ޝަވްޤުވެރިކަމަކީ ވަކި
ކަމެއް ނުވަތަ ލަނޑުދަނޑިއެއް ޙާޞިލު ކުރުމަށްޓަކައި އެ ދިމާއަށް ކުއްޖާ އަމާޒުކުރުވާ
އެކަމަށް ބާރުފޯރުވާ، އެކަން ޙާޞިލު ކުރުމަށް ތަފާތު ކަންތައްތައް ކުރުވާ ބާރަށް
ކިޔާ ނަމެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައި
މީހުންގެ ކިބައިން ފާޅުވާ އެ ކަމަކަށް އަމާޒު ކުރުވަނިވި އުޞޫލުތަކެވެ. ކުއްޖާގެ
ސުލޫކު އުތުރުވާ މިޞްރާބު ކުރުވާ ރައްކާތެރިކޮށްދޭ ހަށިގަނޑުގެ އެތެރޭގެ ބާރަކާއި،
ބޭރުން ނުވަތަ ޙާލަތާއި ގުޅިގެން މާހައުލުން ބާރު ފޯރުވާ ޝައުޤުވެރިކަން ހުރެ
އެވެ. މިއަށް އިނގިރޭސި ބަހުން ކިޔާނަމަކީ އިންޓްރިންސިކް މޯޓިވޭޝަން އާއި،
އެކްސްޓްރިންސިކް މޯޓިވޭޝަންވެ އެވެ. އަނީޓާ ވޫލްފޯލްކް (2010) ބަޔާން
ކުރައްވާފައިވާ ގޮތުގައި، އިންޓްރިންސުކް މޯޓިވޭޝަނަކީ ފަރުދީ ގޮތުން ކޮންމެ
ފަރުދެއްގެ ވެސް އެތެރޭގެ ބޭނުންތަކުގެ މައްޗަށް ބިނާވެފައިވާ ޝައުޤުވެރިކަމެވެ. ހަމައެއާއެކު،
ޙާލަތާ ގުޅިފައިވާ މޯޓިވޭޝަނަށް ކިޔަނީ އެކްސްޓްރިންސިކް މޯޓިވޭޝަނެވެ. ޝައުޤުވެރިކަމާއި
ގުޅިގެން ފާހަގަކުރެވޭ ޚާއްޞަ ދެ ތިއަރީއެއް ވެއެވެ. އެއީ ބީ އެފް ސްކިނާރގެ
ތިއަރީ އާއި އަލްބާޓް ބަންދޫރާގެ ތިއަރީ އެވެ.
ބީ އެފް ސްކިނަރގެ ތިއަރީ
ސްކިނާގެ ތިއަރީގައި ޝަވްޤުވެރިކަން
ގުޅުވާފައި ވަނީ ތަރުޙީބު ދިނުމާއި ހިތްވަރު ދިނުމާ އެވެ. ސްކިނާގެ ނަޒަރުގައި ކުދިންގެ
ކިބައިން ފެންނަ ރަނގަޅު ސުލޫކުތަކަށް ހިތްވަރުދީހެދުމުން އެކަން ތަކުރާރު
ކުރުމުގެ ޝަވްޤުވެރިކަން ހިތުތެރޭގައި އުފެދެ އެވެ. ޝަވްޤުވެރިކަން ގުޅިފައިވަނީ
ތަފާތު ހިތްހަމަޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކާއި، އަދި
ހިތްހަމަ ނުޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކުގެމައްޗަށް ބިނާކޮށެވެ.
މިސާލަކަށް، ހިސާބު ކުލާހަށް އެއްބަޔަކު ވަރަށް ގަޔާވެގެން ވަންނަ އިރު އަނެއް
ބަޔަކަށް އެއީ ޖަލަކަށް ދިއުން ފަދަ ކަމެކޭ ހީވުމަކީ އެކަށީގެންވާ ކަމެކެވެ. ސްކިނަރ
ހާމަކުރައްވާ ގޮތުގައި މި ފަދަ އިޙުސާޞްތައް ގުޅިފައި ވަނީ ކުރިން ކުރެވިފައިވާ
ތަޖުރިބާގެ މައްޗަށެވެ. މިހެން ދިމާވާ ސަބަބުތައް ވަރަށް ގިނަ އެވެ. ގިނަފަހަރަށް
މިގޮތަށް ދިމާވަނީ ކުރިން ކުރިމަތިވެފައިވާ ހިތި ތަޖުރިބާއެއްގެ ސަބަބުންނެވެ. ސްކިނާރގެ
ނަޒަރުން ވިސްނާއިރު އިނާމު ދީގެން މިފަދަ ކަންކަމުގައި ޝަވްޤުވެރިކަން އިތުރު
ކުރެވިދާނެ އެވެ. ނަމަވެސް އިނާމު ދިނުމުގައި ސަމާލުކަން ދޭންޖެހޭ ތިން ކަމެއް ވެއެވެ.
ފުރަތަމަ ކަމަކީ، ކުދިން އަމިއްލައަށް ޝަވްޤުވެރި ނުވާ ކަންކަމުގައި އިނާމު ދިނުމެވެ.
ދެ ވަނަ ކަމަކީ، އިނާމު ކަނޑައެޅި ކަންކަން ފުރިހަމަކުރި މިންވަރަށް ބަލައިފައި
އިނާމު ދިނުމެވެ. ތިން ވަނަ ކަމަކީ، ދެވޭ އިނާމަކީ ކުރާ މަސައްކަތް ފުރިހަމަ
ކުރުމަށް ބާރުއަޅާ ފަދަ ގޮތަކަށް ދެވޭ އެއްޗަކަށް ވުމެކެވެ.
އަލްބަޓް ބަންޑޫރާގެ ތިއަރީ
ބަންޑޫރާ ދެކޭ ގޮތުގައި
ކަންކަން ދަސްކުރަނީ ބަލައިގެން، ނަކަލު ކޮށްގެން، އެހެން މީހުންގެ އެފަދަ
ތަޖުރިބާތައް އަޑުއަހައިގެން، ދެނެގަނެވިގެން، ފެނިގެން ފަދަ ގޮތްގޮތަށެވެ.
މިސާލަކަށް، ކިޔަވައިދިނުމުގެ ތަޖުރިބާގެ ދުވަސްވަރު ޢަލީގެ ކިޔަވައިނުމާމެދު
ލެކްޗަރަރ ހިންހަމަޖެހުނު ވާހަކަ ދެއްކުމުން އެކަން އަޑުއަހަން ހުރި މުޙައްމަދު
އޭނާގެ ކިޔަވައިދިނުން ވެސް އެފަދަ ގޮތަކަށް ގެންދިއުމަށް މަސައްކަތް ކުރެ އެވެ. މި
ހާލަތުގައި ކަންތައް އެ ހިނގަނީ ބަންޑޫރާ ދެކޭ ފަދައިން އެހެންމީހުންގެ
ތަޖުރިބާތައް އަޑުއަހައި ދެނެގަނެވިގެންނެވެ.
ހިޔުމަނިސްޓުންގެ ނަޒަރިއްޔާތާއި ޝަވްޤުވެރިކަން
ހިޔުމަނިސްޓުން ދެކޭ
ގޮތުގައި އިންސާނުންގެ ޝައުޤުވެރިކަމާއި ގުޅިފައިވަނީ އޭނާގެ ބޭނުންތަކާ އެވެ. މިގޮތުން
މި ވިސްނުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އަބްރަހަމް މާސްލޯ އެވެ. އަބްރަހަމް
މާސްލީ ހާމަކޮށްފައިވާ ގޮތުގައި، އިންސާބާގެ ޝަޢުޤުވެރިކަން ގުޅިފައިވާ ބޭނުންތައް
ތަރުތީބުން ތިން ބަޔަކަށް ބަހައިލެވެ އެވެ. އެއީ އަސާސީ ބޭނުންތަކާއި، ނަފްސާނީ
ބޭނުންތަކާއި، ނަފުސުގެ ފުރިހަމަކަމަށް ބޭނުންވާ ބޭނުންތަކެވެ. އަސާސީ
ބޭނުންތަކުގެ ތެރޭގައި މާސްލޯ ފާހަގަކޮށްފައިވަނީ އެންމެ ފުރަތަމަ ކާނާ، ފެން،
އަޅާލުން އަދި އަރާމު ކުއްޖާއަށް ލިބިދިނުމަށެވެ. އެއަށްފަހު ކުއްޖާއަށް
އަނާންކަން ލިބި ދިނުމަށެވެ. އެއަށްފަހު، ވާސިލު ވާންޖެހެނީ ނަފްސާނީ ބޭނުންތަކާއި
ހަމައަށެވެ. މި ބައިގައި ހިމެނެނީ ލޯތްބާއި އަޅާލުމަށް ބޭނުންވާ ބައިތަކެވެ.
އެއަށްފަހު، ކަރާމާތާއި މަޤުބޫލުކަމަށް ބޭނުންވާ ކަންތައްތަކެވެ. އެއަށްފަހު
ބައްދަލުވަނީ، ނަފުސުގެ ފުރިހަމަކަމަށް ބޭނުންވާ ބޭނުންތަކާ އެވެ. މިބައިގައި
އަމިއްލައަށް ޙާޞިލުކުރުމަށް ބޭނުންވި ކަންތައްތައް އަމިއްލަ އަށް ޙާޞިލްވިކަމުގެ
އިޙުޞާސް ކުރެވޭނެ އެވެ. މާސްލޯ ހާމަކުރައްވާ ގޮތުގައި އޭނާގެ އަޙުރާމުގެ ތިރިން
މައްޗަށް އަރަމުންދާއިރު ހުއްޓުމެއް އައިސްފިނަމަ އެ ހިސާބުން ޝައުޤުވެރިކަމަށް
ނޭދެވޭ އަސަރު ސީދާގޮތުންނާއި ނުސީދާ ގޮތުން ކުރާނެ އެވެ.
ކޮގްނަޓިވް ނަޒަރިއްޔާތުތަކާއި ޝަވްޤުވެރިކަން
މި ވިސްނުމާއި ޖުމުލަ
ހަތަރު ތިއަރީ އެއް ގުޅިފައި ވެއެވެ. ތިއަރީތަކުގައި ހާމަކުރާ ގޮތުގައި މީހުންގެ
ސުލޫކު ގުޅިފައިވަނީ އެމީހުން ވިސްނާ ވިސްނުންތަކާ އެވެ. އެއްވެސް ހާލަތެއްގައި
ކުރިން މީހަކު ދިން އިނާމަކުން ނުވަތަ ދިން އަދަބަކުން ވަކިކަހަލަ ސުލޫކެއްގެ
މަތީގައި ދެމި ހުރުމަށް މީހާގެ ޢަޒުމް ކަނޑައެއް ނޭޅޭނެ އެވެ. މި ރަޢުޔުގެ މީހުން
ސިފަ ކުރެވެނީ ބަދަހި ރޯލެއް އަދާކުރާ އަމިއްލައަށް މަޢުލޫމާތު ހޯދާ އުނގެނުމަށް
މަސައްކަތް ކުރާ އަދި މައްސަލަތައް އަމިއްލައަށް ޙައްލުކުރާ ފަތާތްތަކެއްގެ ގޮތުގަ
އެވެ. މި ވިސްނުމާއި ގުޅިފައިވާ ނަޒަރިއްޔާތުތައް ތިރީގައި އެވަނީ އެވެ.
1. އެކްސްޕެކްޓެންސީ
މިއީ
ޙާޞިލުކުރަން ބޭނުންވާ ކަންކަމާއި އުންމީދުތަކާއި ގުޅިފައިވާ ތިއަރީ އެވެ. މި ތިއަރީ ބުނާގޮތުން ކުއްޖާއަށް ލިބޭ ނަތީޖާގެ
ސަބަބުން ރަނގަޅު އެއްޗެއް ޙާޞިލް ވާން ޖެހޭނެ އެވެ. ހަމައެއާއެކު، އެ ޙާޞިލްވި
އެއްޗަކީ އޭގެ އަގު ވަޒަންކުރެވޭ އެއްޗަކަށް ވާން ޖެހޭނެ އެވެ. ކުރާ މަސައްކަތް
ރަނގަޅު ނަތީޖާއަކާ ހަމައަށް ގެންދިއުމަކީ މީގެ މިސާލެކެވެ.
2. ސެލްފު އެފިޝަންސީ
މި
ތިއަރީ ގުޅިފައިވަނީ ކުއްޖާގެ އަމިއްލަ ޤާބިލުކަން ދެނެގަނެވި އަންދާޒާ
ކުރެވިފައިވާ މިންވަރާއި އެ ބޭނުންވާ ކަމެއް ކުރުމަށް އޭގެ ސަބަބުން އުފެދޭ
ޝަވްޤުވެރިކަމާ އެވެ.
މިސާލު: ވަކި ކަމެއް
ތިމާއަށް ކުރެވިދާނެކަން އިޙުސާޞް ކުރުވުމުން ޝަވްޤުވެރިކަން އިތުރުވޭ. ހަމަ މި އުޞޫލުން
އެ ކަމެއް ނުވާނޭކަން އަންދާޒާ ކުރެވޭ ހިނދު އެކަމަށް އޮންނަ ޝަވްޤުވެރިކަން ދަށް
ވެސް ކުރެވެ އެވެ.
3. ގޯލް އެންޑް ގޯލް އޮރިއެންޓޭޝަން
ލަނޑުދަނޑިއަކީ
މީހުން އެކަމެއް ޙާޞިލްކުރުމަށްޓަކައި އުންމީދުތަކެއް ކުރުވައި އެކަމަށް ޝަވްޤުވެރިކަން
އިތުރުވާ އެއްޗެކެވެ.
މިސާލު: މި މާއްދާގެ
ކޮންމެ މަޢުޟޫއެއް ވަރަށް ރަނގަޅަށް ފަހުމް ވެއްޖެ އެވެ. އެހެނަކަމުން، އަހަރެންގެ
ރައްޓެހި ޢަލީގެ މާކުހަށް ވުރެ މަތީ މާކުހެއް ދެވަނަ ޓާމުގައި ހޯދާނަމެވެ.
4. އެޓްރިބިޔުޝަން
މިއީ
ކަމެއް ކުރުމަށް މެދުވެރިވާ ސަބަބުތައް އެކަމެއް ޙާޞިލްކުރުމަށް ޝަވްޤުވެރި
ކުރުމާއި، ގުޅިފައިވާ މިންވަރެވެ.
މިސާލު: 1. އަމިއްލަ
ކަމަކުން އަސަރުކުރުވާ ދާއިމީ ގޮތުން އެ ގޮތެއްގައި ހުރުމުން ކޮންޓްރޯލް ކުރެވެ
އެވެ. (މަލްޓިޕްލް ޗޮއިސް ޓެސްޓަށް ކިޔެވުމަށް އަހަރެން ވަރަށް މޮޅެވެ. އެހެންކަމުން ދެން އަންނަ އަންޑަސްޓޭންޑީން
ޕެޑަގޮޖީ އެންޑް ލާނިންގ ތިއަރީސްގެ ޓެސްޓުގައި އަހަރެން ވަރަށް ރަނގަޅަށް ހަދާނަމެވެ.)
މިސާލު: 2. އަމިއްލަ
ކަމަކުން އަސަރުކުރުވާ ދާއިމީ ގޮތުން އެ ގޮތެއްގައި ހުރުމުން ކޮންޓްރޯލް ނުކުރެވެ
އެވެ. (މަޒުމޫނުގެ ވައްތަރުތަކުގެ ސުވާލުތައް އަބަދުވެސް އަހަރެންނަށް ވަރަށް
އުނދަގުލެވެ. އެހެންވެ ދިވެހިބަހުގެ ތާރީޚުގެ އިމްތިޙާނު އަހަންނަށް ރަނގަޅަކަށް
ނުހެދޭނެ އެވެ.)
އުނގަންނައިދިނުމުގައި މޯޓިވޭޝަން ތިއަރީގެ ފައިދާ
މޯޓިވޭޝަން
ތިއަރީއަކޫ އުނގަންނައިދުނުމުގައި ވަރަށް ފައިދަ ބޮޑު ތިއަރީއެއްކަން ފާހަގަ
ކުރެވެ އެވެ. ސަބަބަކީ ޝައުޤުވެރިކަމާއި ނުލާ ކަމެއް ކުރަން އުޅެފިނަމަ އެ ކަމެއް
ކާމިޔާބު ނުވާނެތީ އެވެ. މިގޮތުން ބަލާއިރު މި ތިއަރީގެ އަލީގައި ކުލާހުގައި
ކުދިން ފިލާވަޅުތަކަށް ޝައުޤުވެރި ކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ. މިގޮތުން،
އުނގެނުމަކީ ކުދިންނަށް މާނައެއް ހުރި އެއްޗަކަށް ހެދުމަށްޓަކައި ކުދިންގެ
މިޖާޒާއި ގުޅޭ ކުދިން ގަޔާވާ ޓާސްކުތަކެއް ދެވިދާނެ އެވެ. ކުދިންނާ
ކުރިމަތިލުމަށްފަހު، ކުދިންގެ ވެސް ޒިންމާއެއް ވާކަން އެކުދިންނަށް އަންގައިދީ
އެކަން އެކުދިންނަށް އެނގޭނޭހެން ވީހާވެސް ބޮޑަށް މަޞްޢޫލިއްޔަތުތަކުގައި
މިނިވަންކަން ދެވިދާނެ އެވެ. ކުދިންގެ އުނގެނުމުގައި ހުރިހާ ދަރިވަރުންނަށް ވެސް ފުރުޞަތުތަކެއް
މަގުފަހިކޮށްދިނުމާއިއެކު ހިތްވަރު ދިނުން ވެސް ވަރަށް މުހިންމެވެ. ހަމައެއާއެކު،
ގިނަ ކުދިންގެ މެދުގައި ވާހަކަދެކެވި މަޝްވަރާ ކުރުމަށް ފުރުޞަތު ހުޅުވައިލައިގެން
ފިލާވަޅު ކުރިއަށް ގެންދިއުމާއި، ފިލާވަޅު ވަޒަން ކުރުމުގައި ސްޓޭންޑަޑައިސް
ގޮތްތައް ބޭނުންކޮށްގެން ކުދިންގެ ގްރޭޑްތައް ހެދުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
އަދި ކުދިންގެ ބައިއިވެރިވުން ލިބޭ ފަދަ ފުރުޞަތުތައް ދެވި ކުދިންގެ އުނގެނުމަށް
ހޭދަކުރާ ވަގުތުތައް އެކުދިންގެ ބޭނުންތަކާއި ގުޅޭފަދަ ގޮތަކަށް އިޚްތިޔާރު
ކުރުމުގެ ފުރުޞަތު ދިނުމަކީ ވެސް ކުރެވިދާނެ މިހިންމު ކަމެކެވެ.
ޙަވާލާ
އަނީޓާ ވޫލްފޯލްކް.
(2010). އެޑިޔުކޭޝަނަލް ސައިކޮލޮޖީ. އިލެވެންތް އެޑިޝަން: ޕިއަރސަން
އެޑިޔުކޭޝަން.
އާމިނަތު ޝާފިޢާ އާދަމް.
(2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ. ސެންޓަރ ފޮރ އޯޕަން ލަރނިންގ.
މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
No comments:
Post a Comment