ލިޔުނީ: މޫސާ މާހިރު
ނިޔާމަ ދަތުރަކަށްފަހު،
އެއަރ ލަންކާގެ މަތިންދާބޯޓު އައިސް އިބްރާހިމް ނާސިރު ބައިނަލްއަޤުޥާމީ ވައިގެ
ބަނދަރުގައި ޖައްސައިފިއެވެ. 154 ވަނަ މީހާގެ ފަހަތުން ނާޝިދު ނުކުތީ ފޮނި
އުންމީދުތަކާއި އެކުގަ އެވެ. ރަންވޭގައި ފައި ޖެހުމާއެކު، ނާޝިދަށް ކުރެވުނީ
މުޅިން ތަފާތު އިޙުޞާސެކެވެ. ވާނީވެސް އެހެންތާއެވެ. ފަސް އަހަރު ކޮށްފައި ރާއްޖެ
އައިއިރު ބޮޑެތި ބަދަލުތަކެއްވަނީ އައިސްފަ އެވެ. އެ ބަދަލުތައް އެންމެ ކައިރިން
ފެށިގެން ދުރަށް ފެންނަން ހުއްޓެވެ. ޢިމާރާތްތަކުގެ ސިފައިގަ އެވެ. ޓާމިނަލް
ތެރެވެސް އެހާ ފުރިހަމަ އެވެ. ޚިދުމަތްތައް ނުހަނު ރަނގަޅެވެ. މުޥައްޒަފުންގެ ހިނިތުންވުމާއި
އޯގާތެރިކަމުން، ހަލާކުވެފައިވާ
ހިތްތަކަށް ވެސް ވަގުތީ ފަރުވާއެއް ލިބޭ ކަހަލައެވެ. އަތްދަބަސް ކޮނޑުގައި
އަޅުވާލައިގެން އަތުން ފޮށި ހިފައިގެން ޓާމިނަލް ތެރެއިން ބޭރަށް ނުކުމެ ނާޝިދު
މިސްރާބުޖެހީ މާލެ ދިއުމަށެވެ. ފުރަން ތައްޔާރުވެފައިވާ ފެރީއާ ދިމާއަށެވެ.
ފެރީއަށް އެރުމާއެކު
ނާޝިދަށް ފެނުނީ އޭނާގެ ދުވަސްވީ ރަޙުމަތްތެރިޔާ ސަލީމެވެ. މާލޭމީހުންގެ
ބަހުރުވައިންނަމަ ލައްކަބޭ އެވެ. އޭނާއަށް އެ ނަން ދެވުނީ އޭނާގެ
މުއްސަނދިކަމުންނެވެ. މުދައުވެރިކަމުންނެވެ. އޭނާއާއެކު، ގައިގޯޅިވެފައި އަންހެނަކު
އިނެވެ. ޒުވާން ކުއްޖެކެވެ. ފަސްއަހަރު ފާއިތުވީނަމަވެސް، ނާޝިދަކަށް ސަލީމުގެ
އަނބިމީހާ ޒުލޭޚާއެއް ނޯޅޭނެ އެވެ. ވާނުވާ ބަލަން ނާޝިދު ބޭނުންވިއެވެ. ސަލީމުގެ
ކުރިމައްޗަށް ހުއްޓި ސަލާމަށް އަތް ދިއްކޮށްލުމަށްފަހު، ނާޝިދު ބުންޏެވެ. [އަހަރެން
މީ ނާޝިދު]. ދުވަސްގަނޑަކަށްފަހު ނާޝިދު ފެނުމުން ސަލީމަށް ލިބުނީ ކުއްލި
ސިހުމެކެވެ. [ކޮންތާކު ތިޔަ އުޅެނީ؟ ހާދަ ދުވަހެއް ވެއްޖޭ ނުފެންނަތާ؟] ސަލީމު
ސުވާލު ކުރިއެވެ. [އަހަރެން މި އައީ ފަސް އަހަރު ވަންދެން ރާއްޖެއިން ބޭރުގައި
ދަތުރުކުރަން ގޮސް އުޅެފައި] ނާޝިދު ޖަވާބު ދިނެވެ. އަންހެން ކުއްޖާއާ ދިމާއަށް
އިޝާރާތް ކޮށްލުމަށްފަހު، ނާޝިދު ސުވާލުކުރި އެވެ. [ސަލީމް، މިއީ ކޮން ކުއްޖެއް...
އަންހެނުންގެ ކޮއްކޮއެއްތަ؟ ނޫނީ...] ވާހަކަ މެދުކަނޑާލުމަށްފަހު ސަލީމު
ޖަވާބުދިނެވެ. [މިއީ އަހަރެންގެ މިހާރުގެ އަނބިމީހާ... ރީތި ދޯ!] ރާޔާ ނާޝިދާ
ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލި އެވެ. [އަހަންނަށް ކިޔަނީ ރާޔާ] ނާޝިދަށް
ލިބުނީ ހައިރާންކަމެކެވެ. ނާޝިދު ހިތަށް އެރިއެވެ. ބަދަލު މިއައީ ހަމައެކަނި
މާއްދީ ގޮތަކުން ނޫނެވެ. އިންސާނުންގެ ހިތްތައް ވެސް މިވަނީ ބަދަލުވުމުގެ
އޮއިވަރެއްގެ ތެރޭގަ އެވެ. ނަމަވެސް، އިތުރު މީހަކަށް ނޭނގުނަސް ނާޝިދުގެ ހިތަކީ
ބަދަލުވާނޭ އެއްޗެއް ނޫނެވެ. މިހިސާބަށް ވާހަކަ ދިޔައިރު، ދޯނި ކަނޑިންމައިން
ވަދެގެން އައިސް މާލެއަށް ލެފުނީ އެވެ. ދެ ރަހުމަތްތެރިން ވަކިވުމުގެ ސަލާމް
ކުރުމަށްފަހު، ނާޝިދު ހިނގައިގަތީ ބޭންކާ ދިމާއަށެވެ.
ބޭންކުގެ ސަފުތައް އެހާމެ
ދިގެވެ. ކިޔު ނަމްބަރު ޖެހެންދެން ކެތްތެރިކަމާއެކު އިނުމަށްފަހު، ފަސްއަހަރުގެ
ތެރޭގައި އޭނާއަށް ޖަމާކުރެވުނު އެއް މިލިއަން ދިވެހި ރުފިޔާގެ ތެރެއިން ފަސް
ލައްކަ ރުފިރާ ނަގައިގެން ނާޝިދު ބޭންކުން ނުކުތީ އޭނާގެ ހިތުގެ މަންޒިލަށް
ދިއުމަށްޓަކައެވެ. އޭނާގެ އުފަން ރަށަކީ، ކ. ހުރާ ނަމަވެސް، އޭނާގެ މަންޒިލަކީ، ކ. ތުލުސްދޫ އެވެ.
އެއީ އޭނާގެ އުފާތަކާ ގުޅިފައިވާ އޭނާ އެންމެ ދާން ބޭނުންވާ އަދި އެންމެ އުޅެން
ބޭނުންވާ މަންޒިލެވެ. ލޯތްބާއި، އޯގާތެރިކަމާ، ކެހިވެރިކަމާ އަނިޔާވެރިކަން
ފުރަތަމަ ފަހަރަށް އޭނާ ތަޖުރިބާކުރި ފަސްގަނޑަކީ ވެސް އެއީ އެވެ.
ކުލީ ލޯންޗުގައި ސާޅިސް
ފަސް މިނެޓު ދުއްވުމަށްފަހު، ލޯންޗު ގޮސް ތުލުސްދޫ ފަޅަށް ވަންއިރު، ކުރިއެކޭވެސް
އެއްގޮތެވެ. އެއްވެސް ތަފާތެއް ނެތެވެ. ކުދިވެރިން މޫދަށްއެރި މަޖާނަގަނީ އެވެ.
ދެބައި ޢުމުރުގެ މީހުން ބޮއްކުރާގައި ފަލިޖަހަމުން މަސްބޭނުމުގައި
ޙަރަކާތްތެރިވަނީ އެވެ. އަހަރަކު ދެ މޫސުމުގައި ފަޅުތެރެއަށް ވަންނަ، މުށިމަސްގަނޑު ވަދެގެން
އުޅެނީކަން ނާޝިދަށް ޔަޤީން ކުރެވުނެވެ.
ދަތުރުގެ އަގު
އަދާކުރުމަށްފަހު، ދަބަސް ކޮނޑުގައި އަޅުވައި ފޮށި އަތުން ހިފައިގެން ނާޝިދު
ބެހެއްޓީ ތުލުސްދޫ ރައްޔިތުންގެ ގެސްޓު ހައުހާއި ދިމާއަށެވެ. ސަބަބެއް
ނެތިއެއްނޫނެވެ. އޭނާއަށް މަރުޙަބާކިޔާނޭ މީހަކު ހުންނާނެކަމާމެދު އޭނާއަށް ޝައްކު
އުފެދޭތީ އެވެ.
މެންދުރުން އަނބުރާލި
ވަގުތެވެ. ފެންވަރާ ނަލަވެގެން ނާޝިދު ނުކުތީ އޭނާ ހިތްްއެދޭ މަންޒިލަށް ދިއުމުގެ
މަޤުޞަދުގަ އެވެ. ނާޝިދަކީ ޢުމުރުން 25 އަހަރުގެ ހަރުދަނާ ފިރިހެނެކެވެ. އަޚުލާޤު
ރަނގަޅު ދީންވެރި އުޅުން ކިތަންމެހާވެސް ރަނގަޅު ޒުވާނެކެވެ. އަންހެން
ޖިންސުއްލަޠީފުން ހިތްކިޔާނޭ އެތައް ސިފަތަކެއް ލިބިފައިވާ، ތެދު، އިސްކޮޅުން ދިގު، ގައިގެ ކުލަ އަލި
ޒުވާނެކެވެ. މަގުގެ ދެ ފަރާތަށް ބަލަމުން، ދިރާސާކުރާ މީހެއް ފަދައިން ކަޅިއުކަމުން، ނާޝިދު މިސްރާބު ހުރީ
ކަރަންކާގެއާ ދިމާއަށެވެ.
[ނާޝިދު]
ފަހަތުން މީހަކު
ގޮވާލިއަޑަށް ފަސްއެނބުރި ބަލައިލި އިރު، ރަޙީމާ އެވެ. އެއްދުވަސްވަރެއްގައި
ނާޝިދާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުނު ކުއްޖެކެވެ. އޭނާގެ ކަފުގައި
ދެފޫޓުބައި ހަމަވާ ނުވާވަރުގެ ގޮލަޔަކު ހުއްޓެވެ. އޭނާވެސް ޒަވާޖީ ޙަޔާތެއް
ފަށައިގެން އުޅޭކަން ނާޝިދަށް ޔަޤީން ކުރެވުނެވެ. [އަހަރެން ހީކުރީ ނާޝިދަށް
މިރަށް ޙަރާމީ ކަމަށް]. ރަޙީމާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. [ކީއްވެ
އަހަންނަށް މިރަށް ޙަރާމް ވާންވީ؟] [އަހަރެންގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ މި
ފަސްގަނޑާ]. ނާޝިދު ބުންޏެވެ. ހިނިގަނޑެއް ޖަހައިލުމަށްފަހު، [އުންމީދަކީ
ކަރަންކާގޭ ނާޒު ދޯ!]. [އޭނާއަށް މީހަކު ލަނޑެއް ދިނިއްޔޯ!]. މަލާމާތުގެ ރާގަށް
މިހެން ބުނުމަށްފަހު، ރަޙީމާ ހިނގައިގަތެވެ.
ނާޝިދުގެ ހިތުގައި
ސުވާލުތައް އެނބުރެން ފަށައިފި އެވެ. [ކޮން ލަނޑެއް ... ކާކު؟] ނާޝިދަށް ހިތާހިތާ
ކިޔާލެވުނެވެ. ކުއްލިއަކަށް ހަނދާންވީ ނާޒު ނާޝިދަށް ފޮނުވި އެންމެ ފަހުގެ ސިޓީގެ
މަތިންނެވެ. ވޮލެޓުން ސިޓީ ނެގުމަށްފަހު، މޭގައި ޖައްސައިލި އެވެ. އެއަށްފަހު،
ސިޓީ ގަމީހު ޖީބަށް ވައްޓާލިއެވެ. [ނާޒު އެއީ އަހަރެންގެ މިލްކެއް... އޭޏާ ލިބޭނީ
އަހަންނަށް]. މިފަދަ ޚިޔާލުތަކެއްގައި ހުރެގެން ނާޝިދު ކަރަންކާގެއާ އަރާ ހަމަކުރި
އެވެ.
ގޯތިތެރެއިން ފެންނަނީ
ފަޅުކަމެވެ. ނާޒުގެ ބައްޕަ ކާސިމްބޭ ހިންގި ފިހާރައަށް ވަނީ ބާމުދާލާ ފުރާފައެވެ.
ހީވަނީ ކުޑަވަރެއްގެ ގުދަނެއް ހެންނެވެ.
ހާޖަރާ ބުނާނެ
އެއްޗަކަށް ބިރު ކަނޑާލުމަށްފަހު، ނާޝިދު ދޮރާށިން އެތެރެއަށް ވަނެވެ. ސަލާމް
ގޮވާލުމާއެކު ސަލާމް ބަލައިގަތީ ވާތްފަރާތު އުނދޯލީގައި ގުޑުގުޑާ ދަމަން އިން
ހާޖަރާއެވެ. ހާޖަރާއަށް ލިބުނީ ސިހުމެކެވެ. ގުޑުގުޑާގެ ނޮޅިން އަތް
ދޫކޮށްލުމަށްފަހު، ދަރިފުޅާ ނާޒޫއޭ ކިޔާ ގޮވާލިއެވެ. ހަމަ އަޑު އިވުމާއެކު ގޭގެ
އެތެރެގޭތެރެއިން ބޭރަށް ނާޒު ނުކުމެ ބޭރު ބަލައިލި އެވެ. ވީ އުފަލުން ނާޝިދުއޭ
ކިޔާ ހަޅެލަވައިގަނެވުނެވެ. އެއިރު ނާޒުގެ ޙާލަތު ނާޒަށް ޚުދު ނޭނގޭ ކަހަލަ އެވެ.
ނާޒު ފެނުމާއެކު ރަޙީމާ
ބުނި ޖުމުލައިގެ ހަނދާން އައުވެއްޖެ އެވެ. ނާޝިދަށް ލިބުނީ ޝޮކެކެވެ. ނާޝިދު
އަންނާނެ ދުވަހަކަށް ނާޒު އިންތިޒާރު ކުރާނެ ކަމުގައި އޭނާ ބުނި ބުނުމަކީ ބުހުތާނު
ދޮގެކޭ ނާޝިދު ހިތަށްއެރިއެވެ. އަތް ނުފޯރާވަރަށް ފުފިފައިވާ ނާޒުގެ ބޮޑު ބަނޑު
ފެނުމުން ނާޝިދު ފަސްދީ ދާން ހިނގައިގަތެވެ. އޭނާ ހިފެހެއްޓީ ހާޖަރާ އެވެ. ހާޖަރާ
ރޯންފަށައިފި އެވެ. ނާޝިދު އަޑުއަހަން ބޭނުންނުވި ނަމަވެސް، ވާހަކަތައް އަޑުނާހާހާ
ހިތްވަރެއް އޭނާގެ ނެތެވެ. ހާޖަރާ މިއަދު ރޮއެ ހޭރެނީ އޭނާގެ ކުށުންނެވެ. އޭނާ
އަމިއްލައަށް އެކަމަށް އިޢުތިރާފު ވެއްޖެ އެވެ. ނާޝިދު ޖީބުން ސިޓީ ނަގާ
ބޮނޑިކޮށްލުމަށްފަހު، ނާޒުގެ ފައިބުޑަށް އެއްލައިލި އެވެ.
ނާޒު ސިޓީ
ރޫޅާލުމަށްފަހު، އަސަރާއެކު ކިޔަން ފެށި އެވެ. އެއީ އޭނާގެ އަތު ލިޔުމެވެ. މީގެ
ފަސް އަހަރު ކުރިން އޭނާ ލިޔެފައިވާ ލޯބީގެ ޢިބާރާތްތަކެވެ. [އަހަރެން މަރުވިޔަސް
އެހެން މީހަކާ ނީންނާނަން. އަހަރެން މީ ނާޝިދުގެ މިލްކަކަށް އަބަދުވެސް ވާން
ބޭނުން]. ސިޓީގެ އެންމެ ފަހު ޢިބާރާތް ކިޔުމަށްފަހު، ނާޝިދުގެ ދެފައިބުޑަށް ވެއްޓި
ނާޒު އޭނާގެ ޑައިރީ ހުޅުވާލި އެވެ. [އަހަރެންނަށް މިހާލު ޖެހުނީ މަންމަގެ
ސަބަބުން. މުއްސަންޖަކާ ކައިވެނި ކުރުވަން އުޅެންހަދައިގެން ލިބުނު ލަނޑު މީ. އޭނާ
އަހަންނަށް ބޮނޑި ދީފައި ފުރީ. އަހަރެންގެ ބަނޑުގައި މިއޮތީ އޭނާގެ ނަޙަލާލު
ދަރިއެއް. މިއަދު އެންމެން ވެސް އަހަރެންނަށް ނަފުރަތު ކުރޭ. ނާޝިދު ބުނީމެއްނު
އަހަރެން ދެކެ ލޯބިވެޔޭ. ލޯބިވަންޏާ އަހަރެން ވިހާ ގަދަވުމުން އިންނާނަން ދޯ!]. ނާޒު
އަޑުން އަޑުނަގާ ރޯންފެށި އެވެ.
ނާޝިދު ލޯމަރާލި އެވެ. އޭނާއަށް
ފެނުނީ ނާޒާ ކައިވެނިކޮށްފިނަމަ، މައިންބަފައިން ރުޅިއަންނާނެ މަންޒަރެވެ. އެއްކަލަ
ނާޝިދު ރަންޑި ކޫޑިއަކާ އިނދެތްފޭ ކިޔާ ރައްޓެހިންނާއި، ގާތް މީހުން ފޮށޭނެވަރު
ހިތަށްއަރާ ނާޝިދު ބޯ ހޫރުވާލި އެވެ.
[ނޫން ނާޒު... އަހަރެންގެ ކައިވެނި ވަނީ މިހާރު ތައްޔާރުވެ ނިމިފައި]، މިހެން ބުނެ އަތްދަބަސް ނަގާ ފަސް ލައްކަ ރުފިޔާ ނާޒަށް
ހަދިޔާކުރުމަށްފަހު، ނުރުހުންވެފައިވާ ހިތަކައިގެން މޮޅިވެރިކަމާއެކު، ކަރަންކާގޭ
ބޮޑު ދޮރާށިން ނުކުމެގެން ނާޝިދު ހިނގައިގަތެވެ. ދެން އިތުރަށް އެނބުރި ނައުމަށް
ޢަޒުމު ކަނޑައަޅައިގެންނެވެ. ފަހަތުން ރޮމުން ނާޒު ވެސް ނުކުތެވެ. ނަމަވެސް، އިސްޖެހިގޮތަށް
ބަލައިވެސްނުލާހުރެ ނާޝިދު ދިޔައީ ފުރާށެވެ.
.......................................................
No comments:
Post a Comment