ލިޔުނީ: މޫސާ މާހިރު
ފެށުން
ކޮންމެ ބައެއްގެ ވެސް ޘަޤާފަތަކީ އެބައެއްގެ އަމިއްލަވަންތަކަން ދައްކައިދޭ އެންމެ ބޮޑު ބަހާ އެވެ.
ހަމައެހެންމެ ޘަޤާފަތަކީ އެއް މުޖުތަމައެއް އަނެއް މުޖުތަމަޢާ ވަކިކޮށްދޭ ނިޝާންވެސް
މެއެވެ. ވީއިރު ދިވެހިންގެ ތާރީޚު އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަށާއި،
ކާބަފައިންގެ ފުށުން ވާރުތަވަމުން އައިސްފައިވާ ޘަޤާފަތް ރައްކާތެރި
ކުރުމަށްޓަކައި، ހިންމަތް އިތުރު ކުރަން ޖެހެ އެވެ.
ދިވެހިރާއްޖޭގައި ހުރި އެންމެ އެވޭލާ ބިނާތަކެއްކަމަށް
ބެލެވެނީ ދިވެހިރާއްޖޭގައި އުޅުނު ފުރަތަމަ ވަޒަންވެރިން އެމީހުންގެ ދީނީ އެކިއެކި
ކަންކަމުގައި ހަދާފައިވާ ބިނާތަކެވެ. ރާއްޖެއަށް އިސްލާމް ދީން އައުމާ ގުޅިގެން އެވޭލާ
ދިވެހިން އަޅުކަން ކުރަން ބޭނުންކުރި ބައެއް ތަކެއްޗާއި ތަންތަން ނައްތާލުމުގެ ނިޔަތުގައި
ފަސްއަޅައި ފޮރުވާލެވިފައިވެސް އެބަހުއްޓެވެ. އަނެއްބައި ތަންތަނުގެ މައްޗަށް
މިސްކިތްތައް ފަދަ ތަންތަން ޤާއިމު ކުރެވިފައި ހުރިކަންވެސް ފާހަގަ ކުރެވެއެވެ. މިގޮތުން
ލިޔުމުގައި ޚުޅާޞާކޮށް އަލިއަޅުވާލެވިފައިވާނީ، ދިވެހިރާއްޖޭގައި ހުރި
އާސާރީ ތަންތަކުގެ ތެރެއިން މަޝްހޫރުކަމަށް ފެންނަ ބައެއް ދާގަބާ، ހަވިއްތަ އަދި
ވޭރުފަދަ ތަންތަނުގެ މައްޗަށެވެ.
ދާގަބާ، ހަވިއްތަ އާއި ވޭރު ފަދަ ތަންތަނާ ބެހޭގޮތުން ބައެއް
ތާރީޚް ޢިލްމުވެރިން ދެކޭގޮތް
މިފަދަ
އާސާރުތަކަކީ އެވޭލާ ޒަމާނުގައި ރާއްޖޭގައި ދިރިއުޅުނު މީހުން އަޅުކަން ކުރަން
ހަދާފައި ހުރި ތަކެތިކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރެއިން ގިނަ އާސާރުތަކަކީ،
ޚާއްޞަގޮތެއްގައި ރާއްޖެއަށް އިސްލާމް ދީން އައުމުގެ ކުރީގައި އޮތްކަމަށް ބުނާ،
ހިންދޫ ދީނާއި، ބުދު ދީނުގެ މީހުން އަޅުކަން ކުރުމަށް ބޭނުންކުރި ތަކެތިކަމަށް ބެލެވެ
އެވެ. ހަބީބާ ޙުސެއިން ޙަބީބު ( 1984 ) ހާމަ ކުރައްވާގޮތުގައި ރާއްޖެއިން މިފަދަ
ޤަދީމީ އާޘާރުތައް ފެނިފައިވަނީ ސިލޯނު ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން މީލާދީން
1922 ވަނަ އަހަރު ފެއްޓެވި ދިވެހިންގެ ބިންތައް ކޮނެ ހޯއްދެވުމުގެ މަސައްކަތުންނެވެ.
މިކަމުގައި އިސްކޮށް ހުންނެވީ ދިވެހި ތާރީޚުގައި ނަން މަޝްހޫރު ސައްޔާޙު އެޗް.ސީ.ޕީ
ބެލް އެވެ. މިގޮތުން އެޗް. ސީ ޕީ ބެލް އާއި އޭނާގެ ބައިވެރިން ހޯދި ހޯދުމުން
ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ ޒަމާނަކަށް ބެލެވޭ ބުޑިޒަމްގެ ޒަމާނާއި ހިންދުވި
ޒަމާނުގެ ދާގަބާތަކާއި ހަވިއްތަތަކާއި، ހިންނަތަކާއި ،ހައިތަތަކުގެ އިތުރުން
ބައެއްކަހަލަ ވޭރުތަކާއި ތަރާގަނޑުތައްވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން
ފެނިފައިވާ ކަމަށާއި، މިފަދަތަންތަނަށް އެކި އަތޮޅުތަކުގެ މީހުން ތަފާތު ނަންތައް
ބޭނުންކުރި ކަމުގައި ވީނަމަވެސް މިއީ އެއްބޭނުމަކަށް ހެދިފައިވާ ތަންތަންކަމަށް
ނަސީމާ މުހައްމަދު (2007) ހާމަކުރައްވައެވެ.
ރާއްޖޭގައި ހުރި ދާގަބާ، ހަވިއްތަ އާއި އާސާރީ ތަންތަނުގެ
ތެރެއިން މަޝްހޫރު ބައެއް ތަންތަން
އއ. ތޮއްޑޫ ދާގަބާ
ތޮއްޑޫ މީހުން
އިހުގައި މިތަނަށް ކިޔަނީ '' ބޮޑު ގާފުނި''އެވެ. ތާރީޚު ކޮމިޓީ އިން ޓީމެއް ފޮނުއްވައިގެން
1958 ވަނަ އަހަރުގައި ތޮއްޑޫ ދާގަބާ ކޮނެގެން ދިރާސާކުރެއްވުމުގެ މަސައްކަތް
ފެއްޓެވި ކަމަށް ނަސީމާ މުހައްމަދު ( 2007 ) ހާމަކުރައްވައެވެ. މިކޮމިޓީގެ އެންމެ
އިސްކޮށް ހުންނެވީ މަރުޙޫމު މުހައްމަދު އިސްމާޢީލު ދީދީއެވެ. މިޓީމުން މިތަން
ކޮންނެވުމަށްފަހު ނެގި ފޮޓޯތައް ޔުނިވަރސިޓީ އޮފް ސިލޯން ޕޭރަދަނިޔާގެ ޑޮކްޓަރު
އެސް ޕަރަނަވިތާރާނަށް ފޮނުއްވައިގެން ދިރާސާކޮށްފައިވެއެވެ. ޑރ. އެސް.
ޕަރަނަވިތާރަނާ އާ ޙަވާލާ ދެއްވައި ނަސީމާ މުހައްމަދު (2007) ހާމަކުރައްވަނީ
މިތަނަކީ މާބޮޑު އިސްތޫޕާ އަކަށް ނުވި ނަމަވެސް މިއީ އާދަޔާ ޚިލާފު ގިނަ
ކަންތައްތަކެއް ހުރި މުހިއްމު ތަނެއް ކަމުގައެވެ.
މިތަނުން ބުއްދާގެ ބުދަކާއި ދެ ކުރަނޑިއާއި ފީވެފައިވާ ދެ
ފަތްކޮޅާއި މައުދަނުން ހަދާފައިވާ ކުޑަ ދަޅަކާއި ދެ ފައިސާ ފޮތީގެ އިތުރުން ރަން
ބަޑިއެއްވެސް ފެނިފައިވާކަމަށް އެޗް. ސީ. ޕީ ބެލްގެ މޮނޮގްރާފް (1940) ގައި
ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން ޑރ. އެސް ޕަރަނަވިތާރަނަށް ޙަވާލާ ދެއްވާ
ނަސީމާ މުހައްމަދު (2007) ހާމަކުރައްވާ ގޮތުގައި މިތަނުން ނެގިފައިވާ
ކުރަނޑިތަކަކީވެސް ކުދި އިސްތޫޕާތަކެއްގެ ގޮތަށް ހެދިފައިވާ އެއްޗިއްސެވެ.
ކ. ކާށިދޫ ކުރުހިންނަ ތަރާގަނޑު
ކާށިދޫ
ކުރުހިންނަ ތަރާގަނޑު ދިރާސާކުރެއްވުމަށް 1958މ. އަހަރު ތާރީޚު ކޮމިޓީއިން ޓީމެއް
ފޮނުއްވާފައިވެއެވެ. ނަސީމާ މުހައްމަދު (2007) ހާމަކުރައްވާގޮތުގައި މިތަނަށް
އިހުގައި އެ ރަށު މީހުން ކިޔާ އުޅުނީ '' ބޮޑު ގާފުނި ''އެވެ. މިތަން ސައިންޓިފިކް
ގޮތެއްގައި ބަލައި ދިރާސާކޮށްފައިވަނީ 1996 އިން 1998މ. އަށެވެ. މިމަސައްކަތް
ކޮށްފައިވަނީ ނޯވޭގެ އޮސްލޯ ޔުނިވަރސިޓީގެ ޕްރޮފެސްރ އެގިލް މިކަލްސަން ކިޔާ
އާކިއޮލޮޖިސްޓެކެވެ. މިދިރާސާއިން އެނގުނު ގޮތުގައި މިއީ މީލާދީން 4 ވަނަ ގަރުނުން
ފެށިގެން ބުޑިސްޓް ވޭރެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ވޭރެކެވެ. އަދިހަމަ
އެހެންމެ މިތަނުން ފެނުނު އިންސާނެއްގެ ކަށިގަނޑެއް ނޯވޭ އަށް ގޮސް ކާބަނޭޓް
ކުރުމުން އެކަށިގަނޑަކީ މީލާދީން 9 ވަނަ ޤަރުނާއި 10 ވަނަ ޤަރުނާއި ދެމެދު
މަރުވެފައިވާ މީހެއްގެ ކަށިގަނޑެއްކަން އެނގިފައިވެއެވެ. ސްރީލަންކާގެ ޕްރޮފެސަރ
ސޭނަޔަކަ ބަންޑާރަނަޔަކާ ޙަވާލާ ދެއްވާ ނަސީމާ މުހައްމަދު (2007) ވިދާޅުވަނީ މިތާނގައި
ކުރިންހުރި އިމާރާތްތަކުގެ ތަރަހަތައް ވައްތަރުވަނީ ޕާކިސްތާނާއި
އަފްޣާނިސްތާނުގައި ހުރި ބުޑިސްޓު ބިނާތަކުގެ ޑިޒައިންތަކާ ކަމުގައެވެ.
އެހެންކަމުން މިތަނުން ފެނިފައިވާ ތަކެތީގެ ތެރޭގައި މީލާދީން 990- 994 ވަނަ
އަހަރާ ދެމެދުގައި ޗައިނާގައި އުފައްދާފައިވާ ލޮއި ފައިސާ ފޮއްޗަކާއި ، ބޯތައްޓާއި
އެކި ކުލައިގެ މިނާތަކުގެ އިތުރުން ގިނަ ޢަދަދެއްގެ ބޮލިވެސް ފެނިފައިވެއެވެ.
މިތަނަކީ ސައިންޓިފިކް ގޮތެއްގައި ތަޙުލީލު ކުރެވިފައިވާ ހަމައެކަނި ތަންކަމަށް
ނަސީމާ މުހައްމަދު (2007) ހާމަކުރައްވައެވެ.
ލ. ގަމު ހައްތެލި
މިތަން ހުންނަނީ
ލ. ގަމު މުކުރިމަގު އަވަށު [މުދިން ހިންނާ] ނަމަކަށް ކިޔާ ސަރަޙައްދެއްގަ އެވެ. ގަމު
ހައްތެލީގެ އުސްމިނަކީ 24 ފޫޓު ކަމަށާއި، އެތަކުގެ ވަށަމިނުގައި 300 ފޫޓު
ހުންނަކަމަށް ދިރާސާކުރެއްވި ބޭފުޅުން ވިދާޅުވެއެވެ. 1922މ. ގައި އެޗް.ސީ.ޕީ ބެލް އެތަން
ކޮންނަވާ ދިރާސާ ކުރެއްވި ކަމަށް އޭނާގެ މޮނޮގުރާފުގައި ލިޔުއްވާފައި ވެއެވެ. އެޗް.ސީ.ޕީ
ބެލް (1922މ.) އޭނާގެ މޮނޮގުރާފުގައި ބަޔާންކޮށްފައިވާ ގޮތުގައި ލ. ގަމު
ހައްތެއްޔަކީ އިހުގައި ބުޑިސްޓް ދީނީ އެކުވެންޏެއް ހުރި ތަނެކެވެ. އެތަނުން ނެގުނު
ބައެއް އާޘާރީ ތަރިކަތައް ބެލް ސިލޯނަށް ގެންދެވިކަމަށް ވެއެވެ. އެ ސަރަޙައްދަކީ
މޫދާ ކައިރި ސަރަޙައްދަކަށް ވެފައި، ހަލުވިކަމާއެކު އެ ސަރަޙައްދު ގިރަމުންދާތީ، ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އިސްނަގައިގެން 2000
ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އެ ސަރަހައްދާ ދިމާ މޫދުގައި 550 ފޫޓުގެ
ތޮށިގަނޑެއް ލައިފައި ވެއެވެ. ނަމަވެސް ތަނަށް މާބުޑު ސަމާލުކަމެއް ނުދީ
ދޫކޮށްލާފައި އޮތުމުގެ ސަބަބުން ތަފާތު ގެއްލުންތައް ލިބި މިހާރު އެތަން ވަނީ
ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ލ. އިސްދޫ ބޮޑު ހައްތެލި
މިއީ ލ. އިސްދޫ
އުތުރު ފަރާތު ގޮނޑުދޮށާ ގާތްގަނޑަކަށް 450 ފޫޓު ދުރުގައި ހުރި އުސްގަނޑެކެވެ.
އެތަނުގެ އުސްމިނުގައި 45 ފޫޓު ހުރިއިރު، ވަށަމިނުގައި 360 ފޫޓު ހުރެ އެވެ. މިއީވެސް
ބުޑިސްޓު ދީނީ އެކުވެންޏެއް ހުރި ތަނެއްކަމަށް ނަސީމާ މުޙައްމަދު (2007) ބަޔާންކުރައްވާފައި
ވެއެވެ. އެ ސަރަޙައްދުގެ މުއްޔާ ހަމައަށް ރާޅުއަރާ ގިރާލުމުގެ ސަބަބުން އެ
ސަރަޙައްދު ނެތިގެން ދިޔަ ނުދިނުމަށްޓަކައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ
ޤައުމީ މަރުކަޒުން އިސްނަގައިގެން 2002 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި
އެސަރަހައްދާ ދިމާ މޫދުގައި 500 ފޫޓުގެ ތޮށިގަނޑެއް ލައިފައި ވެއެވެ.
ނ. ލަންދޫ މާބުދުގެ ހައިތަ
ނ. ލަންދޫ މީހުން
އެތަނަށް ކިޔާއުޅެނީ [ހަތްކަ] މި ނަމެވެ. ނަމަވެސް، މިތަނަށް އިހުގައި ކިޔާއުޅުނު
ނަމަކީ މާބުދުގެ ކަމަށް ވެއެވެ. އެ ހައިތައިގެ ވަށަމިނުގައި ހުރީ 292 ފޫޓެވެ. އަދި
އުސްމިނުގައި 28 ފޫޓު ހުންނަކަމަށް ވެއެވެ. 1990މ. ގައި މރ. ސްޓޭންލީ ގާރޑިނަރ
ސައިންޓިފިކް ދިރާސާތަކެއް ކުރެއްވުމުގެ ދަތުރެއްގައި އެސަރަޙައްދަށް ވަޑައިގަތެވެ.
އެއިރު އެތަނުގައި ހަތަރެސްކަނަށް ގަލުން ހަދާފައިވާ ފެންވަޅެއް ހުރި ކަމަށާއި، އެ
ވަޅުގެ ތެރެއިން ރަނާ، ރަންވަން ލޮއިން ހަދާފައިވާ ޑިސްކުތަކެއް ފެނުނުކަމަށް އޭނާ
ލިޔުއްވާފައި ވެއެވެ. މިވާހަކަ ބެލް އޭނާގެ މޮނޮގްރާފުގައިވެސް ލިޔުއްވާފައި ވެއެވެ.
18 މެއި 1987މ. ގައި [އާރކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާ]ގެ ފަރާތުން ކުރެއްވި
ދިރާސާއިން އެނގިފައިވާ ގޮތުގައި ލަންދޫ މާބުދުގެ ހައިތައަކީ ވެސް ބުޑިސްޓް ދީނީ އެކުވެންޏެކެވެ. އެތަނުގައި ފައްޅިއެއްގެ
އަލާމާތްތައް ފެންނަން ހުރި ކަމަށާއި، އެފައްޅި ހަލާކުކޮށްލާފައި ވާކަމަށް ވެސް،
އާރކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިޔާ (1987މ.) ހާމަކުރައްވާފައި ވެއެވެ. ހަމައެއާއެކު،
އެސަރަޙައްދާ ވަރަށް ކައިރިން ދެކުނު ބްރަހުމީ އަކުރުމް ލިޔެފައިވާ ހިރި ގަލެއް
ފެނިފައި ވާކަމަށާއި، ދިރާސާއިން ދައްކާ ގޮތުގައި އޭގައި ލިޔެފައިވަނީ، ވަޖުރަޔާނާ
ބުޑިޒަމްގެ ފަންޑިތަ ކަމުގައި ވެސް އެބޭފުޅުން ހާމަކުރައްވާފައި ވެއެވެ.
އދ. ފެންފުށީ އާސާރީ ވެޔޮ
މި ވެވަކީ އެރަށުގައިވާ
ދުވަސްވީ އާޘާރީ މިސްކިރުގެ ގޯތިތެރޭގައިވާ ވެވެކެވެ. ވެވުގެ ގަލުވަޑާމަށް
ބަލާއިރު، ބުޑިސްޓު ދީނުގެ ވެވެއްކަމަށް ބެލެވޭކަމުގައި، ނަސީމާ މުޙައްމަދު
(2007) ހާމަކުރައްވަ އެވެ. މި ވެޔޮ ފަސްލައި ފޮރުވާލާފައި ވަނިކޮށް، ދިވެހިބަހާ
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން، 2000މ. ގައި އެތަން އަލުންކޮނެ، ތަނުގެ
ވަށައިގެން ހިޔާކޮށް އާޘާރީ ތަނެއްގެ
ގޮތުގައި ހިމާޔަތް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
ތ. ކިނބިދޫ ވޭރު
މި ވޭރުގެ
ވަށަމިނުގައި 245 ފޫޓު އަދި އުސްމިނުގައި 29 ފޫޓު ހުރިކަމަށް ވެއެވެ. 23
ސެޕްޓެމްބަރު 1958 ވަނަ އަހަރު މިތަން ދިރާސާ ކުރުމަށްޓަކައި، އަލް މަރްޙޫމް
މުޙައްމަދު އިސްމާޢީލް އެތަން ކޮންނެވިކަމަށްވެއެވެ. މިތަނުން ފެނުނު ބައެއް
އާސާރީ ތަކެތި މާލެ ގެނެސް މާލޭ ދާރުލް އާސާރުގައި އަދިވެސް އެބަހުއްޓެވެ. ފެނިފައިވާ
ހެކިތަކުގެމައްޗަށް ބިނާކޮށް މިތަނަކީ ވެސް، އިހުގައި ބުޑިސްޓު ދީނީ
ބިނާއެއް ހުރި ތަނެއްކަން ފާހަގަ ކުރެވޭކަމުގައި، މުޙައްމަދު އިސްމާޢިލް ދީދީ
(1958މ.) ހާމަކުރައްވާފައިވެ އެވެ.
ފ. ނިލަންދޫ ފޯއްމަތި
މިތަން އޮންނަނީ
އެރަށު އިރުމަތީ ފަރާތު ގޮނޑުދޮށާ ގާތްގަނޑަކަށް 250 ފޫޓު ދުރުގައެވެ. 1983މ. އާއި
1984މ. ގައި ތޯހައިދާލް އެތަން ބައްލަވައި، އެއީވެސް ބުޑިސްޓު ދީނީ ބިނާއެއް ހުރި
ތަނެއްކަން ފާހަގަ ކުރެއްވި އެވެ. މިތަނުން ނެގި ބައެއް ތަކެތި ކާރބަނޭޓްކޮށް ބެލި
ބެލުމުން، މީލާދީން 540 އާއި 670އާ ދެމެދުގެ އަހަރުތަކުގެ ތެރޭގައި އެ ތަނުގައި ވޭރެއް
ހުރިކަން އެނގުނެވެ. އަދި ފެންބޯ ވަޅެއް ހުރިކަންވެސް ސާބިތުވި އެވެ. ހަމައެއާއެކު،
ބޭރުގެ ވިޔަފާރި ނައުތައް އެރަށަށް ދަތުރުކޮށް އުޅުނުކަމަށް ތޯހައިދާލް (1984މ.)ގެ
ދިރާސާގެ އަލީގައި ހާމަކޮށްފައި ވެއެވެ.
ނިންމުން
ދިވެހިންގެ އެންމެ
އެވޭލާ ބިނާތައް ކަމުގައި މިއަދު ފެންނަން ހުރީ ދާގަބާ، ހަވިއްތަ އަދި ވޭރުފަދަ
ތަންތަނެވެ. އެފަދަ ތަންތަނަކީ ރާއްޖެ އިސްލާމް ވުމުގެ ކުރިން ރާއްޖޭގައި އޮތް
ބުދު ދީނުގެ ތާރީޚީ ރަމްޒުތަކެއްގެ ގޮތުގައި ފެންނަން ހުރި ހެކިތަކެވެ. މިފަދަ
ބިނާތައް ދިރާސާކޮށް ހޯދިފައިވާ ހޯދުންތަކުގެ ސަބަބުން ރާއްޖޭގެ މާޒީވި ތާރީޚުގެ
އެތައް ފަތްފުއްތަކެއް ރައްކާކުރެވިފައިވެއެވެ. އެހެންނަމަވެސް، ރާއްޖޭގައި
އަދިވެސް ދިރާސާ ނުކުރެވި ހުރި އެތައް އެތައް އާޘާރުތަކެއް ވާކަން ފާހަގަ
ކުރެވެއެވެ. ދިރާސާ ނުކުރެވި ހުރި އާސާރުތައް ހޯދާ ބަލައި އެތަކެތީގެ މައްޗަށް ޢިލްމީ
ދިރާސާތަކެއް ކުރެވިއްޖެނަމަ، ދިވެހި ތާރީޚަށް އައު ތާރީޚީ ބޮޅުތަކެއް އިތުރުވެގެންގޮސް
ތާރީޚް އިތުރަށް މުއްސަނދި ވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އެހެންކަމުން، ރާއްޖޭގެ ތާރީޚު
އަންނަން އޮތް ޖީލާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އެވޭލާ އާސާރުތަކުގެ
އަސަރުތައް ވަޅުޖެހި ފަނާވިޔަ ނުދީ ހިމާޔަތް ކުރުމަކީ ހަނދާނާ ތާރީޚަށްޓަކައި ނުހަނު
ބޭނުންތެރިކަމެކެވެ.
ރިފަރެންސް ލިސްޓް
ޙަބީބާ ހުސެން ޙަބީބު (1984) ކޮނުމުގެ މަސައްކަތް. ފަތްތޫރަ
65. (6). ޞ. 17 - 19
ނަސީމާ މުހައްމަދު (2007). ދިވެހި ރާއްޖޭގައި ހުރި އާސާރީ
ތަންތަން. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚީދުމަތްކުރާ ޤައުމީ މަރުކަޒު.
އެޗް. ސީ. ޕީ ބެލް. (1940). ދަ މޯލް ޑިވްސް
އައިލެންޑްސް މޮނޮގްރާފް އޮން ދަ ހިސްޓްރީ އާރކިއޮލޮޖީ އެންޑް އެޕިގްރަފީ.
ކޮލޮންބޯ. ސިލޯން ގަވަރމެންޓް ޕްރެސް.
މުހައްމަދު އިސްމާޢީލް ދީދީ. (1981). ކްރިސްޓޮފަރގެ
ނަޒަރުގައި ދިވެހިން. މާލެ ޑިޕާޓްމެންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑް
ކާސްޓިން.
މުހައްމަދު އިސްމާޢީލު ދީދީ. ޕިރާޑްގެ ގަލަމުން ދިވެހި
ރާއްޖެ. (މަލަސް55). މާލެ: ދިވެހި ބަހާއި ތާރީޚަށް ޚީދުމަތް ކުރާ ޤައުމީ
މަރުކަޒު.
ދިވެހި ބަހާއި ތާރީޚަށް ޚީދުމަތްކުރާ ޤައުމީ
މަރުކަޒު. (2000). ދިވެހި ބަސް ފޮތް. މާލެ: ދިވެހި ބަހާއި ތާރީޚަށް
ޚީދުމަތް ކުރާ ޤައުމީ މަރުކަޒު.
No comments:
Post a Comment