Wednesday

ކޮގްނިޓިވް ލާރނިންގ ތިއަރީ


މި ތިއަރީ ބުނާ ގޮތުން އުނގެނޭ ފަރާތާ މާހައުލާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. މި ނަޒަރިއްޔާތުގެ ޢިލްމުވެރިންގެ ނަޒަރުގައި އުނގެނުން ބިނާވަކީ ކުރިން އެނގިފައިވާ އެއްޗެއްސާ ފަހުން ފަހުން ދަސްވާ އެއްޗެހި ގުޅުވައިލައިގެންނެވެ. އެހެންކަމުން މި ތިއަރީގައި މައިގަނޑު ގޮތެއްގައި އުނގެނުން މާނަކުރަނީ ކުރިން އެނގިފައިވާ ތަކެތިންނާއި މާހައުލުން ލިބޭ މަޢުލޫމާތު ގެންގޮސް ސިކުނޑީގައި ޖަމާކުރާ ކުރުމަށެވެ. މި ތިއަރީއަށް ރިޔާޢަތްކުރާއިރު ސިކުނޑީގައި މަޢުލޫމާތު ރައްކާ ކުރުމަށް ތިން މަރުޙަލާއެއް ކުރިމަތި ކުރުވަ އެވެ. އެންމެ ފުރަތަމަ ސެންސަރީ ރެޖިސްޓްރީ ސްޓޭޖެވެ. އެއީ އަލަށް ވަންނަ މަޢުލޫމާތު ވަދެ ރަޖިސްޓްރީ ވާ ތަނެވެ. އެއަށްފަހު، ވާރކިންގ މެމޮރީ އެވެ. އެއީ މަޢުލޫމާތު ރައްކާކުރެވޭ ތަކެވެ. އެންމެފަހުން، ރައްކާކުރެވުނު މަޢުލޫމާތު ދިގު މުއްދަތަކަށް ރައްކާ ކުރުމަށްޓަކައި ގެންދެވޭ ތަނެވެ.
އެއީ ލޯންގް ޓާރމް މެމޮރީ އެވެ. އިސްވެ ދެންނެވުނު އެއް ޖަގަހައިން އަނެއް ޖަގަހަ އަށް މަޢުލޫމާތު ގެންދިއުމުގައި ސަބަބުތަކެއް މެދުވެރިވެ އެވެ. މި ގޮތުން ސަމާލުކަން ދިނުމާއި، އަމިއްލަ ވިސްނުމުން އެނގިފައިވާ ކަންކަމާއި ގުޅުވައިގެންނާއި، ކިޔާ ތަކުރާރުކޮށް މުރާޖަ އާކޮށްގެންނާއި، ތަފާތު ނަންތައް ދީގެން އެހެން ކަންކަމާއި ގުޅުވައިގެންނާއި، ހަނދާނަށް ގެނެސްގެން ފަދަ ގޮތްގޮތަށެވެ.
ކުލާސް ރޫމުގައި މި ތިއަރީގެ ބޭނުން ހިފިދާނެ ގޮތްތައް
1.      އެޓެންޝަން
ކޮންމެ ފިލާވަޅެއް ވެސް ފެށުމުގެ ކުރިން ދަރިވަރުން ފިލާވަޅަށް ޝައުޤުވެރި ކުރުވަން މަސައްކަތް ކުރުމާއި، ފިލާވަޅު ފަށާއިރު ޝައުޤުވެރިކަން ދެމެހެއްޓޭފަދަ ގޮތްތަކަށް ރޭވުން. މިސާލަކަށް ކުށްބަހާއި ބެހޭ ފިލާވަޅެއް ކިޔަވައިދޭނަމަ، ކުލާހުގެ ކުރިމައްޗަށް ކުއްޖަކު ގެނެސް އެ ކުއްޖާ ލައްވާ ވާހަކަދައްކައި، އެކުއްޖާގެ ވާހަކައަށް ވިސްވަން ބުނެވިދާނެ އެވެ. އެއަށްފަހު އެކުއްޖާގެ ވާހަކައިން ފާހަގަ ކުރެވުނު ކުށްބަސްތަކާއި ބެހޭގޮތުން ކުދިންގެ ޚިޔާލު ހޯދުމަށްފަހު ފިލާވަޅާއި ގުޅުވައިލެވިދާނެ އެވެ.
2.      ޕާސެޕްޝަން
ކުދިންނަށް ފަހުން އެނގޭ އެއްޗަކާއި ކުރިން އެނގިފައިވާ އެއްޗެއްސާއި ގުޅުވައިލަނީ ކިހާ މިންވަރަކަށްތޯ ބެލުން ވަރަށް މުހިންމެވެ. އެއިރުން ލިބޭ މަޢުލޫމާތު އިތުރަށް ތަރައްޤީ ކުރުމަށް ކުއްޖާ އަށް ފުރުޞަތު ލިބިގެންދާނެ އެވެ. މިސާލަކަށް ދޭހަ ކިޔަވައިދޭ ގަޑިތަކުގައި ލިޔުން ކިޔައި ނިމުމުން އެ ލިޔުމުގެ ޝައުޤުވެރި ތަންތަންކޮޅުން ސުވާލު ކުރެވިދާނެ އެވެ. އޭރުން ލިޔުމުން އެނގުނު އެއްޗަކާ ކުއްޖާގެ ޚިޔާލު ގުޅުވައިލައިގެން ބުނެދޭނެ އެވެ.
3.      މީނިންފުލް އެންކޯޑިންގ
ދަރިވަރުންނަށް މަޢުލޫމާތު ހުށަހަޅާއިރު ވަކިނ ތަރުތީބަކުން ބަހައިލައިގެން ހަޖަމުވާން ފަސޭހަވާނެ ފަދަ ގޮތަތަކެއް ބޭނުން ކުރެވިދާނެ އެވެ. މިސާލަކަށް، އަދީބުންނާ ބެހޭ މަޢުލޫމާތު ކިޔަވައިދޭއިރު، އަދީބުންގެ ހުރި އެއްގޮތް ސިފަތައް ވަކިން ތާވަލެއް ފަދަ އެއްޗެއްގެ އެހީގައި ހުށަހެޅިދާނެ އެވެ. އެއިރުން ދަސްކުރަން ފަސޭހަވާނެ އެވެ. ހަނދާނުގައި ބަހައްޓަން ވެސް ފަސޭހަ ވާނެ އެވެ.
4.      ރިޓްރީވަލް
ކިޔަވައިދޭ ބައިތައް އެއްބައި އަނެއް ބަޔާއި މަސްހުނިވިޔަ ނުދިނުމަށްޓަކައި، ކިޔަވައިދޭ ބައިތަކުގައި ހުންނަ ގާތްކަމާއި، ތަފާތުކަން ގިނައިން ދޭހަ ކުރުމަށް ސުވާލު ކުރުމާއި އެއްބައި އަނެއް ބަޔާއި އަޅާކިޔަން ފުރުޞަތު ދިނުމަކީ ކުރެވިދާނެ ކަމެކެވެ. މިސާލަކަށް އިސްލާމް ފަދަ މާއްދާއެއްގައި ޚަންދަޤު ހަނގުރާމައިގެ ވާހަކަ ދައްކާއިރު، އޭގެ ކުރިން ހިނގައިފައިވާ ހަނދުރާމަތަކުގެ ވާހަކަ ދެއްކިދާނެ އެވެ. ހަމައެހެންމެ، ދިވެހި ބަސް ކިޔަވައިދޭއިރު، ބޮޑުތަކުރުފާނުގެ ވާހަކަ ދައްކާއިރު،ކުރިން ކުލާހުގައި ވާހަކަދައްކާފައިވާނަމަ،  ދޮންބަންޑާރައިންގެ ވާހަކަ ދެއްކިދާނެ އެވެ. އެއިރުން ފިލާވަޅާއިމެދު ޚިޔާލު ހިންގަން ފަސޭހަވެގެން ދާނެ އެވެ. 

No comments:

Post a Comment