Wednesday

ކޮންސްޓްރަކްޓިވް ނަޒަރިއްޔާތާއި ޕިއާޖޭ

އެކި މީހުންކޮންސްޓްރަކްޓިވިޒަމްގެ ޚިޔާލުތައް ބިނާވެފައިވަނީ މަޝްހޫރު ޕިއާޖޭ އާއި ވައިގޮޓްސްކީ ތިއަރީގެ މައްޗަށެވެ. މި ތިއަރީގަގެ ޢިލްމުވެރިން ދެކެލައްވާ ގޮތުގައި މަޢުލޫމާތާކީ ކުލާހުގެ ކުރިމަތީގައި ހުރެ ކޮންމެހެން ކިޔާންޖެހޭ އެއްޗެއް ނޫނެވެ. ކުދިން މަޢުލޫމާތު އުނގެނެނީ ކުރިން އެނގިފައިވާ އެއްޗަކާއި އެއްކޮށްލައިގެންނެވެ. ދަރިވަރުންނަކީ އަދި ކުދިންނަކީ އުނގެނޭ ބައެކެވެ. މަޢުލީމާތު ބިނާވެސް ކުރާ ބައެކެވެ. އެކުދިންގެ އުނގެނުން ބިނާވަލީ އުފެދި ބޮޑުވާ މަރުޙަލާތަކާއި ގުޅޭގޮތުން ވިސްނޭ ވިސްނުންތަކާއި، ވަށައިގެންވާ މާޙައުލުން ބަދަލުކުރެވޭ އިޖުތިމާޢީ ގުޅުންތައް މެދުވެރިކޮށެވެ.
 
ސުވިޒަލެންޑުގެ މަޝްހޫރު ނަފްސާނީ ޢިލްމުވެރިއެއް އަދި ފިލޯސަފަރެއް ކަމަށްވާ، ޖީން ޕިއާޖޭ (1896-1980) ދުނިޔެއަށް މަޝްހޫރު ވެފައިވަނީ، ސިކުނޑިއާއި ގުޅުވައިގެން ކުދިން އުނގެނޭ ނުވަތަ ދަސްކުރާ ގޮތުގެ ނަޒަރިއްޔާއެއް ހުށހެޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ޖީން ޕިއާޖޭ (1896-1980) ދެކެލައްވާ ގޮތުގައި އުނގެނުމަކީ ކުއްޖާއާއި މާހައުލާ ދެމެދުގައި ހިނގާ މުއާމަލާތްތަކެއްގެ ސަބަބުން އަދި ކުއްޖާގެ މާހައުލަށް ހޭނުމަށްޓަކައި ކުރެވޭ ތަޖުރިބާތަކެއްގެ ސަބަބުން ކުއްޖާ ވިސްނުން ބޭނުންކުރާ ގޮތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އައިސް ކުރިއެރުން ލިބުމެވެ. ޖީން ޕިއާޖޭ (1896-1980) ޤަބޫލުކުރައްވާ ގޮތުގައި ކުދިން މާހައުލުން ފެންނަ ތަކެއްޗާއި މުއާމަލާތު ކުރުމުގެ ފުރުޞަތު ލިބި، އަތްލައި، ބަލައި، އެއްލައި، ހިފައި، އަޑުއެހުން ފަދަ ޙަރަކާތްތަކުގެތެރެއިން ލިބޭ ތަޖުރިބާތަކުން އެކުދިން އަމިއްލައަށް މަޢުލޫމާތު ލިބިގަނެ އެވެ. ނުވަތަ ކުދިން އުނގެނުން އަމިއްލައަށް ބިނާ ކުރެ އެވެ. މިގޮތަށް ކުދިންނަށް ލިބޭ ތަޖުރިބާތަކުގެ އަލީގައި އެއްޗެހި އުނގެނެ އެވެ.
މިސާލަކަށް ހަމައެކަނި ކުދިން ބަސް ދަސްކުރާ ގޮތަށް ބަލައިލި ނަމަވެސް މިކަން އެނގެ އެވެ. ކުދިންގެ ކިބައިގައި ބަސް އަށަގަތުމުގައި ވެސް ހަރުފަތްތަކެއްގެ ކަޑައްތުކުރެއެވެ. މި ހަރުފަތްތައް ނުވަތަ މަރުޙަލާތަކަކީ ވަކި ޤައުމަކަށް ނުވަތަ ވަކި ޘަޤާފަތަކަށް ވީތީ ބަދަލުވާ އެއްޗެއް ނޫނެވެ. އެ މަރުޙަލާތަކުގެ ތަފްޞީލު ތާވަލު 1 ގައި އެވަނީ އެވެ.
ތާވަލު 1 (ކުދިންގެ ކިބާގައި ބަސް އަށަގަތުމުގެ ހަރުފަތްތައް)
މަރުޙަލާ
ޢުމުރުފުރާ
އަޑުލެއްވުން
6-8 މަސް
އެއް ލަފުޒުގެ މަރުޙަލާ
9-18 މަސް
ދެ ލަފުޒުގެ މަރުޙަލާ
18-24 މަސް
ދެ ލަފުޒަށްވުރެ ގިނަ ލަފުޒުގެ މަރުޙަލާ
24-30 މަސް
ރަނގަޅަށް ވާހަކަދެއްކުމުގެ މަރުޙަލާ
+30 މަސް

ކުއްޖާ ދުނިޔެއަށް އުފަން ވުމަށްފަހު 4 ނުވަތަ 6 މަސް ވަންދެން އެއީ ފުރަތަމަ މަރުޙަލާ ކަމުގައި ބައެއް މީހުން ބުނެ އެވެ. ނަމަވެސް ތާވަލު 1 ގައި ބަޔާންކޮށްފައި އެވާ މަރުޙަލާތަކާއި މެދު، ކުއްޖާ ބަސް ދަސްކުރުމުގެ ޙަރުފަތްތައް ބެހުމުގައި ލިންގުއިސްޓުންނާއި ނަފްސާނީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުތަކެއް ވެއެވެ. މިގޮތުން ނަސްފާނީ ޢިލްމުވެރިން ހާމަކުރައްވާ ގޮތުގައި 6 މަހަށް ވުރެ ކުޑަ ކުދިން ބޭނުންތައް އަންގައިދިނުމަށްޓަކައި ކުރާ ކަމަކީ ރުއިމެވެ.
     ތުއްތު ކުއްޖާގެ ޢުމުރުން 6 މަސް ފުރުމާއެކެ ރުއިމުގެ އިތުރަށް އެކުދިން ތަފާތު އަޑުތައް ލައްވަން ފަށައެވެ. ބައެއް މާހިރުން ޤަބޫލުކުރައްވާ ގޮތުގައި މި ދުވަސްވަރު ކުއްޖާގެ މާދަރީ ބަހުގައި ހިމެނޭ އަޑުތަކާއި ނުހިނެމޭ އަޑުތައް ކުދިން ތަފާތުކޮށް ދެނެގަނެއެވެ. އަޑުލެއްވުމުގެ މަރުހަލާގައި ހުރިހާ ކުދިންވެސް ލައްވާނީ، [ބަބަބަބަ، މަމަމަ] ފަދަ އަޑުތަކެވެ. ނަމަވެސް ދެ މަސް ފަހުން ލައްވާ އަޑުތައް ފުޅާވެ، [އަބަ ، އަބް، ބަބް] ފަދަ އަޑުތައް ލައްވަން ފަށައެވެ. އެއްލަފުޒުގެ މަރުޙަލާގައި އާންމުކޮށް ކުއްޖާ ހިނގައެވެ. މި އުމުރުގައި ކުއްޖާ އެއް ލަފުޒު ބޭނުންކުރަން ފަށައެވެ. އަދި މި ޢުމުރުގައި ހަރަކާތަކާނުލާވެސް ކުއްޖާ ބުނަން ބޭނުންވާ އެއްޗެއް އަޑުން ދޭހަކޮށްދޭކަމަށް ޔުމްނާ މައުމޫނު (2004) ހާމަކުރައްވައެވެ. މިގޮތުން، ބައްޕަ، މަންމަ، ދައްތަ ފަދަ އާންމުކޮށް އަޑުއިވޭ ބައެއް ލަފުޒުތައް ތަކުރާރުކޮށް ކިޔަން ފަށައެވެ.  އެއަށްފަހު، ދެލަފުޒު އެއްކޮށް ބޭނުންކުރަން ފަށައެވެ. މިސާލަކަށް، ބައްޕަ ބޫޓު ފަދަ ލަފުޒުތައް ކިޔައެވެ. ދެން އެއަށްފަހު ދެ ލަފުޒަށްވުރެ ގިނަ ލަފުޒު ބޭނުންކުރަންފަށައެވެ. މިހެންގޮސް ކުއްޖާގެ އުމުރުން 30 މަހުން މައްޗަށް ދާއިރަށް ރަނގަޅަށް ވާހަކަދައްކަން ދަސްކުރެ އެވެ. އެހެންކަމުން، ބަހާބެހޭ މާހިރުން ޤަބޫލުކުރައްވާ ގޮތުގައި މާދަރީ ބަހުގެ ޤަވާއިދާއި ގޮތްތަކަކީ ކުދިންނަށް ދަސްކޮށްދިނުމަކާއިނުލާ ކުއްޖާގެ ކިބާގައި އަށަގަންނަ އެއްޗެކެވެ. މިކަމަށް ހެކިދައްކަވަމުން، ވިކްޓޯރިއަރ ފްރޮމްކިންގ، ޑޭވިޑް ބްލެއަރ، އަދި ޕީޓަރ ކޮލިންސް (1999) ހާމަކުރައްވާފައިވަނީ، ކުއްޖާ ދުނިޔެއަށް އުފަންވާއިރުވެސް، ލިބިފައިވާ ޤާބިލުކަމެއްގެ ސަބަބުން ޤަވާއިދާއި ބަހުގެ ޢިލްމުގެ ނަމުގައި ސީދާ ދަސްކޮށްނުދިންކަމުގައި ވިޔަސް، އަދި އެ ކުއްޖާއަށް ލިޔަންކިޔަން ނޭނގުނަސް ކުއްޖާއަށް ލިބިފައިވާ ތަބީޢީ ކަމެއްގެ ސަބަބުން ފުރިހަމައަށް ވާހަކަދައްކަން ދަސްވާ ކަމަށެވެ.  
      ޕިއާޖޭގެ ތިއަރީގެ އަލީގައި ކުލާސްރޫމުގެ މާބޮޑު ތަފްޞީލުތަކެއް ދީފައި ނުވާނަމަވެސް، ކުލާސްރޫމުގައި ކުދިންނަށް އުނގަންނައި ދިނުމުގައި މި ތިއަރީގެ ބޭނުން ހިފިދާނެ އެވެ. މިގޮތުން ދަރިވަރުން އުނގެނޭއިރު ތަޖުރިބާތަކެއްގައި ބައިވެރިވުމަށް ކުދިންނަށް ފުރުޞަތު ދެވިދާނެ އެވެ. އެގޮތުން ތަޖުރިބާތަކުގެ ތެރެއިން އެކުދިން އައު މަޢުލޫމާތު ސިކުނޑީގައި ހަރުލައްވާނެ އެވެ. ސަބަބަކީ، އިޖުތިމާޢީ ޙަރަކާތްތަކަކީ، ކުދިންގެ ވިސްނުމުގެ ކުރިއެރުމަށް ވަރަށް ބޮޑަށް ބާރު ފޯރުވައިދޭ އެއްޗަކަށް ވާކަމެވެ. މިކަމަށްޓަކައި، ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ކުދިންގެ ޢުމުރާއި ވިސްނުމުގެ މަރުޙަލާތަށް އެނގުން ވަރަށް މުހިންމެވެ.  

No comments:

Post a Comment