ލިޔުނީ: މޫސާ މާހިރު
ތަޢާރަފު:
ބަހަކީ،
ޤައުމިއްޔަތުގެ އެއް ތަނބެވެ. ޤައުމީ ވަންތަކަމުގެ އެއް ނިޝާނެވެ. ޤައުމެއް ޤައުމެއްގެ
ގޮތުގައި ދިރި ދެމި އޮތުމަށްޓަކައި ބަހުގެ ދަޢުރަށްވުރެ ވަކިން ފުޅާ ދެވަނަ
އެއްޗެއް ނޯންނާނެ އެވެ. ބަސް އުވި ވަޅުޖެހުމުގެ ނިޝާންތައް ފެންނަމުންދާ މި
ޒަމާނުގައި، ބަހަށް އެކަށީގެންވާ ކާނާ ދިނުމަކީ ބަހުގެ އަހުލުވެރިންގެ
ޒިންމާއެކެވެ. ބަސް ވަޅުޖަހައިގެން ހިނގައްޖެނަމަ، އަޅުގަނޑުމެންގެ ތެރޭގައި
މިއޮތް ރީތި އާދަކާދަތަކަށާއި، ދީނާ ޘަޤާފަތަށް އޭގެ ނޭދެވޭ އަސަރުކޮށް އެކަމުގެ
ހިތި ރަޙަ އަރުތެރޭގައި ލާންފަށާނެ އެވެ. މިކަމަށް އިޝާރާތްކުރައްވާ، ކައިޗިރޯ
މަޓްސޫރާ (2008) ވިދާޅުވަނީ، [އިންސާނީ އިޖުތިމާޢީ ގުޅުންތައް ބަދަހި
ކުރުމުގައްޔާއި، އެބައިމީހުންގެ ވަށައިގެންވާ، ޙަޤީޤަތްތަކާ އެބައިމީހުން
ގުޅުވައިލުމުގައި، ބަހަކީ އިންސާނުންގެ އަސާސީ ސިފައެކެވެ. ވުމާއެކު ބަސް
އިންސާނުންގެ އިޖުތިމާޢީ ގުޅުން އަދާކުރުމުގައި ވަރަށް މުހިއްމު ރޯލެއް އަދާ ކުރެ
އެވެ.]
އެހެންކަމުން ދިވެހި ބަހާމެދު ދިވެހިން ހޭލުންތެރިކުރުމަށްޓަކައި، ދިވެހި
ބަހުގެ ތާރީޚު، ގިނަގިނައިން މުރާޖައައުކޮށްދީ، ދިވެހި ތާރީޚު އައިސްފައިވާ
ގޮތާމެދު ފުންކޮށް ވިސްނާ، އަމިއްލަ ބަހެއް އޮތަތީ ފަޚުރުވެރިވުން ޙައްޤުވާ
ސަބަބުތައް ދިވެހީންނަށް، ޚާއްޞަކޮށް ދިވެހިބަހުގެ މުސްތަޤުބަލުގެ ޖީލަށް
އަންގައިދިނުމަކީ، ނުހަނު މަންފާ ކުރާނެ ކަމެކެވެ. މި މަޒުމޫނުގައި ކުރުގޮތަކަށް
އަޅުގަނޑު ބަލައިލާނީ ދިވެހި ބަސް އުފެދި ކުރިއަރައިގެން އައިސްފައިވާ ގޮތުގެ
މައްޗަށެވެ.
[ބަސް] މި ލަފުޒުގެ
މާނަ:
ތަފާތު އެކި ބޭފުޅުން
އެކިއެކި މަފްޙޫމުން [ބަސް] މި ލަފުޒުގެ މާނަ ކުރައްވާފައިވާ ގޮތަށް
ބަލައިލަމާތޯއެވެ!
[ބަހުގެ ޢިލްމުވެރިން ބަހާ ބެހޭގޮތުން ތަފާތު ތަޢާރަފުތައް ދެއްވަ އެވެ.
ބައެއް ބޭފުޅުން ވިދާޅުވަނީ ބަހަކީ ސަވާރީއެއްކަމަށް އަދި ހަތިޔާރެއްކަމަށެވެ.
އަނެއްބައި ބޭފުޅުން ބަހުގެ ތަޢާރަފުގައި ވިދާޅުވަނީ، ބަހަކީ ދިރޭ އެއްޗެއް
ކަމަށާއި، ބަހަކީ އިންސާނީ ޖައުހަރެއް ކަމުގަ އެވެ. ބަހަކީ އެއް އިންސާނެއްގެ
ހިތުގައި އުފެދޭ ޚިޔާލާއި، ޝުޢޫރުތައް އަނެއް އިންސާނަކަށް ހާމަކޮށްދިނުމަށް
ބޭނުންކުރާ ވަސީލަތެކެވެ.](ރާމިޒު ޢަލީ، 2007).
މުޙައްމަދު ޝާހިދު ޙަލީމު (2008) ބަޔާންކުރައްވާ ގޮތުގައި، [ބަހަކީ މީހެއްގެ
ހިތުގައި އުފެދޭ ޝުޢޫރެއް، އަޑު ނުވަތަ އިޝާރާތް ބޭނުންކޮށްގެން ވަކި
ހަމަތަކެއްގެމަތިން ފާޅުކުރާ ކުރުމެވެ. އާދެ! ބަހަކީ އިންސާނާ އޭނާގެ ހިތުގައި
އުފެދޭ ޝޫޢޫރުތައް ހާމަ ކުރަން ނުވަތަ އަނެކާއަށް ބުނެދޭން ބޭނުންކުރާ
ވަޞީލަތެކެވެ. އިންސާނާ އޭނާ ބޭނުންވާ ކަންކަން އަނެކާއަށް އަންގައިދޭން ބޭނުންކުރާ
އާލާތެކެވެ. ނުވަތަ ހަތިޔާރެކެވެ. ބަހަކީ އިންސާނުން މުޥާޞަލާތު ކުރަން ވަކި
ހަމަތަކެއްގެމަތިން އަނގައިން ބޭރުކުރާ މާނަ ގުޅިފައިވާ އަޑުތަކެކެވެ. ]
ޔުމްނާ މައުމޫނު (1997) ވިދާޅުވާ ގޮތުގައި، [ބަހަކީ އިންސާނުން އެކަކު
އަނެކަކަށް އެއްޗެހި އޮޅުންފިލުވައިދިނުމަށްޓަކައި، ނުވަތަ މަޢުލޫމާތު
ބަދަލުކުރުމަށްޓަކައި، ވަކި ނިޒާމެއްގެމަތިން ބޭނުންކުރާ އަޑުތަކަށް ނުވަތަ
އިޝާރާތްތަކަކަށް ކިޔާ ނަމެކެވެ. އާއްމުގޮތެއްގައި ދުނިޔޭގެ އެކި
ކަންކޮޅުތަކުގައި، މީހުން ވާހަކަދައްކާއުޅޭ ގިނަ ބަސްބަސް އުފެދިފައިވަނީ އަޑުތަކެއްގެ
މައްޗަށް ބިނާވެގެންނެވެ. އެއީ އިޝާރާތް ބޭނުންކޮށްގެން ވާހަކަދެއްކުމަށްވުރެ އަޑު
ބޭނުންކޮށްގެން ވާހަކަދެއްކުން ފަސޭހަތަކެއް ހުންނާތީ، ކަމުގައިވުން އެކަށީގެން
ވެއެވެ. މިސާލަކަށް، އަނދިރި ތަނެއްގައި
ތިބެގެން އެކަކު އަނެކަކަށް ވާހަކަދެއްކިދާނެ އެވެ. ނަމަވެސް އެފަދަ ތަނެއްގައި
އިޝާރާތުން ވާހަކަދައްކަން އުނދަގޫވާނެ އެވެ.]
ހަމައެއާއެކު، މައުމޫނު ޢަބްދުލް ޤައްޔޫމު (1989) ބަޔާންކުރައްވާ ގޮތުގައި، ބަހަކީ
އެކެއްގެ ބޭނުންތައް އަނެކަކަށް އަންގައިދިނުމެވެ. އެކެއްގެ ޚިޔާލާއި އޭނާގެ
ހިތުގައި ހިނގާ ޝުޢޫރުތައް އަނެކަކަށް ފިލުވައިދިނުމެވެ. ޖަމާޢަތުގައި ބަސް
އަދާކުރާ ވަޒީފާއަކީ، މިދެންނެވި ބޭނުންތަކާއި ޚިޔާލުތަކާއި، ޝުޢޫރުތައް އެކެއްގެ
ކިބައިން އަނެކެއްގެ ކިބަޔަށް ގެންގޮސްދިނުމެވެ.
[ބަހަކީ ކަލިމަތައް، އެއިން އުފެދޭ އަޑުވަޅުތަކެއްގެ ސިފައިގައި
އެކުލެވިފައިވާ، ގުޅުވި އަޑުތަކެކެވެ. ބަހަކީ އެންމެހާ ހައިވާނުންތަކުގެ ތެރެއިން
ހަމައެކަނި އިންސާނާއަށް ޚާއްޞަކުރެވިފައިވާ އެއްޗެކެވެ. އެއީ އިންސާނާގެ
ކިބައިގައި ނޫނީ، ބަހަށްޓަކައި ޚާއްޞަ
މަރުކަޒުތަކެއް (އޭނާގެ ސިކުނޑީގައި) ހެދިފައި ނުވާތީއެވެ. ވާހަކަދެއްކުމުގެ
މަރުކަޒެކެވެ. ފެނުމާއި އެހެނިހެން ޙިއްޞުތަކަށް ނަގައިގަނެވޭ ބަސްތައް އެއްކޮށް
ޖަމަޢަކުރުމުގެ މަރުކަޒެކެވެ. އަދި ބަސްތައް ގިނަކޮށް މުއްސަނދިކޮށް
ކުރިއެރުވުމުގެ މަރުކަޒެކެވެ.] (އައްޝައިޚް ހުސައިން ރަޝީދު އަޙުމަދު) . ޢަބްދުﷲ ޞާދިޤު
(2010) ވިދާޅުވާ ގޮތުގައި، [ބަހަކީ އެކަކު އަނެކަކު މުވާޞަލާތު ކުރުމަށް
ބޭނުންކުރާ ޚާއްޞަ ވަޞީލަތެކެވެ. ނުވަތަ ޝުޢޫރު ފާޅުކުރުމަށް ބޭނުންކުރެވޭ ޚާއްޞަ
މާނަތަކެއް ދޭހަވާ އަޑުތަކެކެވެ. މަންމަނުން ބޭނުންކުރާ ޙަރަކާތްތަކަކީ ވެސް ބަހޭ ބުނެވިދާނެއެވެ.]
ވިކިޕީޑިޔާ، ދަ ފްރީ
އެންސައިކޮލޮޕީޑިޔާ (އ.ނ) ބަޔާންކޮށްފައިވާ ގޮތުގައި، ބަހަކީ ހަމައެކަނި
މުވާޞަލާތުކުރުމޭ ބުނެގެން ފުއްދާލެވޭވަރަށްވުރެ މާ ފުޅާ ދާއިރާއެއްގައި
މާނަކުރެވިދާނެ އެއްޗެއްކެވެ. ބަހަކީ އިންސާނާގެ ޙަޔާތުގެ ވަށައިގެންވާ ހުރިހާ ކަމަކާ
ގުޅި ލާމެހިފައިވާ އެއްޗެކެވެ. ބަހަކީ މަޢުލޫމާތު ލިބިގަތުމަށާއި، އެ ލިބުނު
މަޢުލޫމާތު ތަފާތު ޙާލަތްތަކުގައި ބޭނުންކުރުމަށް ބޭނުންކުރެވޭ ވަކިކަހަލަ
ނިޒާމެކެވެ. ދިވެހި ބަސްފޮތް (2006) ބަޔާންކުރައްވާ ގޮތުގައި، [ބަހަކީ މީހެއްގެ
ހިތުގައި އުފެދޭ ޝުޢޫރެއް، އަޑު ނުވަތަ
އިޝާރާތް ބޭނުންކޮށްގެން ވަކި ހަމަތަކެއްގެމަތިން ފާޅުކުރާ ފާޅުކުރުމެވެ.]
މައިކްރޯ ސޮފްޓު އެންކާޓާ (2009) ބަޔާންކުރައްވާ ގޮތުގައި، ބަހަކީ އިންސާނުން
ވާހަކަދެއްކުމަށާއި، ލިޔެކިޔުމަށް ބޭނުންކުރެވޭ މުވާޞަލާތީ ނިޒާމެއްކެވެ. ނުވަތަ
އެއީ ޤައުމެއްގައި، ވަކި ސަރަޙައްދެއްގައި ނޫންނަމަ ގުރޫޕެއްގެ މެދުގައި
ޝުޢޫރުފާޅުކުރަން ބޭނުންކުރެވޭ ބަހުރުވަ. ދަ އިންގްލިޝް ޑިކްޝަނަރީ، (2006) ބަޔާންކުރާ
ގޮތުގައި، ބަހަކީ އިންސާނާގެ ހިތުގައި އުފެދޭ ޖަޒުބަތުތަކާއި، ހިޙުސާސްތައް އަޑުގެ
ޛަރީއާއިންނާ، ލިޔުމުގެ ޛަރީއާއިން ފާޅުކުރުމަށް ބޭނުންކުރެވޭ ވަކިކަހަލަ
މުވާޞަލާތީ ނިޒާމެކެވެ. ކެމްބްރިޖް އިންޓަރނޭޝަނަލް ޑިކްޝަނަރީ އޮފް އިންގްލިޝް
(1996) ބަޔާންކުރައްވާގޮތުގައި، [ބަހަކީ ވަކި ޤަވާއިދެއްގެމަތިން މާނަ
ދޭހަވާގޮތަށް އަނެކާއަށް އަންގައިދިނުމަށް ބޭނުންކުރެވޭ އަޑުތަކެކެވެ. މީގެ
އިތުރުން ބަހަކުން ވާހަކަދައްކާ ލިޔެކިޔާ ހެދުމަށްޓަކައި އެބަހަކަށް ލަފުޒުތަކެއް
ވެސް ބޭނުންވެއެވެ. ހަމައެއާއެކު، ވިކްޓޯރިޔާ ފްރޮމް ކިންގް، ޑޭވިޑް ބްލެއަރ ޕީޓަރ
ކޯލިންސް (1999) ހާމަކުރައްވާފައިވާ ގޮތުގައި، ބަހަކީ އިންސާނުންނާއި ހައިވާނުން
ވަކިކޮށްދޭ ޚާއްޞަ ސިފައެކެވެ. ބަހާބެހޭގޮތުން އެޑްވާޑު ފިނެގަން (1999)
ވިދާޅުވެފައިވަނީ، ބަހަކީ އެކެއްގެ ވިސްނުމާ ފިކުރު އަނެކާއަށް ގެންގޮސްދޭ
ސަވާރީއެކެވެ. ހަމައެއާއެކު އޭނާ ވިދާޅުވާ ގޮތުގައި ބަހަކީ، ހިތުގައި އުފެދޭ
ޚިޔާލުތަކާއި، ޝުޢޫރުތަކާއި، ޖަޒުބާތުތައް އެކަކު އަނެކަކާއި ހަމައަށް
ފޯރުކޮށްދިނުމަށް އަޑު ނުވަތަ ނިޝާން ނުވަތަ ޙަރަޚާތް އެކުލެވޭގޮތަށް ބޭނުންކުރާ
ނިޒާމެއް ކަމުގަ އެވެ. އިސްވެ ދެންނެވުނު ބުނުންތަކަށް ބަލާއިރު ކުރުގޮތަކަށް
ދެންނެވޭނީ، ބަހަކީ އިންސާނުންނަށް ޚާއްޞަވެގެންވާ އެއްޗެއް ކަމުގަ އެވެ. އަދި އެއީ،
އެކެއްގެ ހިތުގައި އުފެދޭ ޝުޢޫރުތަކާ އިޙުޞާސްތައް، އަޑުތަކެއްގެ
ނިޒާމެއް ބޭނުންކޮށްގެން އަނެކާއަށް އަންގައިދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ.
ބަހުގެ ތިއަރީތައް:
(ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ، ޞ 7) ގައި
ކީރިތި ޤުރުއާން ދިވެހި ބަހަށް ތަރުޖަމާ ކޮށްފައި ވާ މަޙްފޫމަށް ބަލާއިރު ސާބިތުވާ
ކަމަކީ، ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 31 ވަނަ އާޔަތުގައި މާތް ﷲ
ސުބުޙާނަހޫ ވަތަޢާލާ އާދަމް ޢަލައިހިސަލާމަށް ހުރިހާ ތަކެތީގެ ނަންތައް އަންގަވައި
ދަސްކޮށްދެއްވި ކަމެވެ. އަޅުގަނޑުމެން މުސްލިމުން އެ އެއްޗަކަށް ފުރިހަމައަށް
ތަބަޢަވާ، އަދި ޤިޔާމަތާ ހަމައަށް އެއްވެސް ފިއްޔަކަށް އަދި އަކުރަކަށް ވިޔަސް
ބަދަލެއް ގެނައުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބިފައި ނުވާނެކަމަށް ﷲ ހުވާ
ގަންދެއްވާ ވަޙީކުރައްވާފައިވާ ޤުރުއާނުގައި، އިސްވެ ދެންނެވުނު ޢިބާރާތް
އައިސްފައިވުމުން އެނގެނީ، އެންމެ ފުރަތަމަ އިންސާނާ އާއި ހަމައިންވެސް ބަސް
އުފެދިގެން އައިސްފައިވާކަމާ، އެއީ އިލާހީ އެއްޗެއްކަމެވެ. މިއީ އިސްލާމުން
ޤަބޫލުކުރާ ގޮތެވެ. ނަމަވެސް އެއީ ކޮން ބަހެއްކަމާ، އާދަމްގެފާނަށް ނަންތައް
އުނގަންނައިދެއްވީ ކޮން ބަހަކުންކަމެއް ކަނޑައެޅި އެނގެން ނެތުމާއެކު، ތަފާތު
ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވަނީ ބަސް އުފެދުނީ ކަނޑައެޅިގެން
ވަކި ދުވަސްވަރެއްގައިކަން ބުނަން ނޭނގޭ ކަމަށެވެ.
ބަހާބެހޭ ޢިލްމުވެރިން ބަސް އުފެދުނުކަމަށް ޤަބޫލުކުރާ މައިގަނޑު ހަތަރު
ނަޛަރިއްޔާތެއް ވެއެވެ. މިގޮތުން އިބުނު ފާރިސީ (1004)، އިބުނު ޖިންނި، ވިދާޅުވެފައިވާ ގޮތުގައި، ބަހަކީ އިލާހީ
އެއްޗެކެވެ. މި ނަޒަރިއްޔާއަށް ތާއީދު ކުރައްވާ ޢަރަބި ޢިލްމުވެރިންގެ ތެރޭގައި
އިބުނު ފާރިސް އާއި އިބުނު ޖިންނީ ހިމެނިވަޑައިގަނެއެވެ. ގްރީކުގެ ޢިލްމުވެރިއެއް
ކަމަށްވާ ހެރަކްލީޓް އާއި މި ޒަމާނުގެ ޢިލްމުވެރިއެއް ކަމަށްވާ ފާދަރ ލެމީ ވެސް މި
ނަޒަރިއްޔާ އަށް ތާއީދު ކުރައްވަ އެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 31 ވަނަ
އާޔަތުގައި ވާ ފަދައިން މާތް ﷲ އާދަމްގެފާނަށް ކަލިމަތަކެއް ބާވައިލެއްވެވި
ކަމާމެދު ޚުދު ކުރިސްޓިއަނުން ވެސް ދެކޮޅެއް ނުހަދަ އެވެ. ޤުރުއާނުގެ ޛަރީޢާއިން
ހެކި ފެންނަން އޮތުމާއެކު، ބަހަކީ އިލާހީ އެއްޗެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ
އެވެ. ކަން މިހެން ހުރުމާއެކުވެސް، (ވަލީދާ ޢީސާގެ ހޭންޑުއައުޓު، 2010) ބަޔާންކުރައްވާ
ގޮތުގައި، ކުރީގެ މިސްރުގެ މީހުންނާއި، ބެބްލޯނިއަނުންނާއި، ހިންދީން ޤަބޫލުކުރާ
ގޮތުގައި ބަސް އުފެއްދީ އެބައިމީހުންގެ ކަލާންގެ ތަކެވެ. އޭގެތެރޭގައި ކުރީގެ
މިސްރު މީހުންގެ ތޫތު ކަލާނގެ އާއި، ބެބްލޯނިއަނުންގެ ނާބޫ ކަލާނގެ އާއި، މިސްރު
މީހުންގެ ބްރަހްމީ ކަލާނގެ ހިމެނެ އެވެ. ނަމަވެސް މިއީ އިސްލާމީ ނަޛަރަކުން
ވިސްނައިފިނަމަ، އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫނެވެ. ވަލީދާ ޢީސާގެ
ހޭންޑުއައުޓު (2010) ބަޔާންކުރައްވާފައިވާ ގޮތުގައި، މި ޚިޔާލާ ތަފާތު
ބޮޑުގޮތަކަށް، ގްރީކް ޑިމޮކްރެޓިކް އަދި އިނގިރޭސިވިލާތުގެ އެޑަމް ސްމިތު
ވިދާޅުވެފައިވަނީ، ބަހަކީ ހަމަ ހުރެފައި އުފެދުނު އެއްޗެއް ކަމަށެވެ.
(ވަލީދާ ޢީސާގެ ހޭންޑުއައުޓު، 2010) ބަޔާންކުރައްވާ ގޮތުގައި، މި ނަޛަރިއްޔާ
އަށް ތާޢީދު ކުރައްވާ ބޭފުޅުން މިކަން ސާބިތު ކޮށްދިނުމަށް އެއްވެސް ހެއްކެއް
ދައްކާފައެއް ނުވެ އެވެ. މިއާޚިލާފަށް ބައެއް ބަހަވީ ޢިލްމުވެރިން ޤަބޫލުކުރައްވާ
ގޮތުގައި، ބަހަކީ އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ޚާއްޞަ ޣަރީޒާތަކުން
އުފެދޭ އެއްޗެކެވެ. މި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ބަސް އުފެދިގެން އައީ
އިންސާނާގެ ހިތުގައި އުފެދޭ ތަފާތު ޝުޢޫރުތައް ފާޅުކުރުމަށް ބޭނުންކުރެވޭ
ޙަރަކާތްތައް ކުރުމުގެ ތެރެއިންނެވެ. ކެއުން ބުއިމާއި ޖިންސީ ބޭނުންތަކާއި،
ރުޅިވެރިކަމާއި، ރުއިމާއި، އުފަލާއި، ހިތާމާ، ފަދަ ހުރީހާ ކަމެއްގައި ލެއްވޭ
އަޑުތަކާއި ފާޅުކުރަން ބޭނުންވާ ޝުޢޫރުތަކާއި އެކު ބަސް އުފެދުނީ އެވެ.
މި ނަޒަރިއްޔާއަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި ޖަރުމަނުގެ މެކްސް
މުލަރ (1817) އާއި 19 ވަނަ ޤަރުނުގެ ބަހަވީ ޢިލްމުވެރިއެއްކަމަށްވާ ފަރަންސޭސި
ރޭމަން ހިމެނިވަޑައިގަނެއެވެ.
އިސްވެ ދެންނެވުނު ހެކިތަކުގެމައްޗަށް ބުރަވެ އެއްޗެއް ދަންނަވާނަމަ، ބަސް
އުފެދުނުކަމަށް ޤަބޫލުކުރެވޭ އެންމެ ޞައްޙަ އަދި އަޢުލާކަން ބޮޑު ނަޛަރިއްޔާތަކީ،
ބަސް އުފެދުނީ އިލާހީ ގޮތުންނޭ ބުނާ ނަޛަރިއްޔާތެވެ.
ބަހާއި ބަހުރުވައިގެ ގުޅުން:
ޒަމާނަށް އަންނަމުންދާ ކޮންމެ ބަދަލަކީ ތަރައްޤީއަކަށް ނުވިނަމަ ވެސް، ޒަމާން
ބަދަލުވަމުން އައިއައިހެން ދުނިޔޭގެ ހުރިހާ ކަމަކަށް ވެސް ބަދަލު އާދެއެވެ. ދުނިޔެއަށް
އަންނަ ކޮންމެ ބަދަލަކާއެކު، އައު ކަންތައްތަކެއް އީޖާދުވެ ތަޢާރަފުވަމުންދާނެ
އެވެ. މިފަދަ ބަދަލުވުމުގެ އޮއިވަރާއެކު، އެންމެ ބޮޑަށް ބަދަލުވެގެން އަންނާނެ
އެއްޗެއްކަމަށް ޤަބޫލުކުރެވެނީ، އެބަޔަކު މޮށެއުޅޭ ބަހެވެ. އާދޭހެވެ. ބަހަކީ
ލަފުޒުތަކެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ލަފުޒު އުފެދިގެން އަންނަނީ
މާޙައުލާ ގުޅޭގޮތުންނެވެ. ތަފާތު މާޙައުލުން ފެންނަ ތަފާތު ކަންތައްތަކުގެ
މައްޗަށް ލަފުޒު އުފެދި ބަސް ތަރައްޤީވަމުން އާދެ އެވެ. މިގޮތަށް ލަފުޒު
ހެދެމުންދާއިރު އެއް ސަރަޙައްދެއްގައި އުޅޭ މީހުންނަށް އެހެން ސަރަޙައްދު ތަކުގައި
އުޅޭ މީހުން ބޭނުންކުރާ ބައެއް ލަފުޒުތައް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެއާއެކު
އެބަޔަކު އެ ލަފުޒުތައް ބޭނުންކުރާއިރު އަޑާއި ރާގު ގެންގުޅޭ ގޮތާ، އެހެން
ސަރަޙައްދުތަކުގެ މީހުން އެލަފުޒުތައް ކިޔާއިރު އަޑު ނިޔާކުރާގޮތް ތަފާތު ވެދާނެ
އެވެ. އިންސާނުން އެއް ރަށުން އަނެއް ރަށަށް އެއް ޤައުމުން އަނެއް ޤައުމަށް
ދަތުރުފަތުރުކޮށް އުޅޭއިރު، އެހެން ޤައުމެއްގައި ބޭނުންކުރާ ލަފުޒުތައް
ތަޢާރަފުވެ، ބަހުގެ ތެރެއަށް ވަދެ މަސްހުނިވެ، ބޭނުންކުރާ ރާގު ތަފާތު ވުމަކީ
އެކަށީގެންވާ ކަމެކެވެ. ނޫންނަމަ، ދަތުރުފަތުރުގެ ދަތިކަމާހެދި އެއް ބަޔަކު އަނެއްބަޔަކާ ބައްދަލުނުވެ
ޒަމާންތަކެއް ވޭތުވާންޖެހުނަސް ބަހަށް ބަދަލު އަންނާނެ އެވެ. މިއީ އަޅުގަނޑުގެ
ޚިޔާލެވެ. މިކަމާމެދު ޑރ. ހަސަން ޙަމީދު (2009) ވިދާޅުވަނީ، އެއް ޖަމާޢަތެއް
އަނެއް ޖަމާޢަތާ ނުގުޅި ޒަމާންތަކެއް ވޭތުވާއިރު، އެބައިމިހުން ވާހަކަދައްކާ
އަޑުތަކަށްވެސް ބަދަލު އައިސްފާނެ އެވެ. މީގެ އިތުރުން ބަހުގެ ބައެއް ހަމަތަކަށް
ވެސް ބަދަލު އާދެ އެވެ. މިސާލަކަށް ކުރީގެ ލޯމާފާނުގައި ބަޔާންކޮށްފައިވާ ބަޚުރުވަ
މި ޒަމާނުގެ މީހަކު ކިތަންމެ ވަރަކަށް ބެއްޔަކަސް އޮޅުމެއް ނުފިލާނެ އެވެ. މިގޮތަށް
ބަދަލުވުމުން ބަހުރުވައެއް އުފެދެން މެދުވެރި ވެއެވެ. އެހެންކަމުން ބަހަކީ
ބަދަލުވުމުގެ އޮއިވަރުގައި ބަދަލުވަމުންދާ އެއްޗެކެވެ. އޭގެ ސަބަބުން ބައެއް
ލަފުޒުތައް ބޭނުންކުރާ ގޮތާ، ލަފުޒުތަކުގެ މާނަ ބަދަލު ވެއެވެ. މިކަމުގެ
ނަތީޖާއަކަށް ވެގެންދަނީ ބަހުރުވަ އުފެދުމެވެ.
ދިވެހި ބަހުގައި ތަފާތު ބަހުރުވަ އުފެދުނު ސަބަބެއްކަމަށް
ޑރ. ހަސަން ހަމީދު (2009) ބަޔާންކުރައްވާފައިވަނީ، [ދިވެހި ބަހުގެ ތަފާތު ބަހުރުވަތައް ރާއްޖޭގެ އެކި ހިސާބުގައި އުފެދެން ދިމާވަނީވެސް އެކަކު އަނެކަކާ މުވާޞަލާތްކޮށް،
މުޢާމަލާތްކޮށް ހެދުން މަދުވީމައެވެ. ވަކި ބާވަތެއްގެ ބަހުރުވައެއް އުފެދި
އާލާވަނީ އެހެން މީހުންނާ ދުރުގައި
އޮންނަ
އަތޮޅުތަކުގައެވެ. ބަހެއް ބަދަލުވެ އެންމެ ގިނަ ދުވަސް ވަންދެން އޮންނަނީ އެހެން މީހުންނާ ކުރެވޭ
މުޢާމަލާތްތައް މަދު ނުވަތަ ނެތް ހިސާބު
ތަކުގައެވެ.
މިކަން ދިވެހި ބަހުރުވަ ތަކަށް ވިސްނާލުމުން އޮޅުން ފިލައެވެ. ވަކިން އޮންނަ
އަތޮޅުތަކުގައި ނުވަތަ ރަށްތަކުގައި ވާހަކަ ދައްކާ ބަހުރުވަ ވަރަށް ތަފާތެވެ. މިސާލަކަށް އައްޑޫ އަތޮޅެވެ. ފުވަށްމުލަކެވެ. ހުވަދޫ އަތޮޅެވެ. މަލިކެވެ. އަދި މިނޫންވެސް
އެކަހެރިކޮށް އޮންނަ އަތޮޅުތަކާއި
ރަށްތަކެވެ.
މިސާލަކަށް މާލެ ބަހުން "ލަދު" މިލަފުޒު އަށް ހުވަދޫ އަތޮޅުގައި ކިޔަނީ "ލަދެ"
އެވެ. ފުވައްމުލަކާއި އައްޑޫ އަތޮޅުގައި "ލަދޮ" އެވެ. ބައެއް ލަފުޒުތައް ހަމައެކަނި
ވަކި ހިސާބުތަކުގައި ބޭނުން ކުރެވި
އަނެއް
ބައި ހިސާބުތަކުން އުވި ދެއެވެ. މިސާލަކަށް ރުލަށް އައްޑޫބަހުން ކިޔާ "ހުރު" ނުވަތަ
ޖަގިޔާއަށް މަލިކުބަހުން ކިޔާ "ޗައްޑި" އެހެން ހިސާބުތަކުގައި އެއްވެސް ގޮތަކަށް ބޭނުމެއް ނުކުރެއެވެ.]
ބަހުގެ އާއިލާއާއި
ދިވެހިންގެ އަސްލާ އޮތް ގުޅުން:
ދިވެހިންނަށް ދިވެހި
ބަސް ބޭނުންކުރަން ދަސްވެގެންއައީ ކިހިނެއް ބާވައެވެ؟ ދިވެހި ބަހުގެ އަސްލަކީ
ކޮބައިބާވައެވެ؟ މިއީ މިހާތަނަށް ކަނޑައެޅިގެން ވަކި ޖަވާބެއް ދެވިފައިނުވާ
އިޚުތިލާފީ ސުވާލެކެވެ. ދިވެހި ބަސް އުފެދުނީ ކަނޑައެޅިގެން ވަކި ބަހަކުންނޭ ބުނެ
ހެއްކެއް ދެއްކޭވަރުގެ އެއްވެސް ހޯދުމެއް މިހާތަނަށް އައިއިރު ދުނިޔޭގެ އެއްވެސް
ބަހަވީ ޢިލްމުވެރިޔަކަށް ހޯދިފާނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ދިވެހި
ބަހުގެ އަސްލާބެހޭ ވާހަތައް ދައްކަމުންދާއިރު، ދިވެހި ބިމުގައި އެންމެ ފުރަތަމަ
ވަޒަންވެރިވީ ކޮންބައެއްތޯ އާއި އެމީހުން ވާހަކަދައްކާފައިވަނީ ކޮން ބަހަކުންތޯ ބަލަން
ޖެހެއެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ ތާރީޚީ ހެކިތަކުގެ މައްޗަށް ބަލާއިރު،
ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެގެން ދިރިއުޅޭތާ ގާތްތަނޑަކަށް 2500 އަހަރު
ވެދާނެކަމަށް ނަސީމާ މުޙައްމަދު (1998) ހާމަކުރައްވަ އެވެ. އެއީ ޢީސާގެފާނު
ދުނިޔެއަށް ވަޑައިގަތުމުގެވެސް 500 އަހަރު ކުރި އެވެ. އެ ޒަމާނުގައި ތާރީޚު ދިރާސާ ކުރެވިފައި
ނެތުމާއެކު، މިކަމާމެދު ތާރިޚުން ސާބިތު ހެކި
ފެންނަން ނެތްކަމުގައި ވީނަމަވެސް، ދިވެހިންގެ އަސްލު ގުޅިފައި ވާނީ ހަމަ ޔަޤީނުން
ވެސް މީގެ 2500 އަހަރަށްވުރެ ކުރިން ދިވެހިރާއްޖޭގައި ވަޒަންވެރިވީ ބައެއްގެ
ނަސްލާ ކަމަށް ޤަބޫލު ކުރެވެ އެވެ.
ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނާ ބެހޭގޮތުން ޖޯންސްޓޭންލީ ގާޑިނަރ (1899) ކުރެއްވި ސައިންޓިފިކް ތަޙުލީލަކާއި ޙަވާލާދެއްވާ ނަސީމާ
މުޙައްމަދު (1998) ވިދާޅުވަނީ، ދިވެހިރާއްޖޭގެ އަހުލުވެރިންގެ ނަސްލު
ގުޅިފައިވަނީ އިންޑިޔާގެ ސަބުކޮންޓި
ނެންޓާއި،
އޮޅުދޫކަރައާއި، ޢަރަބިކަރަ،
އެފްރިކާ
އަދި އަސޭކަރައިގެ މީހުންނާ
ކަމުގައެވެ. ދިވެހި ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުންނަކީ،
މިބައިމީހުންކަމަށް ވާނަމަ، ދިވެހިރާއްޖޭގެ މީހުން ފުރަތަމަ ބޭނުންކުރި ބަހަކަށް
ވާންޖެހޭނީ އިސްވެ ދެންނެވުނު ނަސްލުގެ މީހުން ވާހަކަދައްކާއުޅުނު ބަހަށެވެ. އެހެންކަމުން،
އެބައިމީހުންގެ ބަސް ބަދަލުވުމުގެ އޮއިވަރުގައި ޒަމާނާއެކު ތަރައްޤީވަމުންގޮސް
ދިވެހި ބަހަށް ބަދަލުވެގެން ދިޔައީކަމަށް ޤަބޫލު ކުރެވެ އެވެ. ނަމަވެސް އެއީ ކޮން
ބަހެއްކަން ތާރީޚުގެ އެއްވެސް ހިސާބަކުން މިހާތަނަށް ފެނިފައެއް ނުވެ އެވެ.
ދިވެހި ބަހުގެ
އަސްލާ ބެހޭގޮތުންތަފާތު ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު،
އެއްވެސް ކޮޅެއްގައި ޖެއްސޭފަދަ ސާބިތު ހެކިތަކެއް ނެތި ވާހަކަދެކެވިފައި ވާކަމަށް
ފެނެ އެވެ. މިހެން ދަންނަވަން މިޖެހުނީ، ބައެއް ބޭފުޅުން، ދިވެހިބަހުގެ އަސްލަކީ
ސާންސްކްރިތު ބަސް ކަމުގައި ބުނަމުންދާއިރު، އަނެއްބައި ބޭފުޅުން ސިންގަޅަބަސް
ކަމުގައި ވިދާޅުވުމެވެ. ހަމައެއާއެކު، މަދުބޭފުޅުންތަކެއް ޕާލީބަހާއި، އިންޑިކް
ބަސް ކަމުގައިވެސް ވިދާޅުވާއިރު، އަނެއްބައި ބޭފުޅުން، ދިވެހި ބަހަކީ، އިންޑޯ
ޔޫރަޕިއަން ގްރޫޕްގެ ބަހެއްކަމަށާއި، އިންޑޯ އީރޭނިއަން ގްރޫޕުގެ ބަހެއް ކަމަށާއި، އިންޑޯ އާރިޔަން
ބަސްތަކުގެ
ބަހެއްކަމަށާއި، ސިންގަޅަބަހެއްނޫން ކަމަށް ވިދާޅުވާތީ އެވެ. ހަމައެފަދައިން
ދިވެހިބަހުގެ އަސްލު ތިންހަތަރު
ބަހާ ގުޅިފައިވާކަމަށް ވިދާޅުބާ ބޭފުޅުންވެސް އުޅުއްވާތީ އެވެ.
ދިވެހި ބަހުގެ
އަސްލާ ގުޅޭގޮތުން ވާހަކަދައްކާފައިވާ ގިނަ ބަހަވީ ޢިލްމުވެރިންގެ ނަޛަރުގައި،
ދިވެހި ބަހަކީ ސާންސްކުރިތު ބަހުން އުފެދިފައިވާ ބަހެކެވެ. މިކަމަށް އިޝާރާތްކޮށް،
ނަސީމާ މުޙައްމަދު (1998) ބަޔާންކުރައްވާ ގޮތުގައި، އިންޑޯ އިރޭނިއަން ބަސް
ކަފިވެ، އޭގެތެރެއިން އިންޑޯ އާރިޔަން (ސާންސްކުރިތު) އުފެދި މި ބަސް ހުޅަނގާއި
ދެކުނަށް ފުޅާވެގެން އުފެދުނު ބަސްތަކުގެ ތެރޭގައި، ގުޖުރާތީ، މަރާޓީ، ކޮންކަރީ،
ދިވެހި އަދި ސިންގަޅަ ބަސް ހިމެނެ އެވެ. ހަމައެއާއެކު، ޙުސައިން ރަޝީދު އަޙުމަދު
(1995) ވިދާޅުވާ ގޮތުގައި، ދިވެހި ބަހަކީ ޢާރީ ބަހުގެ ގޮފިތަކުގެ ތެރެއިން
ސާންސްކުރިތު ބަހުގެ ގޮތްޕެއް ކަމުގައި ބުނެވިދާނެ އެވެ. ސަބަބަކީ މިހާރު ހިންދު
ކަރައާއި އިންޑިޔާ ކަނޑުގައި، ހިމެނިފައިވާ ރަށްތަކުގެ މީހުން ވާހަކަދައްކާ އުޅެނީ
ސާންސްކުރިތު ބަހުން އުފެދިފައިވާ ބަސްތަކުންކަމަށް ވާތީ އެވެ. ހަމައެއާއެކު،
މުޙައްމަދު އަމީނު (1368ހ.) އޭނާގެ ފޮތް ދިވެހި ބަސް ދަރިވަރުންގެ އެހީތެރިޔާގައި،
ބަޔާންކުރައްވާފައިވާ ގޮތުގައި، [ދިވެހި ބަހުގެ އަސްލަކީ ސާންސްކުރިތު ބަހާއި ޕާލީ
ބަހެވެ](ޞ.11). ހަމަ މިމޭރުމުން އިބުރާހިމް ޝިހާބު (1981) ވިދާޅުވެފައިވަނީ،
[ކޮންމެޔަކަސް އަޅުގަނޑުމެންގެ ދިވެހި ބަހުގެ އަސްލުކަމަށް ބެލެވިފައިވަނީ،
ސާންސްކުރިތު ބަހާއި ޕާލީ ބަހާއި، އަދި މިނޫނަސް އެތެރެވަރީގެ އެހެނިހެން
ބަސްތަކެވެ](ޞ. 13). މިކަމަށް ތާޢީދުކުރައްވާ، އަހުމަދު ޝަފީޤު (1998) ބަޔާންކުރައްވާފައިވާ
ގޮތުގައި، ދިވެހި ބަހުގެ އަސްލު ސާންސްކުރިތު ބަހާ ގުޅިފައި ވެއެވެ. ހަމައެއާއެކު،
ދިވެހި ބަސް އުފެދުނީ ސާންސްކުރިތު ބަހުންކަމަށް ބުނެ މިކަމަށް ތާޢީދުކޮށްފައިވާ
ރާއްޖެއިން ބޭރުގެ ސައްޔާޙުންގެ ތެރޭގައި، ސޮންޖާ ޕްރިޓްޒް (އ.ނ) އާއި، ފްރެންސިސް
ޕިރާޑު ޑިލާވަރު (1570) އާއި، އެމް ޑަބްލިޔު ސުގަތަޕާލާ ޑިސިލްވަރ (އ.ނ) ހިމެނެ
އެވެ. އެހެންކަމުން، ބަހަވީ
ޢިލްމުވެރިންގެ ދިރާސާތަކުގެ މައްޗަށް ބުރަވެ އެއްޗެއް ދަންނަވާނަމަ، ދިވެހި ބަހުގެ އަސްލަކީ، ސާންސްކުރިތުބަސްކަމަށް ބުރަވެވިދާނެ އެވެ.
ދިވެހި ބަހުގެ އާއިލާ
އޮތް ގޮތް:
ސޯސް: ދިވެހިންގެ ތަރިކަ 1،2،3،4
ބަހަވީ ޢިލްމުގެ
މާހިރުން ވިދާޅުވާ ގޮތުގައި، މިހާތަނަށް ފެންނަން ހުރި ހެކިތަކުގެ މައްޗަށް
ބަލާއިރު ދިވެހި ބަސް ހިމެނެނީ އިންޑޯ ގުރޫޕުގެ ބަސްތަކުގެ ތެރޭގަ އެވެ. މި
ގުރޫޕުގެ އެންމެ ޒަމާންވީ ބަހަކީ، މަތީގައިވާ ޗާޓުން ފެންނަންއޮތް ފަދައިން، ޕްރޯޓޯ އިންޑޯ ޔޫރަޕިއަން ބަސްކަމުގައި، ނަސީމާ
މުޙައްމަދު (1998) އާއި، ޙުސައިން ރަޝީދު އަޙުމަދު (2003) އާއި، ޢަދުނާނު ޙުސައިން
(1987) އާއި، ސޮންޔާ ޕްރިޓްޒ(2002) ވިދާޅުވެ އެވެ.
ނަސީމާ މުޙައްމަދު (1998) އާއި،
ޙުސައިން ރަޝީދު އަޙުމަދު (2003) އާއި، ޢަދުނާނު ޙުސައިން (1987) އާއި، ސޮންޔާ
ޕްރިޓްޒ(2002) ވިދާޅުވާ ގޮތުގައި، ޕްރޯޓޯ އިންޑޯ ޔޫރަޕިއަން ބަހުން ވާހަކަދައްކާ
އުޅުނު ބަޔަކު ދެ ބަޔަކަށް ބެހި، އެއްބަޔަކު ހުލަނގަށް، އަނެއްބަޔަކު އިރުމަތީގެ
ރަށްތަކުގައި ވަޒަންވެރި ވި އެވެ. ހުޅަނގަށް ދިޔަ މީހުން ދިޔައީ ހުޅަނގު ޔޫރަޕަށެވެ.
އިރުމައްޗަށް ދަތުރުކުރި މީހުން އީރާނަށާއި އިންޑިޔާއަށް ދަތުރު ކުރި އެވެ. މިގޮތަށް
ދަތުރުކުރި އިންޑޯ އިރޭނިއަން ދެ ކަތްފަށް ބެހިގެން އައިސް، އިންޑޯ އާއިއަން އާއި
އިރާނިއަން އުފެދި، އިންޑޯ އިރާނިއަން، އިރުމައްޗަށާއި، ހުޅަނގު އުތުރަށާއި،
އުތުރަށާއި، ހުލަނގު، ހުޅަނގު ދެކުނަށް
ފެތުރިގެންގޮސް، ހުޅަނގު، ހުލަނގު ދެކުނަށް ގޮސް ގުޖުރާތީ، މަރާޓީ، ކޮންކަނީ، އުފެދުނީ
އެވެ.
ދިވެހި ބަހުގެ އާއިލާއަށް
އިޝާރާތްކުރައްވާ، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވި ބަހަވީ
ޢިލްމުވެރިޔެއް ކަމަށްވާ މަޝްހޫރު ސައްޔާޙު، ސުގަތަޕާލާ ޑިސިލްވާ (1971)
ވިދާޅުވެފައިވަނީ، ސާންސްކުރިތު ބަހުން ޕްރޯޓޯ ދިވެހި ސިންގަޅަ އުފެދި، ސިންގަޅަ
ބަހުން ދިވެހި ބަސް، އަދި ހަމައެއާއެކު ސާންސްކުރިތު ބަހުންދްރެވީދިއަން ބަސް
އުފެދި، ދްރެވީދިއަން ބަހުގެ އަސަރުވެސް ދިވެހިބަހަށް ކޮށްފައިވާ ކަމުގަ އެވެ.
ޗާޓު 2: ދިވެހި ބަސް އުފެދުނުކަމާމެދު ލަފާކުރެވޭ ގޮތް.
ދިވެހި ބަހުގެ
ފާހަގަކޮށްލެވޭ ބަހުރުވަތައް:
ވާހަކަދައްކާ ރާގު
ތަފާތުވީ ނަމަވެސް، ދިވެހިރާއްޖޭގެ މެދުރާއްޖެތެރެއާއި، އުތުރުގެ އަތޮޅުތަކުގައި
ވަޒަންވެރިވެފައިވާ މީހުންގެ ބަހުރުވަ ދާދި އެއްގޮތްކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް، މާލެއިން ދެކުނުގެ ބައެއް ހިސާބުތަކުގައި ބޭނުންކުރާ
ބަހުރުވައިގައި، ރާއްޖޭގެ އެހެން ހިސާބުތަކުގެ ބަހުރުވަޔާ ވަރަށް ބޮޑު
ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. ޚާއްޞަ ގޮތެއްގައި، އައްޑޫ ބަހުރުވަ
އާއި، ފުވައްމުލަކު ބަހުރުވަ އާއި، ހުވަދޫ ބަހުރުވަ ފާހަގަ ކުރެވެ އެވެ. ދިވެހި
ބަހުގައި ތަފާތު ބަހުރުވަތަކެއް ހުރިކަމީ ޙަޤީގަތުގައި ދިވެހި ބަހަށް ލިބޭ
ކުރިއެރުމެކެވެ. ނަސީމާ މުޙައްމަދު (2010) ވިދާޅުވާ ގޮތުގައި، ހުވަދޫ ބަހުރުވައާއި
ސިންގަޅަ ބަހާ ވަރަށް އެއްގޮތްކަމެއް އެބަހުރިކަން ފާހަގަ ކުރެވެއެވެ.
އެހެންކަމުން ކާބަފައި ޒަމާނުގައި، ހުވަދޫ ބަހަށް ސިންގަޅަ ބަހުގެ ނުފޫޒު
ކޮންމެވެސްގޮތަކުން އައިސްފައިވާކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން މިކަންކަމަށް
ރިޢާއަތްކޮށް ބުނެވެންއޮތީ، ރާއްޖޭގެ ބައެއް ހިސާބުތަކުގެ ބަހުރުވައަށް، ބޭރުގެ
ނުފޫޒު ފޯރާފައިވާކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
ލިޔުންތެރިކަމާއި
ދިވެހި ލިޔުންތެރިކަން:
ތާރީޚީ ހެކިތަކަށް
ބަލާއިރު އަރިއަތޮޅު މާޅޮހުން ފެނުނު ތާރިޚީ ގަލުގައި ލިޔެފައިވަނީ، [ޕްރޯޓޯ
ނާގަރީ] އަކުރުންކަމަށް ބެލެވެ އެވެ. ނަސީމާ މުޙައްމަދު (1998) ހާމަކުރައްވާ
ގޮތުގައި އެއީ 9 ވަނަ ޤަރުނުގެ ލިޔުމެކެވެ. ހަމައެއާއެކު، ނަސީމާ މުޙައްމަދު (2004) ބަޔާންކުރައްވާ
ގޮތުގައި، އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ފަރާތުން ފޮނުވި ޓީމެއް 18 މޭ
1987 ގައި ނ. ލަންދޫގައި ކުރި ސާރވޭއެއްގައި، އެރަށު އާސާރީ ސަރަޙައްދުން ނެގި
ހިރި ގަލެއްގައި ލިޔެފައިވަނީ، ބްރަހުމީ އަކުރުންނެވެ. އެ ލިޔުން ބެލެވިފައިވަނީ 6
ވަނަ ޤަރުނުގެ ލިޔުމެއްގެ ގޮތުގަ އެވެ. އެހެންކަމަށްވާނަމަ، އެ ލިޔުންވާނީ
މިހާތަނަށް ރާއްޖޭން ފެނުނު އެންމެ ދޮށީ ލިޔުންކަމުގަ އެވެ. އެހެންކަމުން އެއީ
ލިޔުންތެރިކަން ފެށިގެން އައި ޒަމާން ކަމުގައި ދެންނެވިދާނެ އެވެ.
ނަސީމާ މުޙައްމަދު (2006) ވިދާޅުވާ
ގޮތުގައި، ދިވެހިރާއްޖޭގައި ގެންގުޅުނު، އެވޭލާ އަކުރާއި، ދެކުނު އިންޑިޔާގައި
ތަމަޅަ ބަހާއި މަލިޔާޅަމް ބަސް ލިޔުމަށް ގެންގުޅުނު ވައްޓެލުއްޓު އަކުރާ
ތިމާގެކަން ހުރިކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން އެވޭލާ އުފެދުނީ[ ބްރަހުމީ]
އަކުރުންކަމަށް ބެލެ ވެއެވެ. އަހުމަދު ޝަފީޤު (1998) ވިދާޅުވާ ގޮތުގައި، އެވޭލާ
އަކުރުން އޭނާއަށް ފެނިވަޑައިގަތީ ދެތިން ލޯމާފާނަކާއި، ދެ ބުދުގައި އެ ލިޔުން
ލިޔެފައި ވަނިކޮށެވެ.
12 ވަނަ ޤަރުނުގައި ނުވަތަ އޭގެ ކުރިން
ދިވެހިން ބޭނުންކުރިކަމަށް ބެލެވޭ، އެވޭލާ އަކުރު މަޑުމަޑުން ތަރައްޤީވަމުން
އައިސް އެވޭލާ އަކުރަށް ބަދަލު ގެނެސްގެން ދެން އުފެދުނީ ދިވެސް އަކުރެވެ. އެވޭލާ
އަކުރެކޭ އެއްގޮތަށް ދިވެސް އަކުރަކީ ވެސް ވާތުން ކަނާތަށް ލިޔާ އަކުރެކެވެ. މުޙައްމަދު
އިބްރާހިމް ލުތުފީ (1994) ބަޔާންކުރައްވާފައިވާ ގޮތުގައި، މީލާދީން 1356ގައި
ލިޔެފައިވާ ބޮޑުގަލު މިސްކިތު ލޯމާފާނު ލިޔެފައިވަނީ ދިވެސް އަކުރުންނެވެ. އެޗް ސީ
ޕީ ބެލް (1940) އޭނާގެ މޮނޮގުރާފުގެ 182 ވަނަ ޞަފުޙާގައި ބަޔާންކުރައްވާ ގޮތުގައި،
މާލޭ ބޮޑުގަލު މިސްކިތު ލޯމާފާނުގައިވާ އަކުރުތަކާއޭނާ ދެކެލެއްވި އިސްދޫ
ލޯމާފާނުގައިވާ އަކުރުތަކާ ވަރަށް އެއްގޮތެވެ. ނަމަވެސް، އެއީވެސް ދިވެސް އަކުރުން
ލިޔެފައިވާ ލޯމާފާނެކެވެ. މި އަކުރުގެ ލިޔުންތައް ދެމިގެން ގޮސްފައިވަނީ މީލާދީން
1778 އާ ހަމައަށެވެ. އޭގެ ފަހުން ކަނާތުން ވާތަށް ލިޔެވޭ ތާނަ އަކުރުން ދިވެހިން
ލިޔަންފެށީ މީލާދީން 1705 އިން ފެށިގެންނެވެ. އެހެންކަމުން މިހާރު ތާނަ އަކުރު
ރާއްޖޭގައި ބޭނުންކުރާތާ 300 އަށްވުރެ ގިނަ އަހަރު ވެދާނެކަމަށް ބެލެވެއެވެ.
މިހާރުގެ ލިޔުންތަކުގެ އުސްލޫބަށް ބަލާއިރު، ގާތްގަނޑަކަށް ފާއިތުވި 300 އަހަރުގެ
ތެރޭގައި ދިވެހި ލިޔުންތެރިކަމަށް މިއަދު މިވަނީ ވަރަށް ބޮޑު އިންގިލާބެއް
އައިސްފަ އެވެ.
ދިވެހި ބަސް ގިރާކުރި
މަރުޙަލާތައް:
މިބައިގައި ބަލާލާނީ،
ދިވެހި ބަހުގެ އަދަބިއްޔާތު ބަހާލެވިފައިވާ ދަޢުރުތައް ކަޑައްތުކުރި
މަރުޙަލާތަކަށެވެ. ޢިލްމުވެރިން ދިވެހި އަދަބިއްޔާތު ތިން ދަޢުރަކަށް
ބައްސަވާލައްވާފައި ވެއެވެ. އެއީ ޅަފަތުގެ ދަޢުރާއި ފިރުކެންފެށި ދަޢުރާއި،
ހިނގައިގަނެވުނު ދަޢުރެވެ. ސާނަވީ ދިވެހި 1 (2006) ބަޔާންކުރާ ގޮތުގައި، ދިވެހި
އަދަބިއްޔާތު ތިން ދަޢުރަކަށް ބައްސަވައިލައްވާފައިވަނީ އިންސާނީ ޙަޔާތުގެ
ކުރީކޮޅު ކަޑައްތުކުރާ މަރުޙަލާތަކާ އެއްގޮތަށެވެ. ތިރީގައިވާ ތާވަލުން އެ
ފެންނަނީ ލިޔުންތެރިކަމުގެ ދަޢުރުތައް އެއް ދައުރު އަނެއް ދަޢުރަށް ބަދަލުވިކަމަށް
ލަފާކުރެވޭ އަހަރުތަކެވެ.
ޅަފަތުގެ ދަޢުރު
|
ފިރުކެންފެށި ދަޢުރު
|
ހިނގައިގަނެވުނު ދަޢުރު
|
|
ފެށުނު އަހަރު (ލަފާކުރެވޭ)
|
1100 ހ.
|
1300 ހ.
|
1380 ހ.
|
ނިމުނު އަހަރު (ލަފާކުރެވޭ)
|
1300 ހ.
|
1380 ހ.
|
1405 ހ.
|
ދިވެހި އަދަބިއްޔާތު އެއް ދަޢުރުން އަނެއް
ދަޢުރަށް ބަދަލުވާން ދިމާވި ސަބަބުތަކަކީ، ދިވެހިންގެ ތެރެއަށް ޢިލްމު ފެތުރުން
އާއްމު ވަމުން ދިއުމާއި، ތަޢުލީމު އާއްމުވެ، އޭގެ ސަބަބުން އިންސާނުންގެ
ވިސްނުމާއި ފިކުރަށް ބަދަލު އަންނަން ފެށުމާއި، ލިޔެކިޔުމާއި ޗާޕުގެ މަސައްކަތްތައް
ފަސޭހަވެގެން ދިއުމެވެ. ޅަފަތުގެ ދަޢުރާއި ފިރުކެންފެށި ދަޢުރުގެ ލިޔުންތަކަށް
ބަލާލާއިރު، މި ދެ ދަޢުރުގެ ލިޔުންތައް ފެންނަކީ ދާދި އެއްކަހަ ގޮތަކަށެވެ. ޢިބާރާތްތައް
ދޭހަކުރަން އުނދަގޫވެފައި، އަކުރުތަކުގެ ފައިކޮޅު ތިރިއަށް ދިގުވެފައި ހުންނަކަން
ފާހަގަ ކުރެވެ އެވެ. ޖުމުލާގައި ލަފުޒު އަތުރާފައި ހުންނައިރު، ލަފުޒު ވަކިކޮށް
ލިޔެފައި ނުހުރުމާއި، އާދަޔާ ޚިލާފަށް ގިނައިން ޢަރަބި ބަސް ބޭނުންކޮށްފައި
ހުރުމާއި، ފުލުސްޓޮޕް ޖަހައިގެން ޖުމުލަތައް ނުނިންމާ، ހުށި. މެއަ. ފަދަ ގޮތަކަށް
ނިމުންތައް ގެނެސްފައި ހުންނަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އެދުވަސްތައް
މާޒީވެ ލިޔުން ތަރައްޤީވެ، މިޒަމާނުގެ ފޭޑި ދިވެހި ލިޔުންތަކުން ފެންނަންފެށީ، ހިޖުރައިން 1380 ގެ އަހަރުތަކުން ފެށިގެންނެވެ.
ދިވެހިބަހަށް އަސަރު
ފޯރުވާފައި ހުރި އެހެނިހެން ބަސްބަސް:
ބަހަކީ، ބަދަލުވަމުން
ނުފޫޒު ފޯރަމުން އަންނަ އެއްޗެކެވެ. ބަހަށް އެންމެ ބޮޑަށް ނުފޫޒު ފޯރަނީ، އެޤައުމަކަށް
ޒިޔާރަތްކުރާ ބިދޭސީންގެ ސަބަބުންބޭ ބުނެވިދާނެ އެވެ. މީގެ އެތައް އަހަރެއް ކުރިން
މެދުތެރޭ އިންޑިޔާއިންނާއި، އުތުރު އިރުމަތީ އިންޑިޔާގެ މީހުން ރާއްޖެއަށް
ޒިޔާރަތް ކޮށްއުޅުމުގައި، އެބައިމީހުންގެ ބަހުގެ އަސަރު ނުވަތަ ނުފޫޒު ދިވެހި
ބަހަށް ފޯރާފައިވާކަން ފާހަގަ ކުރެވެއެވެ. އެމީހުން އައިއިރު ބުޑިސްޓު ދީނުގެ
ބަހާއި އެބައި މީހުންގެ އަކުރުވެސް ގެނައެވެ. އިހުޒަމާނުގައި ބުޑިސްޓު
ޔުނިވާސިޓީއެއް ކަމުގައިވާ[ނާލަންދާ] ގައި ބޭނުންކުރި [ޕްރޯޓޯ ނާގަރީ] އަކުރުގެ
އަސަރު ދިވެހިރާއްޖޭގެ ލިޔުންތަކުން ފެނިފައިވާކަމީ، މީގެ އެއް ހެއްކެވެ. މިދެންނެވި
އަކުރުގެ އަސަރު ފެނިފައިވަނީ، ދިވެހިރާއްޖެއިން ފެނުނު އެންމެ ދުވަސްވީ،
ލިޔުންކަމަށް ބެލެވޭ އަރިއަތޮޅުން ފެނުނު އާސާރީ ގަލުންނެވެ. ހަމައެއާއެކު ރާއްޖެ
އިސްލާމްވުމަށްފަހުގައި ލޯމާފާނުން ވެސް މިއަކުރުގެ އަސަރު ފެނިފައިވާކަން ފާހަގަ
ކުރެވެއެވެ.
ރާއްޖޭގައި ބުޑިސްޓު
ދީން އޮތުމާއެކު ރާއްޖޭގައި ލިޔަންކިޔަން ދަސްކޮށްދިނުމުގެ ހަރަކާތްތަކުގައި
ބުޑިސްޓުންގެ ހާމުދުރުން ބައިވެރިވި ކަމަށް ވުމަކީ، ޤަބޫލުކުރެވޭ ކަމެކެވެ. އެހެންކަމުން،
ބުޑިސްޓުން ނާލަންދާގައި ބޭނުންކޮށްފައިވާ އަކުރުގެ ނުފޫޒުވެސް ދިވެހި ބަހަށް
ކޮށްފައި ވެއެވެ. މިދެންނެވި އަކުރަކީ މިހާރުގެ ބަންގާޅު އަކުރޭ ބުނެވިދާނެ އެވެ.
މީލާދީން 10 ވަނަ ޤަރުނާއި 12 ވަނަ ޤަރުވާ
ދޭތެރޭގައި ހިނގި ސިޔާސީ ގަޑުބަޑެއްގެ ތެރެއިން ރާއްޖެއަށް ސިންގަޅައިން އައި
އައުމުގެ ތެރޭގައި ސިންގަޅަ ބަހުގެ ނުފޫޒު ދިވެހި ބަހުގެ ތެރެއަށް ވަދެފައި ވާކަމަށް
ބެލެވެ އެވެ. ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކުން ސިލޯނު މީހުންނަށް ކިޔާ އުޅޭ
ނަންތަކާ ދާދި ގާތްކުރާ ނަންތައް ހުރުމުން އެބައިމީހުން ވެސް ދިވެހިރާއްޖެއަށް
އައިސް އެމީހުންގެ ބަހުގެ ނުފޫޒުވެސް ދިވެހި ބަހުގެ ތެރެއަށް ވަދެފައި ވާނެ ކަމަށް
ބެލެވެ އެވެ. ވަރަށް ކުރީ ޒަމާނުންސުރެ ބަންގާޅާ ރާއްޖެއާ ދެމެދު ވިޔާފާރީގެ ގުޅުންތަކެއް
އޮތްކަމަށް ބެލެވެ އެވެ. މި ވިޔަފާރީގެ ގުޅުމުގެ ތެރެއިން ބަންގާޅު ބަހުގެ
އަސަރުވެސް ދިވެހި ބަހުގެ ތެރެއަށް ވަދެފައި ވާކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު
މިހާރުގެ އިންޑޮނޭޝިޔާ އަދި މެލޭޝިޔާގެ މީހުން ގެންގުޅުނު ބަހުގެ އަސަރާއި، ދިވެހިރާއްޖެ
އިސްލާމްވުމަށްފަހު، މީލާދީން 12 ވަނަ ޤަރުނުގެ ތެރޭގައި ފާރިސީ ބަހުގެ އަސަރުވެސް
ދިވެހި ބަހުގެ ތެރެއަށް ވަދެފައި ވާކަން ފާހަގަ ކުރެވެ އެވެ. 16 ވަނަ ޤަރުނުގައި
ޕޯޗުގީޒު ބަހުގެ ނުފޫޒު ދިވެހި ބަހުގެ ތެރެއަށް ވަދެފައި ވާއިރު، 17 ވަނަ ޤަރުނާއި
20 ވަނަ ޤަރުނާ ދޭތެރޭ އުރުދޫ ބަހުގެ އަސަރާއި، އިނގިރޭސި ބަހުގެ އަސަރު މަދުން މަދުން ދިވެހިބަހުގެ
ތެރެއަށް ވަދެފައިވާކަން ފާހަގަ ކުރެވެ އެވެ. (ދިވެހިންގެ ތަރިކަ 3، 2002)
ނިންމުން:
ބަހުގެ ތަޢާރަފަށް
ބަލާއިރު، ތަފާތު ބޭފުޅުން [ބަސް] މި ލަފުޒު މާނަ ކުރައްވާގޮތް މަފްޙޫމުގެ ގޮތުން
ތަފާތުވީނަމަވެސް މާނައިގެ ގޮތުން ބަލާއިރު ފާދި އެއްގޮތްކަން ފާހަގަކުރެވެއެވެ.
ކުރުކޮށް ދަންނަވާނަމަ، ބަހަކީ އެއްބަޔަކު އަނެއްބަޔަކަށް ޝުޢޫރު ފާޅުކުރުމަށް ބޭނުންކުރާ
އަޑުތަކެއްގެ މައްޗަށް ބިނާވެފައިވާ ވަސީލަތެކެވެ. އަޅުގަނދުމެންނަށް ދުނިޔޭގައި
މީހުން ވާހަކަދައްކާ އުޅުނު އެންމެ ފުރަތަމަ ބަހަކީ، ކޮން ބަހެއްކަން ކަނޑައެޅި
އެނގެން ނެތްކަމަކު، ކީރިތި ޤުރުއާނުގެ އަލީގައި ސުވަރުގޭގެ ބަހަކީ ޢަރަބި
ބަސްކަމަށް އަޅުގަނޑުމެންނަށް އެނގެން އެބައޮތެވެ. އެހެންކަމަށްވާނަމަ، އެންމެ
ފުރަތަމަ އިންސާނާ އަދަމްގެފާނަށް މާތްﷲ ތަކެތީގެ ނަންތައް އުނގަންނައިދެއްވީ
ޢަރަބި ބަހުންކަމުގައި ވުމީ ދާދި ގާތްކަމެއްކަމުގައި އަޅުގަނޑަށް ޤަބޫލު ކުރެ
ވެއެވެ. މި ދިރާސާ ހެދުމަށްޓަކައި މައުލޫމާތު އެއްކުރުމުގެ ތެރެއިން ގިބަ ގބަހަވީ
ޢިލްމުވެރިންގެ ނަޒަރުގައި ދިވެހި ބަސް އުފެދުނު ކަމަށް ބެލެވިފައިވަނީ
ސާންސްކުރިތުބަހުންކަމަށް ދައްކާފައިވާ ވާހަކައާއި އަޅުގަނޑުވެސް އެއްބަސް ވަމެވެ.
ދިވެހި ބަސް އުފެދި ތަރައްޤީ ވުމަށާއި، ދިވެހި
ލިޔުންތެރިކަން އުފެދުމަށްޓަކައި އެތައް ބަސްތަކެއްގެ ނުފުޒު ފޯރާފައި ވާކަމަށް
ބެލެވެއެވެ. ހަމައެއާއެކު ލިޔުންތެރިކަން އުފެދި ކުރިއަރައިގެން އައިސްފައިވަނީ،
ވަރަށް ހަލުއިކޮށް އަވަސް މުއްދަތެއްގެ ތެރޭގައިކަމަށް ޤަބޫލު ކުރެވެއެވެ. ނަމަވެސް
ދިވެހި ބަހުގެ މައި ބަހަކީ ކޮބައިކަމާމެދު އުފެދިފައިވާ ސުވާލުތަކަށް ޙަޤީޤީ
ޙައްލެއް ހޯދުމަށްޓަކައި، އަދިވެސް ފުންކޮށް ވިސްނުމަށްފަހު ޢިލްމީ ދިރާސާއެއް
ކުރަންޖެހިފައިވާކަމަށް އަޅުގަނޑު ދެކެމެވެ.
.................................................
ރެފަރެންސް ލިސްޓު:
1. ނަސީމާ މުޙައްމަދު
(2002). ދިވެހިންގެ ތަރިކަ 1، 2، 3 ،4. ދިވެހިބަހާ ތާރީޚަށް ކިދުމަތްކުރާ
ޤައުމީ މަރުކަޒު. މާލެ.
2. ނަސީމާ
މުޙައްމަދު. (1999). ދިވެހި ރައިޓިންގ ސިސްޓެމް. ދިވެހި ބަހާ ތާރީޚަށް ޚިދުމަތްކުރާ
ޤައުމީ މަރުކަޒު. މާލެ.
3. ޝަކީލާ ޙާމިދު.
(2009، މެއި 5). ދިވެހި ބަހުގެ އަސްލާ މެދު. ފަންވަތް.
ނެގީ، އޭޕްރީލް 04، 2010. www.fanvai.infoން
4. ޑރ. ޙަސަން
ޙަމީދު. (2009، ޖޫން 13). ދިވެހި ބަހާ ބަހުރުވަ. ފަންވަތް. ނެގީ، އޭޕްރީލް
04، 2010. www.fanvai.info ން
5. އިސްމާޢީލް ޙަބީބު
ޢަބްދުއްރަޙީމް. (2007، އޭޕްރީލް). ޖަމާޢަތުގެ ޚަބަރު. ބަހަކީ ކޮބާ؟.
ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު. މާލެ.
6. މުޙައްމަދު އިބްރާހިމް ލުތުފީ. (1994). ފަތްތޫރަ.
ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ.
7. މުޙައްމަދު ވަޙީދު
ނަދުވީ. (2001). ލެކްޗަރ ނޯޓްސް.
8. ދިވެހި
ތާރީޚަށް އައު އަލިކަމެއް. (1990). ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ
މަރުކަޒު. މާލެ.
9. އެޗް ސީ ޕީ ބެލް.
(1940). ދަ މޯލްޑިވްސް އައިލެންޑްސް މޮނޮގުރާފް އޮން ދަ ހިސްޓްރީ.
އާރކިއޮލޮޖީ އެންޑް އެޕިގްރަފީ.
10. އަޝްރަފް
އަބްދުއްރަޙީމް. (2006). ސާނަވީ ދިވެހި 1. ދިވެހިރާއްޖޭގެ ތަޢުލީމު
ކުރިއަރުވާ މަރުކަޒު. މާލެ.
11. އެމް. ޑަބުލިޔު.
ސުގަތަދާސަ ޑިސިލްވާ. (1971). ސަމް އޮބްޒަރވޭޝަންސް އޮފް ދަ ހިސްތްރީ އޮފް
މޯލްޑިވިއަން ޓްރާންސެކްޝަންސް. ދަ ފޮލޮލޮޖިކަލް ސޮސައިޓި އޮފް ގްރެޓް
ބްރިޓްން މަޖައްލާ. ލަންޑަން. އޮކްސްފޮޑް.
12. ވަލީދާ ޢީސާ.
(2010). ލެކްޗަރ ނޯޓްސް. ފެކަލްޓީ އޮފް އާރޓްސް. މާލެ.
ރާމިޒު ޢަލީ. (2007).
ލެކްޗަރ ނޯޓްސް. ފެކަލްޓީ އޮފް އެޑިޔުކޭޝަން. މާލެ.
13. ޔުމްނާ މައުމޫން.
(2008). ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް. ފަތްތޫރަ. 350 (30). ދިވެހި
ބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ.
14. ޙަސަން ނިޒާމު.
(2004). ގުރޭޑު 11 އަދި 12 ގެ ދިވެހި ފޮތް. އެޑިޔުކޭޝަން ޑިވެލޮޕްމެންޓް
ސެންޓަރ. މާލެ.
15. މައުމޫނު
ޢަބްދުލް ޤައްޔޫމް. (2004). މާދަރީ ބަސް. ގުރޭޑު 11 އަދި 12 ގެ ދިވެހި ފޮތް.
އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ސެންޓަރ. މާލެ.
16. ދަ ނިއު
އެންސައިކޮލޮޕީޑިއާ. (1989). ބްރިޓޭނިކާ. އެޑިޝަން 15. ޗިކާގޯ.
17. ދިވެހި
ބަސްފޮތް. (2006). ދިވެހި ބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ.
18. މައިކްރޯސޮފްޓް އެންކާޓާ. (2009). ޑީވީޑީ . މައިކްރޯސްފްޓް
ކޯޕަރޭޝަން.
varah muhinmu mauloomaathu kolheh
ReplyDeletevarah bodah shukuriyya
Slot Review | Lucky Club | Live Casino - Lucky Club
ReplyDeleteEnjoy the luckyclub.live all-round fun of an online casino with Slot Review. Check out our review of Lucky Club's casino site, including games, bonus offers, deposit and withdrawal Rating: 5 · Review by LuckyClub.live