Thursday

ދިވެހިރާއްޖޭގައި އޮތް ތަފާތު ދީންތަކާއި އެ ދީންތަކަށް އަޅުކަން ކުރުމަށް ބޭނުންކުރި ތަކެތި

ލިޔުނީ: މޫސާ މާހިރު

ފެށުން:  

ތާރީޚީ ނަޒަރަކުން ބަލާއިރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށިތާ ގާތްގަނޑަކަށް 2500 އަށްވުރެ ގިނަ އަހަރު ވެދާނެ އެވެ. ތާރީޚީ ހެކިތަކުން އެނގޭގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް މާތްވެގެންވާ އިސްލާމްދީނުގެ ޝުޢާއުގެ އަލިކަން ފެތުރިގެން ދިޔައީ މީލާދީން 1153 ވަނަ އަހަރުގެ ތެރޭގަ އެވެ. އެހެންކަމަށްވާނަމަ، ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވީއްސުރެ ދިވެހިރާއްޖެ އިސްލާމް ވުމާއިހަމައަށް، ދިވެހިންގެ ތެރޭގައިވެސް ކޮންމެވެސް ދީނެއް ނުވަތަ ދީންތަކެއް އޮންނާނެކަމަށް ބެލެވެއެވެ. ރާއްޖެއިން ފެނިފައިވާ ޤަދީމީ ލިޔުންތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ޤަދީމީ އާސާރުތައް ދިރާސާކޮށް ބެލި ބެލުމުގެ ތެރެއިން މިކަމަށް ހެކިދޭ އެތައް އެއްޗެއް ފެނިފައިވެއެވެ. މިފަދަ ދިރާސާތަކުން އެނގޭގޮތުގައި ރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި މައިގަނޑުގޮތެއްގައި އޮތީ ހިންދޫ ދީނާއި، ބުދު ދީނެވެ. ހަމައެހެންމެ، ރާއްޖޭގެ ބައެއް ކަންކޮޅުތަކުގެ ރައްޔިތުން ޤުދުރުރަތީ ތަކެއްޗަށާއި، ބައެއް އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައިވާކަމަށް ބެލެވޭ ހެކިތައްވެސް ދިވެހި ތާރީޚީ ފަތްފުއްތަކުން ފެންނާން އެބަހުއްޓެވެ. ނަމަވެސް، ދިވެހިންގެ އަސްލު ގޮސް ބައްދަލުވަނީ ކޮންބައެއްކަމާމެދު ކަނޑައެޅި އެނގޭފަދަ ހެކިތަކެއް ފެންނަން ނެތްފަދައިން، ދިވެހިރާއްޖެއަށް އިސްލާމް ދީން އައުމުގެ ކުރިން ދިވެހިންގެ ތެރޭގައި އޮތް ދީންތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ ވެސް ސުވާލު އުފެދޭ ވާހަކަތަކެކެވެ. މިގޮތުން މި ދިރާސީ މަޒުމޫނުގައި ބަލައިލާނީ ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހިރާއްޖޭގައި އޮތް ތަފާތު ދީންތަކާއި އެ ދީންތަކަށް އަޅުކަން ކުރުމަށް ދިވެހިން ބޭނުންކުރިކަމަށް ދިވެހި ތާރީޚުން ފެންނަން ހުރި ބައެއް ތަކެތީގެ މައްޗަށެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނާއި އެބައިމީހުން އަޅުކަންކޮށްފައިވާކަމަށް ބެލެވޭ ތަކެތި
ދިވެހިންގެ ޤަދީމީ ދީންތަކާއި ބެހޭގޮތުން ވާހަކަދައްކަމުންދާއިރު، ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުންކަމަށް ބުނެވޭ މީހުން އަޅުކަންކޮށްފައިވާ ގޮތާއި ބެހޭގޮތުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލައިލަންޖެހެއެވެ. މިފަދަ ކޮންމެ ތާރީޚީ ފަތްފުށަކީ، ކާބަފައިންގެ ދޫދޫމަތިން ކިއިގެންނާއި، އެބައިމީހުންގެ އަތްއަތްމަތިން ލިޔެވިގެން އައި އެއްޗެހި ކަމަށް ވެފައިވާތީ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނަކީ ކޮބައިކަމާއި، އެބައިމީހުންގެ ދީނަކީ ކޮބައިކަމާމެދު ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާފައިވާ ބޭފުޅުންގެ މެދުގައި ވެސް ވަނީ ވަނީ ސުވާލު އުފެދިފައެވެ. އަލް ޢައްލާމާ މުޙައްމަދު ޝިހާބުއްދީނު މީލާދީން 17 ވަނަ ޤަރުނުގައި ލިޔުއްވާފައިވާ މަޝްހޫރު ވާހަކައެއްގެ މައްޗަށް ބުރަވެ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނަކީ، އިންޑިޔާގެ [ކަލި ބަންގާ] އޭ ކިޔުނު ތަނަކުން އައިސްފައިވާ [ދޭވީސް] ނުވަތަ [ދީވީން]ނޭ ކިޔުނު ބައެއްކަމަށް، ނަސީމާ މުޙައްމަދު (2004) ހާމަކޮށްފައިވާއިރު، މުޙައްމަދު އިބްރާހިމް ލުތުފީ (1983) އަދި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވި ބޭރުގެ ޢިލްމުވެރިއެއް ކަމަށްވާ ތޯހައިދާލް ދެކެލައްވާ ގޮތުގައި، ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ [ރެނދިން]ގެ ނަމުގައި އުޅުނު އިރަށް އަޅުކަންކުރާ ބައެކެވެ.
[ދީވީން] ރާއްޖެ އައިކަމަށް ބެލެވެނީ އަޝޯކާ ރަސްކަމުގެ 800-1000 އަހަރުގެ ކުރިންކަމަށާއި، އެމީހުން އަޅުކަން ކޮށްފައިވަނީ ބާރުހުރި ޤުދުރަތީ ތަކެތި ކަމަށްވާ ތަރިތަކާއި، އިރާއި، ހަނދު ފަދަ ތަކެއްޗަށްކަމަށް، ނަސީމާ މުޙައްމަދު (2004) ހާމަކުރައްވައެވެ. ހަމައެއާއެކު، ހުވަދު އަތޮޅު ގަމުގައިވާ އާސާރުތައް ދިރާސާކުރުމުގެ ތެރެއިން ތޯހައިދާލަށް އިރުކަލާނގެ އަށް އަޅުކަން ކޮށްފައިވާ ކަމުގެ ނިޝާންތަކާއި، އިރުކަލާނގެ އަށް އަޅުކަން ކުރުމަށް ހަދާފައި ހުންނަ ކަހަލަ، ބިނާތަކާއި، އިރު ކަލާނގެ އަށް އަޅުކަންކުރާ މީހުން ތާހިރުވާން އެރޭ ވެވެއް ފެނިފައިވާކަމަށް ވެއެވެ.
ބޭރުގެ ޙަޟާރާތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް އަސަރު ކޮށްފައިވާނޭކަމަށް ގިނަ ތާރީޚީ ޢިލްމުވެރިން ދެކެލައްވަނީ އިންޑަސް ވާދީ ޙަޟާރާތެވެ. ނަސީމާ މުޙައްމަދު (2008) ހާމަކުރައްވާ ގޮތުގައި، އިންޑަސް ވާދީ ޙަޟާރާތުގެ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، އަލިފާނާއި، ފެނާއި، ތަރިރުހަނދު ފަދަ ބާރުގަދަ ތަކެއްޗަށް އަޅުކަން ކޮށްފައިވާކަމަށް ބެލެވޭއިރު، ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުންގެ ތެރޭގައި ވެސް އެފަދަ ތަކެއްޗަށް އަލުކަންކުރުމުގެ ޘަޤާފަތެއް ގެންގުޅިފައި ވާނޭކަމަށް ބެލެވެއެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ، [ޑުރެވީޑިއަނުން] ނަމަކަށް ކިޔުނު ބައެކެވެ. ޑްރެވީޑިޔަނުން ވެސް އިރުކަލާނގެ ފަދަ ބާރުގަދަހެން ހީވާ ބައެއް ޤުދުރަތީ ތަކެއްޗަށް އަޅުކަން ކުރިކަމުގެ ހެކިތައް ގަލުގެ އެކިއެކި ނިޝާންތަކުން ހާމަވާކަމަށާއި، 1982 ވަނަ އަހަރުގެ ތެރޭގައި ޕްރޮފެސަރ ތޯހައިދާލް ރާއްޖެއަށް ކުރެއްވި ބިމުގެ ދިރާސާ ދަތުރެއްގައި ފެނިލެއްވި އާޘާރުތަކުގެމައްޗަށް ބިނާކޮށް، ދިވެހިންގެ އުފެދުން މީގެ 3500 އަހަރަށްވުރެ ދުރަށް ހިނގައިދާނެ ކަމަށާއި، ގަލުގެ އެކިއެކި ނިޝާންތަކުން ރާއްޖޭގައި ވެސް އިރަށް އަޅުކަންކުރި ބަޔަކު އުޅުނުކަމުގެ އަސަރުތައް ފެންނަން ހުރިކަމުގައި އަޙުމަދު ޝަފިޤު (2000) ހާމަކުރައްވައެވެ.
ހަމައެއާއެކު، ފ. ނިލަންދޫ [ފޯންމަތި] ނަމަކަށްކިޔާ އާސާރީ ސަރަޙައްދުންނާއި، އެރަށު އާސާރީ މިސްކިތުގެ ޙަރިންމަ އަށް ވަންނަ ދޮރޯށީގެ ދެފަރާތު ފާރު މަތީގައި، އިންސާނެއްގެ ފިރިހެން ހަށީގެ ކޮޅު ސިފަވާގޮތަށް ގަލުވަޑާމުގެ މަސައްކަތުން ހަދާފައިވާ ތަކެއްޗަކީވެސް ރާއްޖެއަށް އިސްލާމްދީން އައުމުގެ ކުރިން ކޮންމެވެސް ބަޔަކު އަޅުކަންކުރުމަށް ބޭނުންކުރި ތަކެތިކަމަށް ބެލެވެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ މީހުން، ބައެއް ޤުދުރަތީ ތަކެއްޗަށް އަޅުކަން ކޮށްފައިވާ ކަމުގައި ބުނެވިދާނެ އެވެ.

ދިވެހިން އަޅުކަންކުރިކަމަށް ތާރީޚުގައި ލިޔެވިފައިވާ ޤަދީމީ ދީންތައް
      ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުން ތަފާތު ދީންތަކަށް އަޅުކަން ކޮށްފައި ވާކަމަށް ތާރީޚީ ފަތްފުއްތަކުން ހެކިދޭއިރު، އެބައިމީހުންގެ ދީނަކީ، ކޮބައިކަން ކަނޑައެޅި އެނގޭކަށް ނެތެވެ. ނަމަވެސް ރާއްޖެއިން ފެނިފައިވާ އާސާރުތަކުން އެނގޭ ފަދައިން މީލާދީން 1153 ވަނަ އަހަރު ދިވެހިރާއްޖެ އިސްލާމް ވުމާހަމައަށް ރާއްޖޭގައި އޮތީ ބުދު ދީނެވެ. ހަމައެއާއެކު ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުން އަޅުކަންކުރިކަމަށް ބުނާ ތަކެއްޗާ އިންޑަސް ވާދީ ޙަޟާރަތުގެ މީހުން އަޅުކަން ކޮށްފައިވާކަމަށް ބެލެވޭ ތަކެއްޗާ ތިމާގެކަމެއް ހުރުމާއެކު، ބުދު ދީން އައުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިންދޫ ދީނުގެ އަސަރުތައް ފެނިފައިވާކަން ފާހަގަ ކުރެވެއެވެ. މިކަމަށް އިޝާރާތް ކުރައްވާ އަޙުމަދު ޝަފީޤު (2008) ހާމަކުރައްވާ ގޮތުގައި، ރާއްޖޭގައި ބުދު ދީނުގެ އަސަރު ކިތަންމެ ބޮޑަށް ފެންނަން އޮތަސް، އެންމެ ފުރަތަމަ ދިވެހިން އަޅުކަންކުރީ ހިންދޫ ދީނަށެވެ. އެހެންކަމުން ރާއްޖެ އިސްލާމް ވީއުރު ރާއްޖޭގައި އޮތް ބުދު ދީނުގެ ބިންގަލަކީ، ހިންދޫ ދީން ކަމުގައި ބެލެވެއެވެ.

ހިންދުއިޒަމް (ހިންދޫ ދީން)
ހިންދޫ ދީނަކީ ކޮބާ؟
[ހިންދޫ] އަކީ ސެންސްކުރިތް ބަހުގެ [ސިންދޫ] އިން ނެގިފައިވާ ލަފުޒެކެވެ. ސެންސްކުރިތް ބަހުގެ މާނައަށް ބަލާއިރު [ސިންދޫ]ގެެ ލަފްޒީ މާނައަކީ ކޯރެވެ. އިންސާނުން އަމިއްލައަށް އުފެއްދި ދީނެއް ކަމަށްވާ ހިންދުއިޒަމް ފެށުނު ތާރީޚެއް ކަނޑައެޅި އެނގޭކަށް ނެތެވެ. ނަމަވެސް، މި ދީން އުފެދުނު ދުވަސްވަރެއްކަމަށް ޤަބޫލުކުރެވެނީ އިންޑަސް ވާދީ ޙަޟާރަތުގެ ދުވަސްވަރެވެ. ހިންދޫން ޤަބޫލުކުރާ ގޮތުގައި އީސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ގާތްގަނޑަކަށް 1000 އަހަރު ކުރިން ސެންސްކުރިތުން އެކުލަވާލާފައިވާ ފޮތެއް ކަމުގައިވާ [ވެޑަސް] ޤަބޫލުކުރާ ކޮންމެ މީހަކީ ހިންދޫ އެކެވެ. [ވެޑަސް] އަކީ، އެބައިމީހުން ދެކޭގޮތުގައި ހިންދޫ ދީން ބަޔާންކޮށްފައިވާ އެބައިމީހުންގެ މުޤައްދަސް ދީދީ ފޮތެވެ.
ދިވެހިރާއްޖެއަށް ހިންދޫ ދީން އައިގޮތާއި، ފެންނަންހުރި ބައެއް ހެކިތައް:
ދިވެހިރާއްޖެއަށް ހިންދޫ ދީން އައިކަމަށް ޤަބޫލުކުރެވެނީ އާރިޔަން ދަރިކޮޅުގެ މީހުންގެ ފަރާތުންނެވެ. ނަމަވެސް ދިވެހިން ހިންދޫ ދީނަށް އުޅެފައިވަނީ ކަނޑައެޅިގެން ވަކި ދުވަސްވަރެއްގައިކަން ސާބިތުވާފަދަ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. ހަމައެއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަންހުރި އާސާރުތަކުގެ ތެރޭގައި ހިމެނޭ، ދާގަބާ، ހަވިއްތާ އާއި، ވޭރުފަދަ ތަންތަނުން ފެންނަންހުރި ހެކިތަކަށް ބަލާއިރު، ރާއްޖޭގައި ބުދު ދީން ފެތުރިފާވާކަމަށް ދަލީލުކޮށްދޭ ހެކިތަށް ވަރަށް ގިނަކަން ފާހަގަކުރެވޭއިރު، އެއާ ގާތަށްވެސް ހިންދޫ ދީނުގެ އަސަރުތައް ފެންނަން ނެތްކަން ފާހަގަ ކުރެވެ އެވެ. އެހެންނަމަވެސް ލިބިފައިވާ މަދު ހެކިތަކަށް ރިޔާޢަތްކޮށް، ނަސީމާ މުޙައްމަދު (2002) ހާމަކުރައްވާ ގޮތުގައި، ދިވެހިރާއްޖޭގެ ފޯކްލޯރގެ ތެރެއިން ބައެއް ވާހަކަތައް ހިންދީންގެ އާދަކާދަތަކާއި ގުޅިފައި ވެއެވެ. މިގޮތުން މި ފޯކުލޯރގައި ހިމެނޭ [ހަންޑި]، [ހާމުންޑި] އަދި [ވިގަނި] ފަދަ ތަކެއްޗަކީ، ހިންދޫ ދީނުގެ ވާހަކަތަކުގައި އުޅޭ [ޗަންޑި]، [ހާމުންޑި] އަދި [ވިގަނި] ކަމަށާއި، އެއީ އެދީނުގެ [ކާލީ] އާއި [ދުރުގާ] ކަލާނގެ އަށް ނިސްބަތްވާ ނަންތަކެއް ކަމުގައިވެސް ނަސީމާ ވިދާޅުވެއެވެ. މީގެ އިތުރުން ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަކުރައްވާ ގޮތުގައި، އދ. އަރިއަދޫ [ހައިތަ] ކިޔާ ސަރަޙައްދުން [ފެލިކް] ސިފައަށް ހިރިގަލުން ހަދާފައިވާ އެއްޗެއް ފެނިފައި ވެއެވެ. ޤަބޫލުކުރެވޭ ގޮތުގައި އެއީ ހިންދޫ ދީނުގެ އެއްޗެކެވެ. ހަމައެއާއެކު، ބ. ހޮރުބަދޫން ވެސް ހިންދޫ ދީނާ ގުޅުންހުރި ބުދުތަކެއް ފެނިފައި ވެއެވެ.
      ޞޮލަވާތް ފާތިޙާ ކިޔުމާއި، މާލޫދު ކިޔުން ފަދަ ކަންތައްތަކަކީ، ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސް، ދާދި ފަހަކާ ޖެހެންދެން، ދީނީގޮތުން ފާހަގަކުރެވޭ މުނާސަބު ދުވަސްތަކާ ގުޅުވައިގެން ރާއްޖޭގައި ކުރަމުންއައި ކަންކަމެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި އަދިވެސް އެ އާދަތައް ދަމަހައްޓަން މަސައްކަތްކުރާ މީހުން މަދުންނަމަވެސް އުޅޭކަން ފާހަގަ ކުރެވެއެވެ. މިފަދަ މުނާސަބަތް ތަކުގައި ދުންދަނޑިން ދުން އެރުވުމާއި، ޒިޔާރަތްތަކަށް ނަދުރުބުނުމާއި، އޮޑިދޯނިފަހަރު ބާލާއިރު ކާށިޖެހުމާއި، ފަންވަތް ލިޔުމާއި، ފަންޑިތަ ހެދުންފަދަ ކަންކަމަކީ، ހިންދީންގެ އާދަތަކުގެ ތެރެއިން ދިވެހިންގެ ތެރެއަށް ވަދެފައިވާ ކަންތައްތައް ކަމުގައި ބެލެވެއެވެ.
      ލިބިފައިވާ ތާރީޚީ މަދު ހެކިތަކުގެމައްޗަށް ބުރަވެ ރާއްޖޭގެ އެންމެ ފުރަތަމަ ދީނަކީ، ހިންދޫ ދީން ކަމުގައި ޤަބޫލުކުރެވުނު ނަމަވެސް، ހިންދޫ ދީން ރާއްޖޭގައި އޮތްކަމުގެ އަސަރު ފެންނަން ހުރީ ވަރަށް ހަނިކޮށެވެ. މިކަމާ ގުޅުވައިގެން ނަސީމާ މުޙައްމަދު (2008) ހާމަކުރައްވާ ގޮތުގައި، ހިންދޫދީނުގެ މައްޗަށް ބުދު ދީނުގެ ނުފޫޒު ގަދަވެ، ހިންދޫ ދީނުގެ މީހުން އަޅުކަންކުރުމަށް ބިނާކޮށްފައިހުރި އާޘާާރުތަކުގެ މައްޗަށް ބުނު ދީނުގެ އާސާރުތައް ބިނާކުރުމުން ރާއްޖެއިން ހިންދޫ ދީނުގެ އަސަރުތައް ފެނުން މަދުވުމަކީ އެކަށީގެންވާކަމެކެވެ. ހަމައެއާއެކު، ހިންދޫ ދީނަކީ ބުދު ދީނަށް ވުރެ އުމުރުން ދޮށީ ދީނަކަށް ވެފައި، ބުދު ދީނުގެ ކުރީގެ ތާރީޚު ދިރާސާ ކުރެވިފައި ނުވުމަކީ ވެސް، ހިންދޫ ދީނާބެހޭ ހެކިތައް ފެންނަން ނެތުމަށް މެދުވެރިވި ސަބަބެއްކަމަށް ޤަބޫލުކުރެވޭ ކަމުގައި ވެސް ނަސީމާ މުޙައްމަދު (2008) ހާމަކުރައްވައެވެ.

ބުދު ދީން (ބުޑިޒަމް)
ބުދުދީނަކީ ކޮބާ؟
ބުދު ދީނަކީ، މީލާދީ ސަނަތުން 563 ވަނަ އަހަރުގެ ކުރިން ދެކުނު އިންޑިޔާގެ ޝާހީ ޚާންދާނަކަށް އުފަންވި ސިއްދާރުތާ ގައުތަމާ ނުވަތަ ބުއްދާގެ ފަތުވާތަކުގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ. ބުއްދާާ މި ދީން އުފެއްދީ އޭނާގެ ފަތުވާތަކަށް ތަބާވި މީހުންނާއެކު، [ސަންގހާ] ނަމަކަށް ކިޔާ ޚާއްޞަ ޖަމާޢަތެއް ހަދައިގެންނެވެ.  އެހެންކަމުން މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ ޢަދަދަކަށް ބުދަށް އަޅުކަންކުރާ މީހުން އުޅެނީ އޭޝިޔާ ސަރަޙައްދުގަ އެވެ. ބުދު ދީން ދެ ބަޔަކަށް ބެހެއެވެ. އެއީ [ތޭރަވާދާ ބުޑިޒަމް] އާއި [މަހަޔާނާ ބުޑިޒަމް] އެވެ. ބުދުދީނުގެ މި ދެވައްތަރުގެ ތެރެއިން ދިވެހިރާއްޖޭގައި އޮތްކަމަށް ބެލެވެނީ، [މަހަޔާނާ ބުޑިޒަމު]ގެ ދެ ވައްތަރެއް ކަމަށްވާ، [ތާންކުރިތް] އާއި [ވަޖުރަޔާނާ] ބުޑިޒަމެވެ. ތާރީޚީ ހެކިތަކަށް ބަލާއިރު އަވަށްޓެރި އިންޑިޔާގައި އުފަންވެ އޭޝިޔާ ސަރަޙައްދަށް ފެތުރުނުކަމަށް ބެލެވޭ ބުދުދީން ދިވެހިރާއްޖެއަށް އައިސްފައިވަނީ ޢީސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ގާތްގަނޑަކަށް 300 އަހަރު ކުރިންކަމަށް ބެލެވެއެވެ.
ދިވެހިރާއްޖެއަށް ބުދުދީން އައީ ކިހިނެއް؟
ގިނަ ތާރީޚު ޢިލްމުވެރިން ބުރަވެލައްވާ ގޮތުގައި، ރާއްޖެއަށް ބުދުދީން ތަޢާރަފުކޮށް، ރާއްޖޭގެ ރައްޔިތުން ބުދުދީނަށް އަނބުރާލީ، މީލާދުގެ ކުރީގެ 3 ވަނަ ޤަރުނުގެ ކުރިން އިންޑިޔާގައި ރަސްކަން ކުރެއްވި މޯރިއޯ ރަސްގެފާނުގެ އަޝޯކާ އެވެ. އަޝޯކާއަކީ މުޅި ދެކުނު އޭޝިޔާއާއަށް ބުދުދީން އުނގަންނައިދިނުމަށާއި ފަތުރަން މަސައްކަތް ކުރެއްވި ރަސްކަލެކެވެ. މިކަމަށް ތާޢީދުކުރައްވައި އިބްރާހީމު ވަޙީދު (2000) ވިދާޅުވަނީ، ދިވެހިރާއްޖެއަށް ބުދުދީން އައިސްފައިވަނީ އިންޑީޔާގައި ރަސްކަން ކުރެއްވި މޯރިއޯ ރަސްގެފާނު އަޝޯކާ، ދެކުނު އޭޝިޔާގެ ޤައުމުތަކަށް ބުދުދީން ފެތުރުމަށް ކުރެއްވި މަސައްކަތުގެ ތެރެއިންކަމުގަ އެވެ. މީގެ އިތުރުން އިންޑިޔާގެ ރާޖާއެއް ކަމުގައިވާ ރާޖާ ރާޖާ ދަ ގްރޭޓް (985–- 1014) ވެސް ދިވެހިރާއްޖޭގައި ބުދުދީން ފަތުރަން މަސައްކަތް ކުރެއްވިކަމަށް އިންޑިޔާގެ ޤަދީމީ ލިޔުންތަކުން ހެކިދޭކަމުގައި، މުޙައްމަދު އިބްރާހިމް ލުތުފީ (1987) ހާމަކުރައްވާފައި ވެއެވެ.
 އަޙުމަދު ޝަފީޤު (1988) ހާމަ ކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި ހުރި އާޘާރީތަންތަނާއިބެހޭ ދިރާސާތައް އެންމެ ފުރަތަމަ ކުރެއްވި މާހިރަކީ ބޭރުގެ ބޭފުޅެއްކަމުގައިވާ މިސްޓަރ އެޗް.ސީ.ޕީ.ބެލް އެވެ. އޭނާ 1879 އަދި 1920ގައި ރާއްޖެވަޑައިގެން އާޘާރުތައް ތަޙްޤީޤުކުރުމުން ޔަޤީންވެފައިވަނީ ރާއްޖެއަށް އިސްލާމުދީން އައުމުގެ ކުރިން ރާއްޖޭގެ މީހުން ބުދުދީނަށް އުޅެފައިވާކަމެވެ. ހަމައެއާއެކު، ބެލް ދެކެލައްވާ ގޮތުގައި ރާއްޖެއަށް ބުދުދީން އައީ ލަންކާ މަގުންނެވެ. މިކަމަށް އިޝާރާތް ކުރައްވާ މުޙައްމަދު އިބްރާހިމް ލުތުފީ (1987) ހާމަކުރައްވާ ގޮތުގައި، ލަންކާގައި އޮތީ [ތޭރަވާދާ ބުޑިޒަމް] ކަމަށް ވެފައި، ރާއްޖޭގައި އޮތީ ހިންދުއިޒަމާއި ގުޅިގެން ތަރައްޤީވި [ސަންތިރިޒަމް ބުޑިޒަމް]ގެ ވައްތަރެއްކަމަށް ވާތީ، ބެލްގެ ބުނުމާ ތަޢާރުޟު ވެއެވެ. ހަމައެއާއެކު، ރާއްޖޭގައި ފެންނަން ހުރި ބުދުދީނުގެ އާސާރުތަކާ، އިންޑިޔާ، ލަންކާ، އިންޑޮނޭޝިޔާ އަދި ބަންގާޅު ފަދަ އޭޝިޔާގެ ޤައުމުތަކުގެ ބުދުދީނުގެ އާޘާރުތަކާ އެއްގޮތް ކަންތައްތަކެއް ހުރުމުން، ރާއްޖެއަށް ބުދުދީން އައީ ވަކި ޤައުމަކުންކަން ކަނޑައެޅި ނޭނގުނު ކަމުގައި ވިޔަސް، އޭޝިޔާ ސަރަޙައްދުންކަމަށް ޤަބޫލުކުރެވޭ ކަމުގައި މުޙައްމަދު އިބްރާހިމް ލުތުފީ (1987) ހާމަކުރައްވައެވެ. ރާއްޖެއަށް ބުދުދީންއައި ގޮތް ކަނޑައެޅި އެނގޭނެ ފަދަ ހެކިތަކެއް ފެންނާން ނެތްނަމަވެސް، ރާއްޖޭގެ ބިމުން ފެނިފައިވާ ޤަދީމީ އާޘާރުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ގާތްގަނޑަކަށް 1100 އަހަރު ބުދުދީން އޮތްކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގައި ބުދުދީން އޮތްކަމުގެ ބައެއް ހެކިތައް:
ދިވެހިރާއްޖޭގެ ވެރިރަށް މާލެ އާއި ރާއްޖެތެރޭގެ ރަށްރަށުން ފެންނަން ހުރި އާޘާރީ ތަކެއްޗަށާއި ތަންތަނަށް ނަޒަރުހިންގާއިރު، ދިވެހިން ބުދަށް އަޅުކަންކުރިކަމުގެ ހެކިތައް ފެންނާން އެބަހުއްޓެވެ. މިގޮތުން ބުދަށް އަޅުކަންކުރުމަށްޓަކައި ހަދާފައިވާ ތަންތަކުގެ ތަރާގަނޑުގަނޑާއި، ދާގަބާ، ހަވިއްތަ، ވޭރު ފަދަ ތަންތަން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިފައި ވެއެވެ. މިގޮތުން އެއް ރަށެއްގައި ބުދުކޯލުގެ އާޘާރުތައް އެންމެ ގިނައިން ހުރީ މާލޭގައި ކަމަށް އަޙުމަދު ޝަފީޤު (2000) ހާމަކުރައްވަ އެވެ. މިގޮތުން މައްޗަންގޮޅި މާވެޔޮ މިސްކިތް ހުރިތަނުން ބުދުކޮއިލަކާއި، ކުރީގައި މައްޗަންގޮޅީ އަވަށު މިސްކިތް ހުންނަ ހިސާބުގައި [ބޮއިގަސްދޮށު] މިނަމުގައި ދަނާލެއް ހުންނަ ކަމަށް ވެއެވެ. ހަމައެއާއެކު، މާާލޭ އެތެރެ ކޮއިލު ކުރިމަތިން އުތުރު ފަރާތުގައި އަޅުކަންކުރާ ބޮއިގަހަކާއި، ބޮޑު ބުދެއް ހުރިކަމަށް ވެއެވެ.
ނ. ލަންދޫގައިވެސް ބުދަށް އަޅުކަންކުރާ ތަނެއް ހުރިކަމަށް ބެލެވެއެވެ. އެ ރަށު މީހުން އެތަނަށް ކިޔާއުޅެނީ [ހަތްކަ] އެވެ. ނަމަވެސް، މިތަނަށް އިހުގައި ކިޔާއުޅުނު ނަމަކީ މާބުދުގެ ކަމަށް ވެއެވެ. އެ ހައިތައިގެ ވަށަމިނުގައި ހުރީ 292 ފޫޓެވެ. އަދި އުސްމިނުގައި 28 ފޫޓު ހުރެއެވެ. 1990މ. ގައި މރ. ސްޓޭންލީ ގާރޑިނަރ ސައިންޓިފިކް ދިރާސާތަކެއް ކުރެއްވުމުގެ ދަތުރެއްގައި އެސަރަޙައްދަށް ވަޑައިގަތެވެ. އެއިރު އެތަނުގައި ހަތަރެސްކަނަށް ގަލުން ހަދާފައިވާ ފެންވަޅެއް ހުރި ކަމަށާއި، އެ ވަޅުގެ ތެރެއިން ރަނާ، ރަންވަން ލޮއިން ހަދާފައިވާ ޑިސްކުތަކެއް ފެނުނުކަމަށް އޭނާ ލިޔުއްވާފައި ވެއެވެ. މިވާހަކަ ބެލް އޭނާގެ މޮނޮގްރާފުގައިވެސް ލިޔުއްވާފައި ވެއެވެ. 18 މެއި 1987މ. ގައި [އާރކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާ]ގެ ފަރާތުން ކުރެއްވި ދިރާސާއިން އެނގިފައިވާ ގޮތުގައި ލަންދޫ މާބުދުގެ ހައިތައަކީ ވެސް ބުޑިސްޓް  ދީނީ އެކުވެންޏެކެވެ. އެތަނުގައި ފައްޅިއެއްގެ އަލާމާތްތައް ފެންނަން ހުރި ކަމަށާއި، އެފައްޅި ހަލާކުކޮށްލާފައި ވާކަމަށާއި، އެސަރަޙައްދާ ވަރަށް ކައިރިން ދެކުނު ބްރަހުމީ އަކުރުމް ލިޔެފައިވާ ހިރި ގަލެއް ފެނިފައި ވާކަމަށް، އާރކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިޔާ (1987މ.) ހާމަކުރައްވާފައި ވެއެވެ. އެ ލިޔުން ދިރާސާ ކުރެއްވި ޕްރޮފެސަރ ގިބާރޓް (2004) ހާމަކުރައްވާ ގޮތުގައި އެ ގަލުގައި ބުރަހުމީ އަކުރުން ލިޔެފައިވަނީ ވަޖަރަޔާނާ ބުޑިޒަމުގެ ފަންޑިތަ އެވެ. ވުމާއެކު މި ބިނާއިންވެސް ރާއްޖޭގައި ބުދުދީން އޮތްކަން ހާމަކޮށްދެއެވެ.
މީލާދީން 1958 ވަނަ އަހަރު އއ. ތޮއްޑޫ ދާގަބާ ދިރާސާ ކުރުމަށްޓަކައި މުޙައްމަދު އިސްމާޢިލް ދީދީ އިސްކޮށް ހުންނަވައިގެން ކޮނި ކޮނުމުގެ ތެރެއިން އެތަނުން ބުއްދާގެ ބުދަކާއި، ދެ ކުރަނޑިއާއި، ފީވެފައިވާ ދެ ފަތްކޮޅާއި، މައުދަނުން ހަދާފައިވާ ކުޑަ ދަޅަކާއި، ދެ ފައިސާ ފޮތީގެ އިތުރުން ރަން ބަޑިއެއްވެސް ފެނިފައިވާކަމަށް އެޗް. ސީ. ޕީ ބެލްގެ މޮނޮގްރާފް (1940) ގައި ހާމަކުރައްވާފައިވެއެވެ. މި ތަކެތީގެ ފޮޓޯތައް ޔުނިވަރސިޓީ އޮފް ސިލޯން ޕޭރަދަނިޔާގެ ޑޮކްޓަރު އެސް ޕަރަނަވިތާރާނަށް ފޮނުއްވައިގެން ދިރާސާކުރުމުން، އެ ތަކެއްޗަކީ ވެސް އިންޑިޔާ، ލަންކާ، އިންޑޮނޭޝިޔާ، އަދި ބަންގާޅު ފަދަ ޤައުމުތަކުގައި އޮތް ވަޖުރަޔާނާ ބުޑިޒަމްގެ ބައެއް ތަކެއްޗާ އެއްގޮތް ތަކެތިކަން ފާހަގަ ކުރެވިފައި ވެއެވެ.
ކ. ކާށިދޫ ކުރުހިންނަ ތަރާގަނޑަކީ ވެސް ބުދު ދީނާ ގުޅުން ހުރި ބިނާތަކެއް ނައްތާލުމަށް ފަސްއަޅާ ފޮރުވާލާފައިވާ ސަރަޙައްދެއްކަމަށާއި، އެތަނަކީ މީލާދީން ގާތްގަނޑަކަށް ހަތަރުވަނަ ޤަރުނުން ފެށިގެން ދިހަ ވަނަ ޤަރުނާއި ހަމައަށް ބުޑިސްޓު ދީނުގެ ވޭރެއްގެ ގޮތުގައި އެވޭލާ މީހުން ބޭނުންކުރި ވޭރެއް ކަމަށް، އެތަން ދިރާސާ ކުރެއްވި އެގިލް މިކަލްސަން (1996-1998) ހާމަކުރައްވާފައި ވެއެވެ.  ހަމައެއާއެކު، ފ. ނިލަންދޫ ފޯއްމަތި ސަރަޙައްދު ކޮނެ ދިރާސާ ކުރެއްވުމަށްފަހު ތޯހައިދާލް (1883 - 1984މ.) އެ ތަނުގައި ވެސް ބުޑިސްޓް ދީނީ ބިނާއެއް ހުރިކަމަށް ހާމަކުރައްވާފައި ވެއެވެ. ހަމައެއާއެކު، އެތަނުން ނަގާފައިވާ ބައެއް ތަކެތި ދިރާސާކޮށް ބެލި ބެލުމުން، މީލާދީން 540 އާއި 670އާ ދެމެދުގެ އަހަރުތަކުގެ ތެރޭގައި އެ ތަނުގައި ބުދު ދީނުގެ މީހުން  ހިނާގަންނަން ބޭނުންކުރާފަދަ ވޭރަކާއި، ފެންބޯ ވަޅެއް ހުރިކަންވެސް އެނގިފައި ވެއެވެ. މީގެ އިތުރުން، ކުރެންދޫ ތަރާގަނޑާއި، އަރިއަދޫ ހައިތަ އާއި، ތ. ވޭމަންޑޫ ފުޓުބޯޅަ ދަނޑުތައްޔާރުކުރުމުގެ ތެރެއިން ނެގުނު ރެލިކް ފޮށްޓާއި، ގަމު ހައްތެއްޔާއި، އިސްދޫ ބޮޑުހައްތެއްޔާއި، ކޮނޑޭ ހަވިއްތަ އާއި، ގަމު ހަވިއްތަ އަދި ފުވައްމުލަކު ހަވިއްތަ ފަދަ ތަންތަނުން ދެކުނު އޭޝިޔާގައި މީހުން އަޅުކަން ކުރުމަށް ގެންގުޅިގައިވާފަދަ ބުދު ދީނުގެ އަސަރުތައް ފެނިފައިވާކަން ފާހަގަކުރެވެއެވެ.
ޙަބީބާ ޙުސައިން ޙަބީބު (1984) ހާމަ ކުރައްވާގޮތުގައި ދިވެހިރާއްޖޭގައިހުރި ޤަދީމީ އުސްތޫބާތަކާއި، ހަވިއްތަ ތަކާއި، ވޭރުތަކާއި، ވެވުތަކަކީ ސްރީލަންކާގެ އަނުރާދަޕޫރާ ގައިހުރި ބުދުދީނުގެ މަރުކަޒުތަކުގައި ހިމެނޭ ދާގަބާތަކާއި، ސްރީލަންކާގައި ހުރި ޕޮކުނާފަދަ ތަންތަނެވެ. ހަމަ އެފަދައިން ނަސީމާ މުޙައްމަދު (2002) ހާމަ ކުރައްވާ ގޮތުގައި ދިވެހިރާއްޖެއިން ފެންނަންހުރި ބުދު ދީނުގެ އާޘާރުތަކާއި ދެކުނު އޭޝިޔާގެ ބައެއް ޤައުމުތަކުގައި ހުރި ބުދު ދީނުގެ އާޘާރުތަކާއި ގުޅުން އެބަހުއްޓެވެ. މިގޮތުން ބަލާއިރު، ކ.ކާށިދޫން ފެނުނު ބުދުދީނުގެ ބިނާތަކުގެ ބިންގާތަކާއި ބަރުމާގެ ބުދުފައްޅިތަކުގެ ބިންގާތަކާ އެއްގޮތް ކަމެއްވެއެވެ. ހަމަ އެހެންމެ ފ.ނިލަންދޫން ނާއި ލ.އަތޮޅު ގަމުން ފެނިފައިވާ މިފަދަ ބައެއް ތަންތަން އިންޑިޔާގެ ސަންޗިއާއި އަމަރާވަތީ ސަރަޙައްދުތަކާއި ލަންކާގެ ޒަމާންވީ ބުދުދީނުގެ ބައެއް ބިނާތަކާ އެއް ދުވަސްވަރެއްގެ ތަންތަން ކަމަށް ބެލެވެއެވެ.
ތާރިޚީ ހެކިތަކަށް ބަލާއިރު، ރާއްޖެ އިސްލާމުވުމުގެ ކުރިން ރާއްޖޭގައި އޮތް ބުޑިސްޓް ދީނަކީ އަނިޔާވެރި ދީނެއްކަން އެނގެ އެވެ. މިކަން ދޭހަވަނީ ފައްޅިތަކުގައި މީހުން ޤުރުބާން ކުރުމާއި ހަނގުރާމަ ކުރުމާއި ތަޅާފޮޅުންތައް ހިނގާފައިވާކަމުގެ ހެކިތައް ފެންނަން ހުރީމައެވެ. މިގޮތުން އދ. އަރިއަދޫގައި ހުރި ވަޅުގަނޑުގަ އާއި، ކ. ކާށިދޫ ކުރުހިންނަ ތަރާގަނޑުގައި މާލޭގެ މަގުތައް އެއްވަރުކުރި އިރު ހ.ރޯޝަނީމަގުން ނެގި ހިރިގަލުގެ ވަށައިގެން، މީލާދީން 9 ވަނަ ޤަރުނާއި 10 ވަނަ ޤަރުނުގައި މަރުވެގައިވާ އިންސާނުންގެ ކަށި ފެނިފައި ވެއެވެ. މި ގަލުގެ މަތީގައި، އޮތް މަރުވެފައިވާ އިންސާނެއްގެ ބޮލުގެ ކަށިގަނޑު ސިލޯނަށް ފޮނުވައިގެން ދިރާސާކުރުމުން އެނގުނު ގޮތުގައި އެއީ ޒުވާން އަންހެންކުއްޖެއް މަރުވެފައިވާ ކަށި ކަމަށްވެއެވެ. އެހެންކަމުން ރާއްޖޭގައި އުޅުނު ބުދުދީނުގެ އަހުލުވެރިން ޤުރުބާންކުރިކަން ހާމަވާ ކަމުގައި، (ނަސީމާ މުޙައްމަދު 2008) ހާމަކުރައްވަ އެވެ.

ނިންމުން:
ތާރީޚީ ހެކިތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޤަދީމީ އަހުލުވެރިންނަކީ ބޯދާ ޤަބޫލުކުރުންތަކާއި، ޚުރާފާތާއި، ބިދުއަތަކަށް އީމާންވެ، ތަފާތު އެތައް އެއްޗަކަށް އަޅުކަން ކުރަމުން އައިސްފައިވާ ބައެއްކަން ޤަބޫލުކުރެވެ އެވެ. މިގޮތުން ބަލާއިރު ރާއްޖޭގެ އެންމެ ފުރަތަމަ ވަޒަންވެރިންނާއި، އެންމެ ފުރަތަމަ ރާއްޖޭގައި ދިރިއުޅުނު މީހުން، ބާރުގަދަހެން ހީވާ ފަދަ ގިނަ ތަކެއްޗަށް އަޅުކަން ކޮށްފައިވާކަމަށް ބެލެވެއެވެ. އެއަށްފަހު އިންޑަސް ވާދީ ޙަޟާރަތުގެ ތެރެއިން ރާއްޖެއަށް ހީންދޫ ދީން ތަޢާރަފުވެ، ރާއްޖޭގައި ވެސް އެބައިމިހުންގެ އާދަކާދަތައް ފެތުރިގެން ދިޔަކަމަށް ބެލެވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި ހުރި އާޘާރުތަކަށް ބަލާއިރު، ގިނައީ ބުދު ދީނުގެ އަސަރުތައް ފެންނަން ހުރި ތަންތަނެވެ. އެތަންތަނުން ހިންދޫ ދީނުގެ އަސަރުތައް ފެންނަން ހުރީ ވަރަށް މަދުންކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރާއްޖޭގައި ޤަދީމީ ދީނެއްގެ ގޮތުގައި ފުރަތަމަ އޮތް ދީނަކީ ހިންދޫ ދީން ކަމަށް ބެލެވެއެވެ. އޭގެ ފަހުން ހިންދޫ ދީނުގެ އާސާރުތަކުގެ މައްޗަށް ބުދު ދީނުގެ ބިނާތައް ހެދި ރާއްޖެ އިސްލާމް ވުމާ ހަމައަށް މުޅި ރާއްޖެއަށް ބުދު ދީން ފެތުރި، މީޅާދީން 1153 ވަނަ އަހަރާ ހަމައަށް ދިވެހިން ބުދަށް އަޅުކަން ކޮށްފައިވާކަމަށް ބެލެވެއެވެ.
 ދިވެހި ތާރީޚު ދިރާސާ ކުރައްވާ ގިނަ މުފައްކިރުން ބުރަވެލައްލައްވާ ގޮތުގައި ދިވެހިރާއްޖެ އިސްލާމްވީ މަޣުރިބުކަރައިން ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ސައްޔާޙެއް ކަމަށްވާ އަބްލްބަރަކާތު ޔޫސުފުލް ބަރުބަރީގެ އަތްމައްޗަށް މީލާދީ ސަނަތުން 1153 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ހިޖުރީ ސަނަތުން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހެވެ. އޭގެ ކުރިން ގާތްގަނޑަކަށް 1100 އަށްވުރެ ގިނަ އަހަރަށް ރާއްޖޭގައި ބުއްދާގެ ބުދު ދީން ދެމިގެން ގޮސްފައި ވާކަމަށް ބެލެވެއެވެ.

ރެފަރެންސް ލިސްޓު
1.      ހިސްޓްރީ އޮފް ބުޑިޒަމް އިން މޯލްޑިވްސް. (2009). ވިކިޕީޑިއާ. ނެގީ 15 ޖުލައި 2009، http://en.wikipedia.org/wiki/Buddhism_in_the_Maldives  ން.
2.  ޙަސަން އަޙުމަދު މަނިކު. (1983). އިސްލާމުދީން ރާއްޖެއައީ ކޮން އިރަކުތޯ؟. ފަތްތޫރަ 57. މާލެ، ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.   
3.      ޙަބީބާ ހުސެން ޙަބީބު (1984) ކޮނުމުގެ މަސައްކަތް. ފަތްތޫރަ 65. (6). ޞ. 17 - 19
4.      ނަސީމާ މުޙައްމަދު. (1998). ދިވެހީންގެ ތަރިކަ 5. މާލެ:  ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
5.      ނަސީމާ މުޙައްމަދު. (2002). ދިވެހީންގެ ތަރިކަ 1،2،3،4. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
6.      ނަސީމާ މުޙައްމަދު. (2004). ދިވެހިރާއްޖޭގައި ހުރި އާޘާރީތަންތަން. މާލެ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
7.      ނަސީމާ މުހައްމަދު. (2004). ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުން. ފަތްތޫރަ، 306. ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
8.      އަހުމަދު ޝަފީޤް. (2000). ދަންފުޅި. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
9.      އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު. (ސެޕްޓެމްބަރު،2008). ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކަންކުރި ތަންތަނާއި ތަކެތި. ފަތްތޫރަ،354 . މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
10. އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު. (އޮކްޓޫބަރ،2008). ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކަންކުރި ތަންތަނާއި ތަކެތި. ފަތްތޫރަ،355. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
11. އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު. (ނޮވެންބަރ،2008). ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކަންކުރި ތަންތަނާއި ތަކެތި. ފަތްތޫރަ،356. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
12. އަޙުމަދު ޝަފީޤު. (1998). އެންމެ އެވޭލާ އާޘާރު، ފުރަދާނަ. މާލެ، މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރ.
13.  އިބްރާހީމު ވަޙީދު. (2000). ދިވެހީންގެ ވާހަކަ. މާލެ، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް.
14.  އިސްމާޢިލް ޙަބީބް ޢަބްދުއްރަޙީމް. (ޑިސެމްބަރު،2007). ޖަމާޢަތުގެ ޚަބަރު 349. މާލެ: ސެންޓަރ ފޯރ ކޮންޓިނިޔުއިން އެޑިޔުކޭޝަން.
15.  އެޗް. ސީ. ޕީ ބެލް. (1940). ދަ މޯލް ޑިވްސް އައިލެންޑްސް މޮނޮގްރާފް އޮން ދަ ހިސްޓްރީ އާރކިއޮލޮޖީ އެންޑް އެޕިގްރަފީ. ކޮލަންބޯ: ސިލޯން ގަވަރމެންޓް ޕްރެސް.
16.  މުޙައްމަދު އިބްރާހީމު ލުޠުފީ. (1983). ދިވެހީންގެ ގެއްލިފައި އޮތް ތާރީޚުގެ ތެރެއަށް. ފަތްތޫރަ 51، މާލެ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
17.  މުހައްމަދު އިބްރާހިމް ލުތުފީ. (1987). ކޮއިމަލާކަލޯއަކީ ކާކު؟. ފަތްތޫރަ، 100. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު. 
18.  މުޙައްމަދު އަމީނު. (1993). އަމީނުގެ މަޒުމޫނުތައް، މަލަސް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

19.  ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2007). ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަން.

2 comments:

  1. ލިޔުން ވަރަށް ރަގަޅު އެކަމު ހަވާލާދިނުމަށްޓަކައި އަހަރު ފަދަ މައުލޫމާތު ތަންކޮޅެ ފަސޭހައިން ފެންނަން ހުރުން މުހިއްމު

    ReplyDelete
  2. ލިޔުން ވަރަށް ރަގަޅު އެކަމު ހަވާލާދިނުމަށްޓަކައި އަހަރު ފަދަ މައުލޫމާތު ތަންކޮޅެ ފަސޭހައިން ފެންނަން ހުރުން މުހިއްމު

    ReplyDelete