް ފައްތާލައިގެން ގހަމަ އެ ލަވަ ތަކުރާރު ކުރެ އެވެ. ހަމައެއާއެކު، އެ ލަވައިގައި ކިޔާ އެއްޗެއް ނޭނގިއްޖެ ނަމަ، އެ ލަވައިގެ ރާގަށް އެހެން ލަވައެއް ހަދައިގެން ކިޔާތަން ވެސް އާދެ އެވެ.
      ކޮގްނެޓިވް ތިއަރީގައި ބަންދޫރާ ހާމަކޮށްފައިވާ މޮޑެލިންގެ ގޮތްތަކާމެދު އެއްބަސް ވެވޭ ސަބަބަކީ، ރާއްޖޭގެ ސްކޫލުތަކާއި، މާޙައުލުން އެކަމުގެ ހެކިތައް ފެންނާތީ އެވެ. އެހެންކަމުން، ކުދިން ޝަޢުޤުވެރިވާ ގޮތަށް ކުލާހުގައި ފިލާވަޅުތައް ކުރިއަށް ގެންދިއުމަށް ބަންދޫރާ (1986) ބަޔާންކޮށްފައިވާ މޮޑެލިންގ ގެ ގޮތްތައް ބޭނުްނ ކުރެވޭފަދަ އެކްޓީވިޓީތައް ރޭވުމަކީ، ކާމިޔާބު ވާނެ ކަމެއްކަމަށް ޤަބޫލު ކުރެވެ އެވެ. 

No comments:

Post a Comment