Tuesday

ކްލާސްރޫމް މެނޭޖުމެންޓު ޕްލޭން

ލިޔުނީ: މޫސާ މާހިރު

:ފެށުން

ކުލާސްރޫމް މާޙައުލަކީ އުނގެނުމަށް ފަހި، ކުދިން ކިޔަވާހިތްވާ ފަދަ ކުލާސްރޫމަކަށް ހެދުމަށްޓަކައި، މަސައްކަތްކުރުމަކީ، އުނގަންނައިދޭ މުއައްސަސާއެއްގެ އެންމެ ބޯޑު އެއް މަޤުސަދަކަށް ވާންޖެހޭނެ އެވެ. ކުލާސްރޫމަކީ ހަރުދަނާ މާހައުލަކަށް ހެދުމަށްޓަކައި ކުރެވޭ ކޮންމެ ކަމަކާ ކްލާސްރޫމް މެނޭޖުކުރުމާ ވަނީ ގުޅި ލާމެހިފަ އެވެ. އެހެންކަމުން ކޮންމެ މުދައްރިސަކު ވެސް ކުލާސްރޫމް މާހައުލުގައި ހިނގާ ކަންކަމަށް ހޭލުންތެރިވެ، އެ ކަންތައްތައް ރަނގަޅު ކުރުމަށް ކުދިންނާ މުދައްރިސާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމުކޮށް ރަނގަޅަށް މުވާސަލާތު ކުރުމާއެކު، ކުލާހުގައި ކުދިން ކުރާ ރަނގަޅު ކަންކަމަށް ތަޢުރީފު ކުރުމާއި، ނޭދެވޭ ކޮންމެ ކަމެއް ތަކުރާރު ވުމަށް ފުރުޞަތު ނުދީ، އެ ކަންކަމުން ދަރިވަރުން އެއްކިބާ ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ މުދައްރިސުންގެ އެންމެ ބޮޑު ޒިންމާ އެވެ. އެހެންކަމުން، މި ޕްލޭނުގައި އަލިއަޅުވައިލައިފައި ވާނީ، އެކަޑެމިކު މަޢުލޫމާތާއި އަމިއްލަ ތަޖުރިބާގެ އަލީގައި ކްލާސްރޫމް މެނޭޖު ކުރުމުގައި ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.
ފާސަނަލް ތިއަރީ
ޑިސިޕްލިން ޕްލޭނެއް ތައްޔާރު ކުރަން ފެށުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ. މި ޕްލޭންއަކީ ކާމިޔާބު ޕްލޭންއަކަށް ވާނީ ކުދިންގެ އަޚްލާޤީ މިންގަނޑުތަކާއި ގުޅިގެންނެވެ. އަދި މި ޕްލޭން ވާންވާނީ ކުދިންނަށް މާބޮޑު ތަކްލީފަކާއި ނުލައި ކުދިން ބަލައިގަންނަ ޕްލޭންނަކަށެވެ. މިގޮތުން އަޅުގަނޑު އެންމެ އިސްކަމެއް ދެނީ ކުދިންގެ އަޚްލާޤީ މިންގަނޑު ރަގަޅުކުރުމަށެވެ. އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރަގަޅު އަޚްލާޤެއް ލިބިގެންވާނަމަ ކިޔެވުމަށް އަދި ކިޔަވައިދިނުމަށް ފަހި މާޙައުލެއް ޤާއިމު ވެގެންދާނެ އެވެ. މިކަމަށްޓަކައި އެނެމެ ފުރަތަމަ ޓީޗަރުން ފިލާވަޅުތައް ރަނގަޅަށް ތައްޔާރުކޮށް ހުށަހަޅައި ދިނުމާއިއެކު، ފުރިހަމަ މާޙައުލެއް ކަން ޓީޗަރުން ޔަޤީން ކުރަން ވާނެ އެވެ. 
      ކުލާސްރޫމުގައި އަޚުލާޤީ މިންގަނޑު ރަނގަޅަށް ނުގެނެގުޅޭ ކުދިންނަށް އެ ކަންތައްތައް ހަނދާންކޮށްދިނުމުގެ ގޮތުން ބޯޑެއް ބެހެއްޓިދާނެ އެވެ. މި ބޯޑުގައި ކުއްޖެއްގެ ނަން ލިޔެވިއްޖެ ނަމަ އެ ކުއްޖެއްގެ އަޚުލާޤީ މައްސަލައެއް އުޅެނީކަމާއި އެކަން ރަނގަޅު ކުރަން ޖެހޭނެކަން ކުދިންނަށް އެންގިދާނެ އެވެ. ކުއްޖާގެ ސުލޫކު ރަނގަޅުވަންދެން ބޯޑުން ނަން ފުހެ ނުލައި ބެހެއްޓިދާނެ އެވެ. ތަކުރާރުކޮށް ތިންފަހަރު އެއް ކުއްޖެއްގެ ފަރާތުން ނޭދެވޭ ސުލޫކެއް ތަކުރާރު ވާނަމަ، ނަޞޭޙަތް ދޭންވާނެ އެވެ. ނަޞޭޙަތް ދޭއިރު، ނޭދެވޭ ސުލޫކު ތަކުރާރު ވާނަމަ އަދަބު ދެވޭނެ ކަމާއި، އެ ފަދަ ކުދިންނަށް ދިނުމަށް ކަނޑައެޅިފައި ހުންނަ އަދަބުތަކުގެ ވާހަކަ ދައްކަން ވާނެ އެވެ. އެއިރުން ކުއްޖާއަށް ކޮންމެވެސް އެއް ގޮތެއް ބަދަލުކުރަން މަޖުބޫރު ވާނެ އެވެ. އެއް ގޮތަކީ އޭނާ ނޭދެވޭ ކަންމަތީ ދެމި ހުރުމެވެ. އަނެއް ގޮތަކީ އޭނާގެ ސުޅޫކު ރަނގަޅު ކުރުމެވެ. މިވަރުން ވެސް ކުއްޖާގެ ސުލޫކަށް އެދެވޭ ބަދަލެއް ނުގެނެވުނު ނަމަ، ބެލެނިވެރިޔާގެ ސަމާކުލަމަށް ގެނެސް ނަޞޭޙަތްތެރި ވެވިދާނެ އެވެ. އެއަށްފަހު، ތަކުރާރު ވާނަމަ، ކުއްޖާ ސްކޫލުގެ ސީނިއަރ މެނޭޖުމެންޓުގެ ސަމާކުކަމަށް އެ ކުއްޖެއްގެ މައްސަލަ ގެނެސް އެ ކުއްޖާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން މައްސަލަތައް އޮބްޒާވް ކޮށް ރެކޯޑު ކުރުން މުހިންމެވެ. އެއަށްފަހު، ނަޞޭޙަތްތެރިވެ ރަނގަޅު ނުވެއްޖެ ނަމަ، ބެލެނިވެރިޔާ އާއެކު ކުއްޖާ ސްކޫލަށް ޙާޟިރުކޮށް ވާހަކަދެއްކިދާނެ އެވެ. އެ ހިސާބަށް ކަންތައް ކުރުމުން ވެސް އެދެވޭ ބަދަލެއް ނުފެންނަ ނަމަ، ކުލާހުގައި އެފަދަ ކުދިން އެކަހެރި ކޮށްގެން ކިޔަވައިދޭން މަސައްކަތް ކުރެވިދާނެ އެވެ. މިގޮތަށް ވެސް ކުރިއަށް ނުގެންދެވޭ ނަމަ، ނުވަތަ އޭނާގެ ފަރާތުން އެހެން ކުދިންނަށް އުނދަގު ވާފަދަ ޢަމަލުތައް ފެންނަ ނަމަ، ބެލެނިވެރިޔާއާއެކު ކުއްޖާ ޙާޟިރު ކުރުވައިގެން ސަސްޕެންޝަނެއް ދެވިދާނެ ކަމުގެ އިންޒާރު ފުރަތަމަ ފަހަރަށް ދިނުމަށްފަހު، ކުއްޖާގެ އުޅުން ވަރަށް ގާތުން ބަލަމުން ގެންދެވިދާނެ އެވެ.
އިސްވެ ބަޔާންކުރެވުނު ގޮތަށް ޢަމަލު ކުރުމަށް ޕްލޭން ހެދުމުގައި އަޅުގަނޑު ކުދިންގެ ޚިޔާލުވެސް ހޯދާނަމެވެ. ފުރަތަމަ އަޅުގަނޑު ޤަސްދުކުރާ ކަންތައް ކިޔައިދިނުމަށްފަހު ކުދިންގެ ޚިޔާލު ހޯދާނީ އެވެ. އަދި އަޅާ ކިޔުމަށްފަހު ފުރިހަމަ ތާވަލް ހަދާނީ އެވެ. އެއީ ފަހަރުގައި މި ތާވަލް ބެލެނިވެރިޔާ އާއި ހަމައަށް ދިއުމުގެ ކުރިންވެސް ކުދިންގެ މެދުގައި އަދި އެއް ފުރުޞަތު އިތުރުކުރަން ވެސް އެދި ދާނެ އެވެ. ނޫނީ އަޅުގަނޑުގެ ތާވަލުން ފުރުޞަތެއް އުނިކުރަންވެސް އެދިދާނެ އެވެ.  ކުލާސްރޫމްގައި ބޭނުންކުރާނެ ޢާއްމު ޤަވާއިދު އަޅުގަނޑު އެކުލަވާލާނީ މިގޮތަށެވެ.
މި ޤަވާޢިދު ތައްޔާރު މިކުރީ ކުދިންގެ އެހީތެރިކަމާއި އެކުގަ އެވެ. މިގޮތުން ބަލާއިރު، ރިއަލިޓީ ތެރަޕީ/ ކޮންޓްރޯލް ތިއަރީ (ޙަޤީޤަތާއި އެއްގޮތަށް ޢަމަލުކުރުމަށް ބާރުއަޅާ ތެރަޕީ)ގައި ވިލިއަމް ގްލެސަރ (1984) މަސައްކަތް ކޮށްފައި ވަނީ، ކުދިންގެ ޢަމަލަކީ ރަގަޅުކަމެއްތޯ ނުވަތަ ގޯސްކަމެއްތޯ ކަނޑައެޅުމަށް އެ ކުދިންނަށް އެންގުމަށެވެ. އަދި ރަގަޅު ގޮތުގައި މައްސަލަތަކެއް ނުޖައްސައި ރީތިކޮށް ކުދިންނަށް އެކުދިން އެކުރީ ކުށެއްކަން އެނގުމެވެ. މިގޮތުން މިއެކުލެވިފައިވަނީ ޓީޗަރާއި ކުދިން އެކުލަވާލި ކުލާސްރޫމްގެ ސްލޫކީ މިންގަނޑުތައް ގެންގުޅޭ ޤަވާޢިދެވެ. އަދި ކުށެއް ކުރުމުން ބޯޑަށް ނަން އެރުމުން އެކުއްޖަކަށް އެކުއްޖާއަށް ކުށެއް ކުރެވިއްޖެކަން އެނގޭނެއެވެ. އަދި އިތުރަށް މައްސަލަ ޖައްސަން ގޯސްކުރަން ބޭނުން ނުވާނަމަ ކުލާހުގައި މަޑުމައިތިރި ކަމާއިއެކުގައި އިނުމަކީ މިކަމުގެ ޙައްލުކަން އެނގިދެއެވެ.
އަދި އުޅުން ބަދަލުކުރުމަށް ބާރުއަޅާ ތިއަރީ (ބިހޭވިއަރ މޮޑިފިކޭޝަން)ގައި ބީ.އެފް.ސްކިނަރ ކުދިން ރަގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން 1 (ކުދިންނަށް ރަގަޅަށް ސާފްވާގޮތަށް ކުލާހުގެ ޤަވާއިދު އެކުލާވާލާށެވެ. ކުލާހުގައި ޤަބޫލުކުރެވޭނެ ޢަމަލުތަކަކީ ކޮބައިކަން ކަނޑައަޅާށެވެ. ޓީޗަރ އެދެނީ ކޮންކަމެއްކަން ރަގަޅަށް އެނގޭގޮތަށް ޤަވާޢިދުތައް ސާފްކޮށް ލިޔެ، ކުދިންނަށް ފެންނާނެހެން ބަހައްޓާށެވެ. އަދި ކުދިންނަށް ހަނދާންކޮށްދިނުމަށްޓަކައި ދޭތެރެ ދޭތެރެއިން ޤަވާޢިދުތައް ކިޔައިދޭށެވެ.) އާއި 3 (ޤަވާޢިދުތަކަށް ތަބާވާ ކުދިންނަށް ތަރުހީބު ދޭށެވެ. ޤަވާޢިދުތަކަށް ކުދިން ތަބާވޭތޯ ބަލައި، ޤަވާޢިދާއި އެއްގޮތަށް ކުދިން ކަންކަން ކުރުމުން  އެކުދިންނަށް ތަރުހީބުދީ ހިތްވަރު ދޭށެވެ. ޤަވާޢިދުތަކަށް ބޯލަނބާ ކުދިންނަށް ޚާއްޞަ އިނާޔަތްތައް ދޭށެވެ. (ބެކަރ، އެންގޮލެމެން އަދި ތޯމަސް 1971) ވަރަށް ގުޅެއެވެ. އެއީ އެހުރީ ޤަވާޢިދުތައް ހެދިފައެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ޤަވާޢިދުތައް ރަގަޅަށް އެނގޭނެއެވެ. އަދި ކުށެއްކޮށްފިނަމަ ވާނޭގޮތްވެސް ރަގަޅަށް އެނގެއެވެ.
  ވީމާ ކުލާސްރޫމްގައި ބޭނުންކުރާނެ މޮޑެލް ޤަވާޢިދު، އެންމެ ފުރިހަމައަށް އުޅުން ބަދަލްކުރުމަށް ބާރުއަޅާ ތިއަރީ (ބިހޭވިއަރ މޮޑިފިކޭޝަން) އާއި ރިއަލިޓީ ތެރަޕީ (ކޮންޓްރޯލް ތިއަރީ) އާއި ގުޅެކަމަށް  ބުނެވިދާނެއެވެ.

ކްލާސްރޫމް މާޙައުލު:
އުނގެނުމަށް ފަހި މާހައުލެއް ޤާއިމު ކުރެވޭނީ ވަރަށް ބޮޑު ގުރުބާނީތަކެއް ވެގެންނެވެ. އެންމެ ފުރަތަމަ ކުލާހަށް ފިލާވަޅެއް ނަގައިދޭންދާ ދުވަހު ހިނިތުންވުމާއިއެކު މޫނުމަތިން އުފާވެރިކަން ދެއްކުމަށް ވަރަށް މަސައްކަތް ކުރަންޖެހޭނެ އެވެ. ކުދިން އުފާކޮށްދޭނަމަ އެ ކުދިން ޓީޗަރުންވެސް އުފާކޮށްދޭނެ އެވެ. މިގޮތުން ކިޔަވަން ހަމަޖެހިފައިވަނީ ކުލާހަށް 40 މިނިޓު ކަމުގައި ވާނަމަ 22 މިނިޓް ކިޔަވައިދީފައި  3 މިނިޓް، ކުދިން ހެއްވާލުމަށްޓަކައި ޖޯކެއް ކިޔައި ދިނުމަށް ބޭނުންކުރެވިދާނެ އެވެ. މިކަމުގެ ސަބަބުން ކުދިންގެ ސިކުނޑި އަށް ތަނަވަސްކަމެއް ލިބިގެން ދާނެ އެވެ. ދެން ބާކީ 20 މިނިޓް އަނެއްކާވެސް ކިޔަވައި ދެވިދާނެ އެވެ. ކޮންމެ ދުވަހަކު ޖޯކެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވެދާނެ އެވެ. އެހެންވީމާ ކުލާހުގައި ތިބޭ ކުދިންގެ ކައިރީގައި މިކަމުގައި ބައިވެރިވުމަށް އެދޭކުދިންގެ ނަންތައް ނެގިދާނެ އެވެ. ދެން ދުވާލަކު ކުއްޖަކަށް ޖޯކެއް(މަޖާކަމެއް) ކިޔައިދޭން ޖެއްސިދާނެ އެވެ. މިހެން ކަންތައް ކުރުމުން ކުދިން އުފާވެ އެވެ. އެކުދިން ހިތްހަމަ ޖެހެ އެވެ. ޓީޗަރުދެކެ ލޯބިވާނެ އެވެ. އަދި ގާތްކޮށް ދެކޭނެ އެވެ.  އެއީ ކުދިންގެ އަޚްލާޤު ރަގަޅު ކުރުމަށްވެސް ހިތްވަރު ލިބޭ ކަމެކެވެ. ކުދިން ހާސްކަން ބޮޑުވާނަމަ އެކަމަކުން ވެސް ސަލާމަތް ވާނެ އެވެ. ކުދިންނަށް ކިޔެވުމަށް ބާރުއެޅުމަށް ހިތްވަރަކަށް ވާނެއެވެ. އެއީ، ކުދިން ޓީޗަރަށް އިތުބާރުކޮށް، ގާތްކޮށް ހިތުމާއިއެކު އިހްތިރާމު ވެސް ކުރަން ފަށާނެތީ އެވެ. އަދި ފިލާވަޅުތައް ގަޑިންގަޑިއަށް ހެދުމާއި ޓީޗަރު ކުރިމަތީގައި އަގު ހިފަހައްޓަން މަސައްކަތް ކުރާނެތީ އެވެ. މި ކަންކަކީ، ކިޔަވައިދިނުމުގެ ތަޖުރިބާގެ ތެރެއިން އަޅުގަނޑަށް ކުރެވިފައިވާ ބައެއް ތަޖުރިބާތަކެވެ.
ކުލާހުގައި ޖޯކު ކިޔައި ހީ ހެދުމުން ކުދިން ކޮންޓްރޯލްކުރަން އުނދަގޫ ވެދާނެކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެ އެވެ. އެހެންނަމަވެސް ހަޤީޤަތުގައި މިއީ ތެދުފުޅެއް ނޫނެވެ. މިހެން ދިމާވާނީ ކުލާސްރޫމް މެނޭޖްމެންޓް ފެށުނީއްސުރެ އެހާ ވަރުގަދަ ނޫންނަމަ އެވެ. އަޚްލާޤީ މިންގަނޑު ނުހިފެހެއްޓިފައިވާ ކުލާސްތަކުގަ އެވެ. މިކަހަލަ ކުލާހެއްގައި ޖޯކެއް ކިޔާލައި ހީލާ ހަދަން މަސައްކަތް ކޮށްފިނަމަ ކަންތައްތައް ގޯސްވެދާނެ އެވެ. އެހެންނަމަވެސް ކުލާސްރޫމް މެނޭޖްމެންޓް ވަރުގަދަނަމަ މިއީ ވަރަށް މުހިއްމު ކަމެކެވެ.
ކިޔަވާ ދެމުންދާއިރު، ކުދިން ފޫހިވާކަން ފާހަގަ ކުރެވޭނަމަ ކުލާސް ކުރިއަށް ގެންދާގޮތް ވިސްނުންތެރިކަމާއިއެކު ބަދަލުކޮށްލެވިދާނެ އެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް:
·         ގޮނޑީގައި މާގިނައިރު އިށީންދެ ނުއިނދެވޭތޯ ބަލާށެވެ. އެއީ އެއިރަށް ކުދިން ފޫހިވާގޮތް ވާނެ އެވެ.
·         ފިލާވަޅު ނަގައިދެމުންދާއިރުގައި ވާހަކައިންނާއި ފިލާވަޅުން ކުދިން ފޫހިނުވޭތޯ ބަލާށެވެ. އަދި ކުދިން ނޭވާލައި ހަމަޖެހިލުމަށް ވަގުތުދެމުން ގެންދާށެވެ.
·         މައުލޫމާތާއި މާނަދިނުމުގައި ސީދާ މައުލޫގައި ހިފެހެއްޓުމަށް ބަލާނަމެވެ. އަދި ވީހާވެސް ސާފުސީދާކޮށް ކިޔައިދެވޭތޯ ބަލާށެވެ.
·         ކިޔައިދަމުން ގެންދާ އެއްޗެއް ކުދިން މުޠާލިޢާކުރާ ހިތްވާ ގޮތަކަށް ގެންދިއުމަށް ބާރުއަޅާށެވެ.
·         ފޫހިނުކޮށް ކިޔަވައިދިނުމަކީ އެހާމެ މުހިއްމު ކަމެކެވެ. ހަޤީޤަތުގައި މިވެނި އެވެނި ސަބަބަކާއި ހެދިވިޔަސް ކުލާސްތެރޭގައި ކުއްޖާ ފޫހިވެފައި ގިނައިން އިންނަންޖެހުމުން ކޮންމެވެސް ގޯސްކަމެއް ކުރުމަށް މަގުފަހިވެ އެވެ.
·         މިކަންތައްތައް ފާހަގަކުރުމަށް ކުދިންގެ މޫނަށް ބަލަންޖެހޭނެއެވެ. މިހެން ބަލަމުން ފިލާވަޅު ކުރިއަށް ގެންދާއިރު ކުދިންގެ ޝައުޤުވެރިކަން ހުރީ ކިހާވަރަކަށްތޯ ފާހަގަވެގެން ދާނެއެވެ. އަދި ޝައުޤުވެރިކަން ކުޑަކަމަށް ފާހަގަކުރެވޭނަމަ ކިޔަވައިދޭގޮތަށް ބަދަލް ގެނެވިދާނެ އެވެ. އެގޮތުން ކުލާހުން ބޭރުގައިވެސް ފިލާވަޅު ނަގައި ދެވިދާނެ އެވެ.

ސުލޫކު ނުވަތަ ބިހޭވިއަރ މެނޭޖުމެންޓު:
މިއަދު ކުއްޖެއްގެ ފަރާތުން ނޭދެވޭ ކަމެއް ދިމާވިޔަސް، އަބަދު އެއީ ނަފްރަތެއްގެ ގޮތުގައި ނުބާއްވާށެވެ. ހިނިތުންވުމާއިއެކު އަނެއްދުވަހު ވެސް އެ ކުއްޖާއާ މުޢާމަލާތު ކުރާށެވެ. ކިތަންމެ ސަކަރާތް ޖަހާ ނުކިޔަމަންތެރި ކުދިން ތިބޭ ކުލާހެއް ނަމަވެސް ރުޅިއިސް ނުކުރާށެވެ. ރުޅިނައިސް ކަންތައްތައް ޙައްލުކުރާށެވެ. އެއްވެސް ނޭދެވޭކަމެއް އަޅާނުލައި ދޫކޮށް ނުލާށެވެ. މިގޮތަށް އަޅާނުލައި ދޫކުރަން ފަށައިފިނަމަ އަބަދުވެސް ޖެހޭނީ އެގޮތަށް ކަންތައްކުރާށެވެ. އަދި މިކަމުގެ ސަބަބުން އިތުރު މައްސަލަތައްވެސް އުފެދުން ގާތެވެ. އެހެންކަމުން ކުލާސްރޫމް ޑިސިޕްލިންއަށް  ޢަމަލުކޮށް ކުލާސް ނިމުމުން ނުވަތަ އިންޓަވަލް ގަޑީގައި ނުވަތަ ކޮންމެވެސް ހުސްގަޑިއެއްގައި އެ މައްސަލަތައް ޙައްލުކުރަން މަސައްކަތް ކުރާށެވެ. ކުލާސްރޫމްގެ ސިޓިންގ އެރޭންޖްމެންޓްގެ ކަންތައް ކުރާނީ ކުދިންގެ މަޝްވަރާގެ މަތިންނެވެ. ނަގައިދޭން ޖެހޭ ކުލާހަކީ އިންޓަވަލް ގަޑިއާ ޖެހިގެން ކުރިއަށް އޮތް އެންމެ ފަހު ކުލާސް، ނުވަތަ އެ ދަންފަޅީގެ އެންމެފަހުކުލާސް ކަމަށް ވެދާނެ އެވެ. މިހެން ވެއްޖެނަމަ ފިލާވަޅު ނަގައިދޭއިރު ކުދިން ތިބޭނީ ވަރުބަލިވެފައިކަން ވިސްނައިގެން ފިލާވަޅު ކުރިއަށް ގެންދާން ވާނެ އެވެ. ކުލާހުގައި ކިޔެވުމަށް ހިތްވަރު ދިނުމުގެ ގޮތުގައި ނަގާ ޓެސްޓްތަކުން މަތީ މާކުސް ހޯދާ ކުދިންގެ ނަން ފާހަގަކުރުމަށް ބޯޑެއް ބެހެއްޓިދާނެ އެވެ. މިއީ ވަނަވަނައަށްދާ ކުދިން ޝަރަފުވެރި ކުރުމަށް ކުރެވޭ ކަމެކެވެ. އަދި ކޮންމެ ކުއްޖަކަށްވެސް މަސައްކަތްކޮށް، މިބޯޑަށް ނަން އެރުވުމުގެ ފުރުޞަތު އޮންނާނެ އެވެ.
ގްލޭސަރ (1984)ގެ ކޮންޓްރޯލް ތިއަރީގައިވާ ފަދައިން އިސްވެ ހުށަހެޅުނު ކަންކަމުން، ކުދިންގެ ލޯބި ޙާސިލް ކުރެވޭނެ އެވެ. ކުދިން ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި އެކުދިންގެ އަސާސީ ބޭނުންތައް އެކުދިންނަށް މިނިވަން ކަމާއިއެކު ހޯދޭނެ މަގު ފައިވާނެ އެވެ. ވުމާއެކު، ސްލޫކީ މައްސަލަތައް ރަގަޅު ކުރެވޭނެ މާހައުލެއް ޤާއިމްކުރެވިގެން ދާނެ އެވެ.
އުސޫލުތަކާއި ޤަވާއިދުތައް
1.      ކުދިންނާއި ދިމާއަށް ހަޅޭއްލަވައި އެއްޗެހި ކިޔައި، މިގޮތަށް ކަންތައްކޮށްފިނަމަ ކުލާސްރޫމްގެ ކޮންޓްރޯލް ގެއްލުމަކީ އަވަސްކަމަކަށް ވެދާނެ އެވެ. އަދި ކުދިން ގެއަށް ދިއުމަށްފަހު ބެލެނިވެރިންނަށް މިކަންތައްތައް ކިޔައިދިނުމުން، ބެލެނިވެރިންގެ ކުރިމަތީގައި ޓީޗަރުގެ އަގު ވެއްޓެ އެވެ. އަދި ބައެއްފަހަރު ބެލެނިވެރިން އައިސް ޕްރިންސިޕަލްއާއި ބައްދަލްކޮށް އެކަމުގެ ޝަކުވާ ކުރެ އެވެ.
2. ފިލާވަޅަކާއި ގުޅިގެން ކުއްޖަކު ޖަވާބުދާރީވުމަށް މަޖްބޫރެއް ނުކުރާނަމެވެ. މިގޮތަށް މަޖްބޫރުކުރާނަމަ އެކުއްޖާ އެހެންކުދިންގެ ކުރިމަތީގައި ލަދުގަންނަން ޖެހޭތަން އާދެ އެވެ. އަދި ގިނަ ފަހަރަށް މިފަދަ ކުދިން ޓީޗަރުދެކެ ރުޅިއައިސް އެޓީޗަރެއް ދެކެ ފޫހިވާތަން ފެންނާނެ އެވެ.
3. ކުލާސްތެރޭގައި އެއްވެސް ކަމަކާއިގެން އެއްވެސް ޙާލަތެއްގައި ކުދިންނާއި ޒުވާބެއް ނުކުރާނަމެވެ. ކުދިންނާއި ޒުވާބުކުރުމުން ޓީޗަރުގެ އަގުވެއްޓި، އެޒުވާބުކުރާ ކުއްޖާގެ ދަރަޖައަށް ޓީޗަރުވެސް ވެއްޓެ އެވެ.
4.  ގޯސްކަމެއް ކުރި ކުއްޖަކަށްވެސް ކުލާހުގެ ހުރިހާ ކުދިންގެ ކުރިމަތީގައި ނަޞޭޙަތްތެރިއެއް ނުވާނަމަވެ. އަދި އެކުއްޖަކާއިމެދު ރުޅިވެރިކަން އުފެދުނަކަވެސް ނުދޭނަމެވެ.
5. އެއްވެސް ދަރިވަރަކަށް އެކުއްޖާއަށް ޙައްޤުނޫން ތަޢުރީފެއް ނުކުރާނަމެވެ. އެއީ ޙައްޤުނޫން ތަޢުރީފެއް ކޮށްފިނަމަ އެކުއްޖާއަށް އަދި ކުލާހުގެ ހުރިހާ ކުދިންނަށްވެސް އެއީ ޙައްޤު ތަޢުރީފެއް ނޫންކަން އެނގޭނެ އެވެ. އެހެންކަމަށް ވެއްޖެނަމަ އެކުދިން، ޓީޗަރު ޙައްޤު ގޮތުގައި ކުރާ ތަޢުރީފުގެ އަގު ވަޒަނެއް ނުކުރާނެ އެވެ. އަދި ތަޢުރީފް ހޯދުމަށް މަސައްކަތެއްވެސް ނުކުރާނެ އެވެ.
މި ޕޮއިންޓް 1ގައި މިވަނީ ރިއަލިޓީތެރަޕީ (ކޮންޓްރޯލް ތިއަރީ) ގައި ވިލިއަމް ގްލޭސަރ (1984) ކުދިންގެ ނޭދެވޭ ޢަމަލްތައް ރަގަޅު ކުރުމަށް ބުނެފައިވާ ބުނުމުގައި ފާހަގަކޮށްފައިވާ ފަދައިން [ކުދިންގެ ބޭނުންތައް ނުފުދޭނަމަ ކުދިން ސްކޫލުގައި މައްސަލަތައް އުފައްދަ އެވެ. އެކުދިން ތިބެނީ އެކަހެރިވެ، ރުޅިއައިސް ހިތްހަމަނުޖެހި އަދި ގަސްދުގައި ދެކޮޅުހަދާ އަރާރުންވުމަށް ތައްޔާރުވުމެވެ. ޓީޗަރުންގެ ދައުރަކީ މިފަދަ ކުދިންގެ ބޭނުންތައް ރަގަޅުގޮތުގައި ފުއްދުމަށް އެހީތެރިވެދިނުމެވެ.] ވީމާ މި 5 ކަންތައް ނުކުރުމަށް މިފަދަ ކުދިންނަށް އެހީތެރިވެދެ އެވެ.
އުޅުން ބަދަލުކުރުމަށް  ބާރުއަޅާ ތިއަރީ (ބިހޭވިއަރ މޮޑިފިކޭޝަން)ގައި ބީ.އެފް.ސްކިނަރ ހާމަކުރި ފަދައިން މިސާލަކަށް އަޅުގަނޑު މިކުލާހަށް ދިއުމުގެ ކުރިން ކިޔަވައިދޭ ޓީޗަރ މި 5 ނުކުތާއަށް ޢަމަލު ކުރާނަމަ ކުލާސްރޫމްގެ ޑިސިޕްލިން އޮންނާނީ ރަގަޅު ނުވެފަ އެވެ. ވީމާ އަޅުގަނޑު މި 5 ކަންތައް ނުކުރާނަމަ މިތިއަރީގައި ބުނެފައިވާ ފަދައިން ([ނެތިދިއުން]) ކުރިން ތަރުހީބު ދެވުނު ޢަމަލަކަށް ސަމާލުކަން ނުދީ، އަޅާނުލައި ދޫކުރަން ފެށުމުން އެ ޢަމަލެއް ނުވަތަ އެކަމެއް ނެތި ހިނަގއިދާނެ އެވެ. އެޢަމަލެއް ފެނުން މަދުވަމުން މަދުވަމުން ގޮސް އެންމެފަހުން އެޢަމަލެއް ކުރުން މުޅިން ހުއްޓިދާނެ އެވެ. އެދެވޭ ޢަމަލުތަކަށް ތަރުހީބުދެމުން، ނޭދެވޭ ޢަމަލުތަކަށް ސަމާލުކަން ނުދީ، މި ދެކަންތައް އެއްފަހަރާ ގެންދާނަމަ ނޭދެވޭ ޢަމަލެއް ކުރުން އަވަހަށް ހުއްޓެ އެވެ.
އަޅުގަނޑު ކިޔަވައިދޭ ކުލާސްތަކުގައި ކުދިންނަށް ޚާއްޞަކޮށް އާންމު ޤަވާއިދުތަކެއް ކަނޑައަޅާނަމެވެ. ޤަވާއިދުތައް ހެދިފައި ވާނީ ވަކި ކުއްޖަކަށް ބޭއިންސާފު ނުވާ ގޮތަށެވެ. މިގޮތުން ގެންގުޅޭނެ ބައެއް އާންމު ޤަވާއިދުތައް ތިރީގައި އެވަނީ އެވެ.
1.      ކުލާސްތެރޭގައި ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކަށް ކަނޑައެޅިފައިވާ ގޮނޑި މޭޒު ބޭނުން ކުރުން.
2.      އެހެން ކުއްޖެއްގެ އެއްޗެއްގައި އަތްލައި ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި އެ ކުއްޖާގެ ހުއްދަ ހޯދައިފައި ނޫނީ ބޭނުން ނުކުރުން.
3.      ކުލާހުގައި ކިޔަވައިދޭ ގަޑީގައި ނުވަތަ އޮޅުންފިލުވައިދޭ ވަގުތުތަކުގައި އެއްވެސް ގޮތަކަށް ވާހަކަ ނުދެއްކުން.
4.      ސުވާލެއް ކުރަން ބޭނުން ޖެހިއްޖެ ނަމަ، އަތްމައްޗަށް ހިއްލުމަށްފަހު ފުރުޞަތު ލިބުމުން ވާހަކަ ދެއްކުން.
5.      ކުލާހަށް ބޭނުން ނުވާ ނުވަތަ އެއްވެސް ފިލާވަޅަކާއި ގުޅުން ނެތް ތަކެތި ކުލާހަށް ނުގެނައުން.
6.      ފެން ބުއިން ފިޔަވައި، ކެއިން ބުއިމުގެ އެއްވެސް ޢަމަލެއް ކުލާހުގައި ނުހިންގުން.
7.      މުދައްރިސެއްގެ ހުއްދަ ނުލިބި ކުލާހުން ބޭރަށް ނުދިއުން.
8.      ކުދިން ކުލާހުން ބޭރަށް ދިއުމަށް ބޭނުންވެއްޖެ ނަމަ، ފަހަރަކު ކުއްޖަކު ކުލާހުން ބޭރަށް ފޮނުވުން.
9.      ކުލާސްތެރެ އަށް ކުނި އަޅައި ހަޑި ނުކުރުން.
10.  ކުލާހުގެ ފާރުތަކާއި ފަރުނީޗަރު އަދި ކުލާހުގައި ހުންނަ ތަކެއްޗަށް ހެއްލުންދީ ހަޑިވާ ޒާތުގެ އެއްވެސް ޢަމަލެއް ނުހިންގުން.
11.  ކުލާހުގައި އަޑުގަދަވެ، އެހެން ކުދިންނަށް އުނދަގޫވާފަދަ، ފިލާވަޅާއި ނުގުޅޭ ވާހަކަ އެއްގޮތަކަށް ވެސް ނުދެއްކުން.
12.  ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި ނޯޓު ފޮތްތައް ސާފުތާހިރުކޮށް ބެހެއްޓުން.
13.  ޔުނީފޯމު ކޯޑު ފުރިހަމަކޮށްގެން ކުލާހުގައި ތިބުން.
14.  ގޭގައި ނިންމަން ޙަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނުނިންމާ ކުލާހަށް އަންނަ ކުދިން އެ މަސައްކަތް ނިމެންދެން ކުލާހުން ބޭރުގައި ބެހެއްޓުން.
15.  ކުލާހުގައި މުދައްރިސުންނާއި، ކުދިންނާ މުޚާޠަބު ކުރާއިރު ރީތި ބަސްމަގު ބޭނުންކޮށްގެން މުޚާޠަބު ކުރުން.
16.  ކުދިންނަށް ކިޔާ ނަން ނޫން އެހެން ނަންތަކުން ކުދިންނާ އެއްގޮތަކަށް ވެސް މުޚާޠަބު ނުކުރުން.
1 އިން ފެށިގެން 16 އަށް ބަޔާން ކުރެވިފައި އެވޭ ޤަވާއިދުތަކަކަކީ، އަޅުގަނޑު ކިޔަވައިދޭ ކުލާހުގެ ފާރުން ވެސް ފެންނަން ހުންނާނެ ޤަވާއިދު ތަކެވެ. ކުލާހަށް ދާ ފުރަތަމަ ދުވަހު ކުދިން ބޭނުންކޮށްގެން މި ޤަވާއިދުތައް އެކުލަވައިލައި މި ޤަވާއިދުތަކަށް ކުދިން އަހުލުވެރިކޮށް، ކުދިންނަށް ހަނދުމަ ކޮށްދިނުމަށްފަހު، ދެ ވަނަ ދުވަހުން ފެށިގެން ބަރާބަރަށް ޤަވާއިދުތަކަށް އަމަލު ކުރަމުން ގެންދެވޭނެ އެވެ. ކުދިންގެ މަސައްކަތް ކުރާ ފޮތުގެ އެންމެ ފުރަތަމަ ޞަފުޙާގައި ވެސް ޤަވާއިދުތައް ފެންނާނެ ހެން ތަތް ކުރެވޭނެ އެވެ.
ހަމައެކަނި ޤަވާއިދުތަކެއް ހެދުމަކީ އަދި ކާމިޔާބު ކަމަކަށް ނުވާނެ އެވެ. ކާމިޔާބު ވާނީ އެ ޤަވާއިދުތަކަށް ބަރާބަރަށް ޢަމަލު ކުރަމުން ގެންދިއުމުން އެދެވޭ ނަތީޖާއެއް ނުކުންނަކަމުގައި ވާނަމަ އެވެ. ޤަވާއިދަކީ ކުދިންނަށް އަދަބު ދޭން ހަދާ އެއްޗެއް ނޫންކަމާއި، އެއީ ކުދިންގެ ސުލޫކު ރަނގަޅު ކުރުމަށާއި، އެކަށޭނަ މާހައުލެއް ބިނާކުރުމަށް ހެދޭ އެއްޗެއްކަން ކުދިންނަށް އަންގައިދޭންވާނެ އެވެ. އަޅުގަނޑު ކިޔަވައިދޭ ކުލާސްތަކުގައި ވަކި ކުއްޖަކަށް ތަފާތު ކުރުމެއްނެތި މި ޤަވާއިދުތަކަށް ބަރާބަރަށް ޢަމަލު ކުރަމުން ގެންދަން ވަރަށް ބޮޑަށް މަސައްކަތް ކުރާނަމެވެ. ނަރެއްހާ ތަން ދޫކޮށްލައިފިއްޔާ ކެނބެއްހާ ތަން ދަމައިގަންނާނޭ ބުނާ ފަދައިން ކުޑަކުޑަ ދުލެއް ދިން ކަމުގައިވީ ނަމަވެސް، ކުދިން ނަގާނެ ނާޖާއިޒް ފައިދާ މާ ބޮޑުވާނެ އެވެ. އެހެންކަމުން މިކަމަކީ، ހުރިހާ ޓީޗަރުން ވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.
އުނގަންނައިދިނުމުގެ ތަފާތު ގޮތްތައް:
އަޅުގަނޑަށް ތަޖުރިބާ ކުރެވިފައި ވާގޮތުން ވަރަށް ޝާމިލު ކުލާސްރޫމެއްގައި އުނގަންނައި ދިނުމުގައި ބިހޭވިއަރަލް ތިއަރީ އާއި، މޯޓިވޭޝަން ތިއަރީ އާއި، ކޮންސްތްރަކްޓިވިޒަމް ތިއަރީ އަދި ސޯޝިއަލް ކޮގްނެޓިވް ތިއަރީގެ ބޭނުން އެކަށޭނަ ޙާލަތުގައި ހިފިދާނެ ކަމުގައި އާމިނަތު ޝާފިޔާ އާދަމް (2011) ބަޔާންކުރައްވާފައިވެ އެވެ. އެއިރުން ވަރަށް ޝަމިލު ކުލާހަކަށް ކުލާހުގެ މާހައުލު ހެދުމަށް ވަރަށް ބޮޑަށް މަގުފައިގެން ދާނެ އެވެ.
ބިހޭވިއަރަލް ތިއަރީގެ ބޭނުން ހިފަންޖެހޭނީ ދަރިވަރުންގެ ސުލޫކު ރަނގަޅު ކޮށްގެން ކުލާސް އިންތިޒާމު ކުރަންޖެހޭ ހާލަތްތަކުގަ އެވެ. ބިހޭވިއަރަލް ތިއަރީ ބުނާ ގޮތުގައި އުނގެނުމަކީ، އެކަން ބޭރު ފުށުން ހާމަވުމާއެކު ބަލައި މޮނީޓަރ ކުރެވޭ ކަމެކެވެ. އެހެންކަމުން، މިކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ، ނޭދެވޭ ކަމެއް ކުލާސްރޫމުގެ ތެރެއިން ފާހަގަ ކުރާނީ އެވެ. އެއަށްފަހު، އެކަން ދިމާވަނީ ކީއްވެގެން ކަމާއި އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ހޯދައި ބަލާނީ އެވެ. އެއަށްފަހު ސުލޫކަށް ބަދަލު ގެންނަށް މަސައްކަތް ކުރާނީ އެވެ. ތިން ގޮތަކަށް މި ބަދަލު ގެނެވިދާނެ އެވެ. އެއް ގޮތަކީ، އެކަން ދިމާވި ސަބަބަށް ބަދަލު ގެނައުމެވެ. ސަބަބު ނައްތައިލުމެވެ. ނޫންނަމަ، އެކަން ތަކުރާރު ވުމުގެ ފުރުޞަތު ކުޑަ ކުރުމެވެ. ދެ ވަނަ ކަމަކީ ދަރިވަރުން ހިންހަމަޖެހޭ ކަމެއް އިތުރު ކުމެވެ. ތިންވަނަކަމަކީ، އެމީހުން ވުމަށް ބޭނުން ނުވާ ކަމެއް ނަމަ އެކަމެއް މަދުކުރުމަށް ރޭވުންތެރިކަމާއެކު ހިފަހައްޓަމުން ގެންދިއުމެވެ. އެއަށްފަހު ގެނައި ބަދަލާއި މެދު ވިސްނައި، އެ ބަދަލު ރަނގަޅުތޯ ބަލައި މޮނިޓަރ ކުރަމުން ގެންދާނީ އެވެ. ދެން ވިސްނަންޖެހޭ އަނެއް ކަމަކީ އުނގެނުމަށް އުނދަގޫ ބައެއް ސުލޫކު ލަސްލަހުން އުނގަންނައިދިނުމަށް މަސައްކަތް ކުރުމެވެ. އެހެންނޫނީ ކާމިޔާބު ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ، އުނގެނުން ފާހަގަ ކުރެވެނީ އެކަމެއް ކުރުމުން ބާރުފޯރުވާ ކަންތަކުގެ ނުވަތަ ސްޓިމިޔުލީ އެއްގެ އަސަރުގެ ނަތީޖާ ނުވަތަ ރެސްޕޯންސް އިން ހާމަވާ ކަމެއްގެ ގޮތުގަ އެވެ. 
މި ތިއަރީ ބުނާ ގޮތުން ތަރުޙީބު ދީގެންނާއި އަދަބު ދީގެންވެސް ކްލާސް އިންތިޒާމު ކުރެވިދާނެ އެވެ. ތަރުޙީބު ދީގެން ކްލާސް އިންތިޒާމު ކުރާނަމަ، ދަރިވަރާއި މުދައްރިސާ ދެމެދު އެއްބަސްވާ ގޮތަކަށް ކުލާހުގެ ކަންކަން ކުރިއަށް ގެންދެވިދާނެ އެވެ. ހަމައެއާއެކު ތަރުޙީބު ލިބޭ ފަދަ ވާހަކަތައް ކުލާހުގައި ދެއްކިދާނެ އެވެ. މިސާލަކަށް ކުދިންގެ މަސައްކަތްތައް ނިމުމުން ކުދިން ޝައުޤުވެރިވާ ކޮންމެވެސް ކަމެއް ކުރުމަށް ފުރުޞަތު ދެވިދާނެ އެވެ. ގްރޫޕުގައި ކުރާ މަސައްކަތެއް ނަމަ، ގުރޫޕުގެ ހުރިހާ ކުދިން މަސައްކަތް ނިންމުމުން ރިވާރޑެއް ދެވިދާނެ އެވެ. ނުވަތަ އެއް ކުއްޖަކު ނިންމުމުން ހުރިހާ ކުދިންނަށް ރިވާރޑެއް ލިބޭ ގޮތަށް ވެސް ހެދިދާނެ އެވެ. ހަމައެއާއެކު، އަދަބުދޭ ކަމަށް ވާނަމަ، މާޙައުލުން ހިތްވަރުލިބޭ އެއްޗަކުން ނުވަތަ ކަމަކުން ކުދިން މަޙުރޫމު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ހަމައެއާއެކު، ކުއްޖެއްގެ ފަރާތުން ކުދިމަތިވި ކަމެއް ނަމަ، އެ ކުއްޖަކު ކުރި ކަމެއް އެ ކުއްޖަކު އަމިއްލައަށް ރަނގަޅު ކުރުމަށް ވެސް ބާރު އެޅިދާނެ އެވެ. މިސާލަކަށް ޑެސްކުގައި ލިޔެފިނަމަ، އެއީ އެކަމުގައި އެ ކަން ކުރި ކުއްޖަކު ޒިންމާ ވާންޖެހޭނެ ކަމެކެވެ. އެފަދަ ކަންތައް މަދު ކުރުމަށްޓަކައި އެ ކުއްޖާއަށް އެ ލިޔުނު އެއްޗެއް ފުހެން ޖެއްސިދާނެ އެވެ. ހަމައެއާއެކު، ކުދިން ކުރާހިތްވާ ކަމަކުން ދުރު ކުރާ ކަހަލަ އަދަބެއް ވެސް ދެވިދާނެ އެވެ. މި ގޮތަށް ހިފެހެއްޓިއްޖެ ނަމަ ކުދިން ޝާމިލުވާ މިންވަރު އިތުރު ކުރެވޭނެކަން ތަޖުރިބާއިން އެނގެ އެވެ.
ޝައުޤުވެރިކަމާއި ގުޅޭ ތިއަރީގައި ބުނާފަދައިން ނޭދެވޭ ސުލޫކުން ދަރިވަރު ދުރުކުރުމަށްޓަކައި ކުލާސްރޫމުގައި ޝައުޤުވެރިކަން އިތުރުވާފަދަ ކަންތައްތައް ރާވައިގެން ކުރިއަށް ގެންދިއުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މި ގޮތުން ބާލާއިރު، ކުލާސްރޫމުގައި ދެވޭ ޙަރަކާތްތަކަކީ، އެ ކުދިން ބޭނުންވާ ގޮތަށް ނުރޭވޭ ޙަރަކާތްތަކަކަށް ވާނަމަ އަމިއްލައަށް ބޭނުންވާ ކަމެއް ކުދިން ކުރެ އެވެ. އޭގެ ސަބުބުން މުދައްރިސްގެ ކޮންޓްރޯލް ގެއްލޭގޮތް ވެ އެވެ. ވީމާ، ކުދިންގެ ސުލޫކަށް ބަލައި ބަދަލު ކުރެވިދާނެ މަޖާ ގޮންޖަހައިލެވޭ ފަދަ ޖޯޝް ހުރި ގޮތަކަށް އުނގެނުމުގެ ޙަރަކާތް ބަދަލު ކުރުމަކީ ކުލާހުގައި އެހެނިހެން ބޭކާރު ކަންކަން ކުރުމަށް ދަރިވަރުންނަށް ފުރުޞަތު މަދުވާނެ ކަމެކެވެ.
ކުދިންގެ ފަރާތުން ފެންނަ ނޭދެވޭ ކަންތައްތައް މެނޭޖު ކުރުމަށްޓަކައި އެ ކުދިންނަށް ދެވޭ އިރުޝާދަކީ ދަރިވަރުންގެ ބޭނުންތަކާއި ގުޅިފައިވާ ކަންކަމަށް ހެދުން ވެސް އެއީ ކުރެވިދާނެ މުހިންމު ކަމެއް ކަމަށް އެޑްވާޑް ސީ އެޗް (1997) ހާމަކުރައްވާފައި ވެ އެވެ. ސަބަބަކީ ދަރިވަރުންނަށް އެ ކުދިންގެ މަފްސާނީ ބޭނުންތައް ނުފުދޭ ނަމަ، ފިލާވަޅުގައި ބައިވެރި ވާން އުނދަގޫ ވާނެތީ އެވެ. މާސްލޯ އާއި ގްލޭސަރ ހާމަކޮށްފައިވާ ފަދައިން ކުދިންނަށް މުހިންމު ފަސް ކަމެއް ފުރިހަމަ ވާންޖެހެ އެވެ. މި ގޮތުން ފުރަތަމަ ކަމަކަށް ގްލޭސަރ ފާހަގަ ކޮށްފައިވަނީ ދިރި ހުރުމަށް ބޭނުން ވުމެވެ. ދެ ވަނަ ކަމަކަށް ބަޔަކާއި ގުޅުން ބޭއްވުމާއި އެމީހުންގެ ލޯބި ލިބުމެވެ. ތިން ވަނަ ކަމަކަށް، މާޖާ ކުރަން ބޭނުން ވުމެވެ. ހަތަރު ވަނަ ކަމަށް ބާރު އަދި ފަސް ވަނަ ކަމަކަށް އޭނާ ފާހަގަ ކޮށްފައިވަނީ މިނިވަންކަމަށް ބޭނުން ވުމެވެ. އެހެންކަމުން މި ފަސް ކަންތައް ޙާޞިލު ކުރެވޭ ގޮތަށް ފިލާވަޅުތައް ރޭވުމަކީ ޝާމިލު ކުލާސްރޫމަކަށް ކޮންމެހެން ބޭނުންވާނެ ކަމެކެވެ.  ހަމައެއާއެކު، ކަނޑައެޅިގައިވާ ލަނޑުދަނޑިއަކީ ކުރު މުއްދަތެއްގެ ތެރޭގައި ޙާޞިލު ކުރެވޭ ފަދަ ވަކި ޚާއްޞަ ލަނޑުދަނޑިތަކަކަށް ވެފައި އެއީ ކުދިންނަށް ޤަބޫލު ކުރެވޭ ލަނޑުދަނޑިތަކަކަށް ވާނަމަ ދަރިވަރުން ޝައުޤުވެރިވާ މިންވަރު އިތުރު ވެ އެވެ. ހަމައެއާއެކު، ދަރިވަރުންގެ ލެވެލް އަށް ބަލައި، ގިނަ ފުރުޞަތުތައް ލިބޭ ގޮތަށް ޖޯޝް އުފައްދާ ގޮތަށް ފިލާވަޅުތައް ރޭވޭ ނަމަ، ވެސް ޝާޢުޤުވެރިވާ މިންވަރު އިތުރު ވާނެ އެވެ.
ބައެއް ޙާލަތްތަކުގައި ދަރިވަރުންނަކީ، އެމީހުންގެ އުނގެނުމުގަ އާއި ކްލާސްރޫމުގެ ކަންތައްތައްތައް މެނޭޖު ކުރުމުގެ ޒިންމާ އަދާކުރަން ބޭނުންވާ ބައެކެވެ. މުދައްރިސާއި ދަރިވަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ޖޯންސް، ވީ އާއި ޖޯންސް އެލް (2007) ބަޔާންކޮށްފައި ވެ އެވެ. އެހެންކަމުން ކޮންސްޓްރަކްޓިޒަމް ތިއަރީގައި ބުނާ ފަދައިން، ކުދިންނަށް ވެސް ބާރުތަކެއް ދިނުމަކީ ޝާމިލު ކުލާސްރޫމަކަށް ވަރަށް ހަރުދަނާ ފިޔަވަޅަކަށް ވާނެ އެވެ. މިގޮތުން ކުލާހުގައި ދަރިވަރުންގެ ވިސްނުން ދަރިވަރުން އަމިއްލައަށް ބިނާކުރުމަށް ފުރުޞަތު ދެވިދާނެ އެވެ. ޤަވާއިދު ކަނޑައެޅުމުގައާއި މައްސަލަ ޙައްލު ކުރުން ފަދަ ކަންކަމުގައި އަމިއްލަ އަށް ގޮތް ނިންމުމުގައި ކުދިންނަށް އިޚްތިޔާރު ދެވިދާނެ އެވެ. މުދައްރިސްގެ ދައުރަކަށް ވާންވާނީ، ދަރިވަރުން އަމިއްލަ އަށް ކަނޑައަޅާ ޤަވާއިދުތަކާއި ނިންމާ ގޮތްތައް އަމިއްލަ އަށް ތަފްފީޛު ކުރޭތޯ ކައިރިން ބެލުމެވެ. މި ތިއަރީއާ ދާދި އެއް ގޮތަށް ސޯޝަލް ކޮންސްޓްރަކްޓިވް ތިއަރީ ގައި ބުނާ ގޮތަށް، އަމިއްލަ އަށް ގޯލް ކަނޑައެޅުމާއި، އަމިއްލަ އަށް މޮނީޓަރ ކުރުމާއި، އަމިއްލަ އަށް ހިތްވަރުދީ ބާރު އެޅުމާއި، އަމިއްލައަށް މަގުދައްކައި ކިޔައިދިނުން ފަދަ ކަނަކަމުގައި ވެސް ކުދިންނަށް ބާރު ދިނުމަކީ ޝާމިލު ކުލާސްރޫމެއް ޤާއިމު ކުރުމަށް ނުހަނު ޑިމޮކްރެޓިކް އުޞޫލުން ކުރެވިދާނެ ކަންކަން ކަމުގައި އާމިނަތު ޝާފިޔާ އާދަމް (2011) ހާމަކުރައްވާފައި ވެއެވެ.
މިފަދަ އުކުޅުތަކެއް އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރެވޭނަމަ، ހަމަ ޔަޤީނުން ވެސް ކުދިން ޝާމިލުވާ އުނގެނުމުގެ ވެށްޓެއް ޤާއިމު ކުރެވޭނެ އެވެ. އެއިރުން ކުދިން ހިތްހަމަޖެހުމާއެކު ބޯލަނބައި ކިޔަމަންތެރިކަން އަދާކުރާނެ އެވެ. އެއިރުން ކުދިންނަށް ވެސް އެ ކުދިންނަކީ ބޭނުންތެރި ބައެއްކަން ވަރަށް ބޮޑަށް ޔަޤީން ކުރެވޭނެ އެވެ.
ވަޒަން ކުރުން:
ވަރަށް ޝާމިލު ކުލާސްރޫމެއް ޤާއިމު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ހިއްސާ ކުރެވިއްޖެ ކަމަށް ޤަބޫލު ކުރަމެވެ. ނަމަވެސް މަސައްކަތެއް ފެށުމަށްފަހު އެ ކަމެއް ކުރިއަށް ދަނީ ކާމިޔާބު ކަމާއެކުތޯ ބެލުމަށްޓަކައި ވަޒަން ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މި ކަނޑައެޅުނު ޕްލޭނާ އެއްގޮތަށް ކުރިއަށް ދޭތޯ ބެލުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. އެންމެ ފުރަތަމަ އަމިއްލަ ތިއަރީ ކުލާސްރޫމުގައި މަސައްކަތް ކުރަނީ ކޮން ގޮތަކަށްތޯ ބެލުމަށްޓަކައި އެ ގޮތްތައް ތަޖުރިބާ ކުރުމަށްފަހު ހުރި މައްސަލަތައް ނޯޓުކޮށް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނީ އެވެ. އެއަށްފަހު ކުލާސްރޫމުގެ މާޙައުލަކީ އެކަށީގެންވާ މާހައުލަކަށް ހެދުމަށްޓަކައި ފާހަގަ ކޮށްފައިވާ ނުކުތާތައް ކުލާހުގައި ތަންފީޛު ކުރަމުން ގެންދާނީ އެވެ. އެއަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ، ބަދަލު ގެންނަމުން ގެންދާނީ އެވެ. މިގޮތަށް ކުރާ މަސައްކަތުން ހިތްހަމަޖެހޭ މިންވަރަށް ކުލާސްރޫމުގެ މާޙައުލު ބަދަލު ކޮށްލެވުމުން، ދަރިވަރުންގެ ސުލޫކު ވަކި ގޮތަކަށް ބައްޓަން ކުރުމަށް ކުރާ މަސައްކަތަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ އެވެ. މިގޮތަށް މަސައްކަތް ކުރާއިރު ބޮޑަށް ބާރުއަޅާނީ ގްލޭސަރގެ ކޮންޓްރޯލް ތިއަރީގައި ބުނާ ގޮތަށް ސުލޫކު ބައްޓަން ކުރުމަށެވެ. ހަމައެއާއެކު، އަޅުގަނޑު ޤަބޫލުކުރާ އުސޫލުތަކާއި، ޤަވާއިދުތައް ކުލާހުގައި ތަންފީޛު ކުރެވެމުންދާ މިންވަރު ވެސް ކޮންމެ ދުވަހަކު ބަލައި މޮނީތަރ ކުރެވޭނެ އެވެ. މި ކަމުގައި އެހެން ޓީޗަރުންނާއި، ލީޑިންގ ޓީޗަރުންގެ އެހީތެރިކަން ވެސް ހޯދަމުން ގެންދެވޭނެ އެވެ. ހަމައެއާއެކު، އިސްވެ ބަޔާން ކުރެވުނު އުނގަންނައިދިނުމުގެ ތަފާތު ގޮތްތައް ކުލާހުގައި ބަރާބަރަށް ކުރިއަށް ގެންދިއުމަށް ބާރު އެޅޭނެ އެވެ. ކުދިން ޝާމިލު މާޙައުލެއް ޤާއިމު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ޕްލޭނާ އެއްގޮތަށް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދެވޭނެ އެވެ.
      ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޛު ކުރަމުން ދާއިރު އެއްވެސް ވަރަކަށް ދޫ ނުދީ ބަރާބަރަށް ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅަމުން ގެންދިއުމަށް ވަރަށް ބޮދަށް އިސްކަން ދެވޭނެ އެވެ. އެހެނީ، ދޫ ދޭން ފަށައިފި ނަމަ އަތްދަށުން ވަރަށް އަވަހަށް ކޮންޓްރޯލް ގެއްލިގެން ހިނގައިދާނެ އެވެ. އެހެން ވެއްޖެ ނަމަ މުޅި ޕްލޭން ފެއިލް ވާނެ އެވެ.
ނިންމުން:
އުންގަންނައިދިނުމުގެ މާޙައުލުގައި ޙަރަކާތްތެރިވާ ކޮންމެ މުދައްރިސަކު ވެސް މި ފަދަ ޕްލޭނެއް ހަދައިގެން ކުރިއަށް ގެންދިއުމަކީ އުނގަންނައިދިނުން ކާމިޔާބު ކުރުމަށްޓަކައި ކުރެވޭނެ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ، އުނގަންނައިދޭ މާހައުލެއްގައި ހިނގާ ގާތްގަނޑަކަށް ހުރިހާ ކަމެއް ޕްލޭނެއްގައި ހިމެނޭތީ އެ ކަންކަމަށް ރިޔާއަތްކޮށް ކުދިންގެ ސުލޫކު ބަދަލުކޮށް ކުދިންގެ ޝާމިލުކަން ބޮޑު އުނގެނޭ މާޙައުލެއް ޤާއިމު ކުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާނެތީ އެވެ. އެއިރުން ދަރިވަރުން ހިތްހަމަޖެހިގެން ބޭނުންވާ އެދެވޭ މަންޒިލަށް ވާސިލު ވުމަށް މަސައްކަތް ކުރެވޭ އަދި ބެލެނިވެރިންގެ ތަޢުރީފާއި ފުރިހަމަ އެއްބާރުލުން ލިބޭ ކާމިޔާބު އުނގެނުމުގެ ވެށްޓެއް ޤާއިމު ކުރެވޭނެ އެވެ. މުދައްރިސުންނަށް ވެސް ހިންހަމަޖެހުމާއެކު މާޙައުލުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ބޮޑުވެގެން ދާނެ އެވެ.

ރިފަރެންސް ލިސްޓު:
އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ، ސްތަޑީ ގައިޑް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
އެޑްވާރޑް، ސީ.އެޗް. (1997). ކްލާސްރޫމް ޑިސިޕްލިން އެންޑް މެނޭޖްމެންޓް (2 ވަނަ އެޑިޝަން). ނިޔު ޖަރޒީ: މެރިލް ޕްރެންޓިސް ހޯލް.

ޖޯންސް، ވީ. އެންޑް ޖޯންސް، އެލް. (2007). ކޮމްޕްރިހެންސިވް ކްލާސްރޫމް މެނޭޖްމެންޓް ( 8 ވަނަ އެޑިޝަން). ބޮސްޓަން: ޕިއަރސަން.

3 comments:

  1. ވަރަށް މުހިއްމު ލިޔުމެއްކަމަށް ދެކެން

    ReplyDelete
  2. ކޯސް ކިޔަވާ ކިޔަވާ ކުދިންނަށް ވަރަށް ބޭނުންތެރި ލިޔުމެއްކަން ފާހަގަ ކުރެވެއެވެ.

    ReplyDelete
  3. ވަރަށް ފުރިހަމަ ލިޔުމެއް

    ReplyDelete