Monday

އަހަރެންގެ ކޮފީގެ ކްރީމަކީ ކަލާ އެވެ. މިއީ ބޭނުންތެރި ދޮގުގެ ޖުމުލައެކެވެ.

ލިޔުނީ: މޫސާ މާހިރު


ފެށުން:  
ބަހަކީ ލަފުޒުތަކަކާއި އެ ލަފުޒުތަކުން ރިޢާޔަތްކުރާ މާނައިގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ބަހެއްގައި އެކުލެވޭ ހުރިހާ ލަފުޒުތަކެއް ކިތަންމެ ރަނގަޅަކަށް ވެސް ދަސްކުރެވިދާނެ އެވެ. އެހެންނަމަވެސް، އެލަފުޒުތައް އެކިއެކި ތަރުތީބުން އަތުރައިގެން ތަފާތު މާނަ ނެރެވެނީ ކިހާ މިންވަރަކަށް ކަން އެއްވެސް މީހަކަށް ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. އެއް ލަފުޒުތަކެއް ތަފާތު ގޮތްގޮތަށް އަތުރައިގެން އެތައް ގޮތަކަށް މާނައިގެ ނަތީޖާ ނެރެވިދާނެ އެވެ.
ޒަމާނާއެކު އިންސާނުން ވާހަކަދައްކާ ބަސްބަހަށް ބަދަލުއައުމަކީ، ބަހަށް ލިބިގެންވާ ތަބީޢީ ސިފައެކެވެ. ބަހުގެ ދިރާސާތަކުން ދައްކާގޮތުގައި، ބަސްބަހުގެ އެންމެ ބޮޑު ރައުސްމާލު ކަމުގައި ހިމެނޭ ލަފުޒުތަކާއި އެ ލަފުޒުތަކުން ރިޢާއަތްކުރާ މާނައަށް ބަދަލު އަންނަމުންދެ އެވެ. މިގޮތުން ދުނިޔޭގެ ނިސްބަތުން މަދު ބަޔަކު (ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުން) ވާހަކަދެއްކުމުގައި ބޭނުންކުރާ ދިވެހިބަހުގެ ބައެއް ލަފުޒުތަކާއި އެލަފުޒުތަކުގެ މާނައަށް ވެސް ޒަމާނާއެކު ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރެވެ އެވެ.
ދުނިޔޭގެ އެހެނިހެން ބަސްބަހެކޭ އެއްގޮތަށް ދިވެހި ބަހުގައި ވެސް ތަފާތު އެކި ޙާލަތާ ގުޅުވައިގެން މާނަ ދޭހަ ކުރުމަށްޓަކައި ބަހުގެ ލަފުޒުތައް ތަފާތު ޙާލަތްތަކުގައި ބޭނުންކުރާކަން ފާހަގަ ކުރެވެ އެވެ. ޢަބްދުﷲ ޞާދިޤު 2010 (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް)  ހާމަކުރައްވާ ގޮތުގައި، ދިވެހި ބަހުގައި އެކުލެވޭ ލަފުޒުތައް ތަފާތު ޙާލަތްތަކާއި ގުޅުވައިގެން ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭކަމީ،  ދިވެހިބަހަށް ލިބިފައިވާ މުއްސަނދިކަން ހާމަކޮށްދޭ ކަމެކެވެ.
މި މުޅި އެސައިންމެންޓު ބިނާކޮށްފައި ވާނީ، [ބޭނުންތެރި ދޮގުގެ ޖުމުލައެއް] ކަމަށްވާ [އަހަރެންގެ ކޮފީގެ ކްރީމަކީ ކަލާ އެވެ.] މި ޖުމުލައިގެ މައްޗަށެވެ. މިގޮތުން ސެމޭންޓިކްސްގެ ދާއިރާއިން ލިބިފައިވާ [އެކަޑަމިކް] މަޢުލޫމާތުގެ އެހީގައި،  މި ޖުމުލައިގެ ސެމޭންޓިކް މާނައާމެދު އެއްބަސްވެ، އެއްބަސްވި ސަބަބު ހާމަކޮށްދިނުމަށް ދައްކާފައިވާ ހެކިތަކާއި ސަބަބުތަކަށް މި އެސައިންމެންޓުމުގައި ބަލައިލެވިފައި ވާނެ އެވެ.
ޑޭޓާ އެއްކުރިގޮތް
މި އެސައިންމެންޓު ހެދުމަށްޓަކައި ތަފާތު އެކި ގޮތްގޮތަށް މަޢުލޫމާތު އެއްކުރެވިފައި ވާނެ އެވެ. މިގޮތުން [އަހަރެންގެ ކޮފީގެ ކްރީމަކީ ކަލާއެވެ.] މި ޖުމުލަ ތަފާތު މީހުންނާ ހިއްސާކޮށް އެކި މީހުންގެ ޚިޔާލު ހޯދައި، މިއީ ޤަބޫލު ކުރެވޭ ނުވަތަ ޤަބޫލު ނުކުރެވޭ ޖުމުލައެއްތޯ ބެލުމަށް އެކި މީސްމީހުންގެ ޚިޔާލުގެ އަލީގައި ޖުމުލަ ދިރާސާ ކޮށްފައި ވާނެ އެވެ. މިގޮތުން ސްކޫލުތަކުގައި ތަޢުލީމު ޙާޞިލްކުރާ ފަސް ކުދިންނާއި، މަތީ ތަޢުލީމަށް ކިޔަވާ ފަސް ކުދިންނާއި، ދިވެހިބަސް ކިޔަވައިދެއްވުމުގައި ޙަރަކާތްތެރިވާ ފަސް ބޭފުޅުންނާއި، ދިވެހި ބަހުގެ ޑިގުރީ ހައްދަވާފައިވާ 5 ބޭފުޅުންނާއި، ދިވެހި ބަހުގެ އުސްތާޛުންގެ ތެރެއިން ފަސް ބޭފުޅަކާއި ބައްދަލުކޮށް ޚިޔާލު ހޯދާފައި ވާނެ އެވެ. ހަމައެއާއެކު، އިސްވެ ދެންނެވުނު ފަދަ [ބޭނުންތެރި ދޮގުގެ] ޖުމުލަތައް ބޭނުންކޮށްފައި ވޭތޯ  ބެލުމަށް ދިވެހިބަހުން ލިޔެވި ޗާޕުކޮށްފައިވާ ބައެއް ކުރު ވާހަކަ ތަކާއި ދިގު ވާހަކަތައް ވެސް ކިޔާފައި ވާނެ އެވެ. އޭގެ ތެރޭގައި އިބްރާހިމް ހުސައިންމަނިކުގެ ކުރުވާހަކަތައް 1، 2 އަދި ވަޙީދުގެ ކުރުވާކަތަކާއި، ބިންމާ އިބްރާހިމް ވަޙީދުގެ ކުރުވާހަކަތައް ހިމެނެއެވެ. ޑޭޓާ އެއްކުރަން ކުރި މަސައްކަތުން ލިބުނު ނަތީޖާއަކީ، ދިވެހި ބަހުން ވާހަކަދެއްކުމުގަ އާއި، ލިޔުމުގައި ގިނަ ޢަދަދަކަށް [ބޭނުންތެރި ދޮގުގެ] ޖުމުލަތައް ބޭނުންކުރާކަމެވެ.
ޑިސްކަޝަން
އިންސާނުން ވާހަކަދައްކާ ކޮންމެ ބަހެއްގެ ވެސް އެންމެ ބޮޑު ރައުސްމާލަކީ އެ ބަހެއްގައި އެކުލެވޭ ލަފުޒުތަކެވެ. ބަހުގެ ބޭނުން ޙަޤީޤީ މާނާގައި ކުރެވެނީ ނުވަތަ ބަހުގެ ބޭނުންކޮށްގެން މުހުތާދުތައް ދެނެގަނެވެނީ، އެ ލަފުޒުތަކާއި، އެލަފުޒުތައް ގުޅިގެން އުފެއްދޭ ޖުމުލަތަކުގެ ޒަރީއާއިންނެވެ. ބަހެއް އެނގުމަކީ، އެ ބަހަކުން ދުވަހަކުވެސް ފައުޅުނުކުރާ އައު ޖުމުލަތައް އުފައްދަން އެނގުމާއި، އެފަދަ ޖުމުލައަޑުއިވުމުން މާނަ ދޭހަކުރަން އެނގުން ކަމުގައި ފިނެގަން (1999) ހާމަކުރައްވާފައި ވެއެވެ. ބަހަކުން ވާހަކަދައްކާ ކޮންމެ މީހަކަށް އައު ލަފުޒު އުފެއްދުމަކީ، ފަސޭހަކަމަކަށް ނުވާނެ އެެވެ. އެ ޤާބިލުކަން ލިބޭނީ މަދު މީހަކަށެވެ. އެހެންނަމަވެސް، ބަހަކުން ވާހަކަދައްކާ ކޮންމެ މީހަކަށް ވެސް އައު ޖުމުލަ އުފައްދަން އެނގޭނެ އެވެ. އަދި މިފަދަ ޖުމުލައެއް އިވުމުން އޭގެ މާނަ ވެސް ދޭހަވާނެ އެވެ. މިއީ، ބަހުގެ އުފެއްދުންތެރިކަން ކަމުގައި މަޝްހޫރު ލިންގްއިސްޓެއް ކަމަށްވާ ނޯމް ޗޮމްސްކީއާ ޙަވާލާދެއްވާ މަރްޔަމް ތައުފީޤާ (1996) ހާމަކުރައްވާފައި ވެއެވެ.
ދިވެހިބަހަކީ ވެސް ނުހަނު އުފެއްދުންތެރި ބަހެކެވެ. ދިވެހި [ލަފުޒު ފޮތުގައި] ހިމެނޭ ލަފުޒުތަކުގެ ޢަދަދު މަދު ނަމަވެސް، އެ ލަފުޒުތައް ބޭނުންކޮށްގެން ހައިރާންކުރުވާހާ ޖުމުލަތައް އުފެއްދޭ ކަމުގައި ޢަބްދުﷲ ޞާދިޤު (2011) (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް) ހާމަކުރައްވަ އެވެ. މިގޮތުން ބަލާއިރު، [ތިޔައީ އަހަރެންގެ ސުވަރުގެ އެވެ.]، [ކަލާ ފެނުމުން މަލާއިކަތުން ވެސް ބޭނުންވާނެ އެވެ.]، [ފަތުރުވެރިކަމަކީ ދިވެހި ޤައުމުގެ ރަންބިސްއަޅާ ކުކުޅެވެ.]، މިފަދަ ޖުމުލަ ތަކަކީ ޙަޤީޤަތުގައި ހައިރާންކުރުވާފަދަ ގޮތަކަށް އުފަންވާ އުފެއްދުންތެރި ޖުމުލަތައް ކަމަށާއި، މިއީ އެހާމެ ބޭބުންތެރި ނަމަވެސް ދޮގުގެ ޖުމުލަތައް ކަމުގައި ވެސް ޢަބްދުﷲ ޞާދިޤު (2011) (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް) ހާމަކުރައްވަ އެވެ.
އެހެންކަމުން [އަހަރެންގެ ކޮފީގެ ކްރީމަކީ ކަލާ އެވެ.] މިހެން ބުނެފިނަމަ، މި ޖުމުލަވެސް ވެގެންދާނީ ބޭނުންތެރި ދޮގުގެ ޖުމުލައަކަށެވެ. ޢަބްދުﷲ ޞާދިޤު (2011) (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް) އާއި، ޒާހިޔާ ޒަރީރު (2011) (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް) ވެސް މިކަމާ އެއްބަސް ވެލައްވަ އެެވެ. އެހެންކަމުން ބޭނުންތެރި މި ލަފުޒުގެ މާނައަށް ބަލައިލަން ޖެހެ އެވެ.
ދިވެހި ބަސްފޮތް (2006) ގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، [ބޭނުންތެރި] މި ލަފުޒު ހިމެނީ ބަހުގެ ލެކްސިކަލް ކެޓެގަރީތަކުގެ ތެރެއިން [ނަންއިތުރު]ގެ ތެރޭގަ އެވެ. މި ލަފުޒުގެ ޖުމުލަ ހަތަރު މާނައެއް ބަސްފޮތް (2006) ގައި ބަޔާންކުރައްވާފައި ވެއެވެ. މިގޮތުން މި ލަފުޒުން ރިޢާޔަތްކުރާ ފުރަތަމަ މާނައެއްކަމަށް ބަޔާންކޮށްފައިވަނީ، [މުހުތާދުވާ] މި މާނައެވެ. ދެ ވަނަ މާނައެއްކަމަށް ބަޔާންކޮށްފައިވަނީ، [ހާޖަތްތެރި] މި މާނަ އެވެ. [މުހުތާދުވާ] އަދި [ހާޖަތްތެރި] މި ދެލަފުޒުގެ މާނަކަމަށް ބަސްފޮތުގައި ބަޔާންކޮށްފައިވަނީ ވެސް [ބޭނުންތެރި] އެވެ. ތިން ވަނަ މާނައެއްކަމަށް ބަޔާންކޮށްފައިވަނީ، [ހިތްއެދޭ] މި މާނަ އެވެ. [ހިތްއެދޭ] ގެ މާނައަކީ [ހިތްޖެހުން] [ބޭނުންތެރި] އަދި [ދުނިޔޭގައި އުޅެވުން] ކަމުގައި ބަސްފޮތް (2006) ގައި ބަޔާންކޮށްފައި ވެއެވެ. [ހިތްޖެހުން] މި ލަފުޒުން އަންގައިދޭ ނާމައަކީ، ކުރާހިތްވުން، ޝައުޤު އުފެދުން، ހިތްއެދޭގޮތް ވުން، ބޭނުންވުން ނުވަތަ ލޯބި އުފެދުމެވެ. [ދުނިޔޭގައި އުޅެވުން] މި މާނައިން ދޭހަކޮށްދޭ މާނައަކީ، އަރާމާއި އުފަލުގައި ނުވަތަ ހިތްއެދޭހާ ގޮތަކަށް ދުނިޔޭގައި ދުވަސްތައް ހޭދަކޮށްލުމެވެ. ހަމައެއާއެކު، ހަތަރު ވަނަ މާނައެއްކަމަށް ބަޔާންކޮށްފައި ވަނީ، [ކަމުދާ] މި މާނަ އެވެ.
އެހެންނަމަވެސް، ސުވާލުގައިވާ ޖުމުލަ ބޭނުންތެރި ވަނީ ބަސްފޮތުގައި ބަޔާންކޮށްފައިވާ މާނަތަކުގެ ތެރެއިން އެއްވެސް މާނައެއްގައި ނޫންކަން ފާހަގަ ކުރެވެ އެވެ. އެ ޙާލަތުގައި، ބޭނުންތެރި ޖުމުލައަށް އެ ޖުމުލަ ވަނީ، ކަމެއް ލިބިގަތުމުގެ މާނާގަ އެވެ. ޖުމުލަ ރައްދުވާ މީހާގެ އުޅުން ވަކިގޮތަކަށް ހާނުވައި ކަމަކަށް ސަމާލު ކުރުމުގެ މާނާގަ އެވެ. ނުވަތަ މީހެއްގެ ކިބައިން ދުނިޔަވީ އެދުންތަކެއް ޙާޞިލް ކުރުމުގެ މާނައިގަ އެވެ. ނުވަތަ މީހެއްގެ ދިރިއުޅުމުގައި އެހެން މީހެއްގެ މުހިންމުކަމާއި އޭނާގެ ފަރާތުން އަބަދުވެސް އެހީއާއި މަދަދަށް ބޭނުންވާކަމާއި، އޭނައާއި ނުލާ ދިރިއުޅުމަކީ ދަތި އުނދަގޫ ކަމެއްކަން އަންގައި ދިނުމުގެ މާނާގަ އެވެ.
ޖުމުލަ ދޮގުގެ ޖުމުލައަކަށް ވާ ސަބަބުތަކަށް ދިއުމުގެ ކުރިން ޖުމުލައިގެ [ލިޓްރަލް] މާނައަށް ބަލައިލަން ޖެހެ އެވެ. ޖުމުލައަކީ، ލިޓްރަލް މާނައަކީ، ޖުމުލައިގެ ލަފުޒުތަކުން ފެންނަން އޮންނަ މާނަ އާއި ލަފުޒުތައް އަތުރައިލުމުން ޖުމުލައިން ފެންނަން އޮންނަ މާނަ އެވެ. މިއަށް ރެފަރެންޝަލް މާނައޭ ވެސް ކިއިދާނެ އެވެ. ރެފަރެންޓަކީ، އެ ލަފުޒެއް ބުނުމުން ދުނިޔަވީ ގޮތުން ފެންނަން ހުންނަ އެއްޗެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ]، މިހެން ބުނެވިނަމަ، އެއީ މި ވަގުތު ޗާންސެލަރަކަށް ހުންނެވި ފަރާތެވެ. އެއީ، ޑރ. މުސްޠަފާ ލުޠުފީ އެވެ. ދެން ޖުމުލައަށް ބަލައިލާނަމެވެ. ޖުމުލައަކީ، [އަހަރެންގެ ކޮފީގެ ކްރީމަކީ ކަލާ އެވެ.] މިއެވެ. ދިވެހި ބަސްފޮތް (2006) ގައި ބަޔާންކޮށްފައި ވާގޮތުން، [އަހަރެން] ގެ ލަފުޒީ މާނައަކީ، ބަސް ބުނާ މީހާ ތިމާއޭ ބުނަން ބޭނުންކުރާ ބަދަލު ނަމެކެވެެ. [މަ] ނުވަތަ [އަޅުގަނޑު] މިހެން ބުނުމުގެ މާނާގައި ވެސް [އަހަރެން] ބޭނުން ކުރެވެ އެވެ. ޖުމުލައިގެ ތެރޭގައި [ގެ] ދެލަފުޒަކާއި ގުޅިގެން އައިސްފައި ވެއެވެ. ބަސްފޮތް (2006) ގައި ބަޔާންކޮށްފައިވާ ގޮތުން [ގެ] ތަފާތު ދެ މާނާގައި ބޭނުންކުރެވެ އެވެ. އެއް މާނައަކީ، ނަމެއްގެ މާނަ އެވެ. ދެވަނަ މާބައަކީ، އެއްޗެއްގެ މިލްކުވެރިކަން އަންގައިދިނުމަށް ބޭނުންކުރާ އަކުރެއްގެ މާނަ އެވެ. މި ދެ މާނައިގެ ތެރެއިން ޖުމުލާގައި ގެ ބޭނުން ކޮށްފައިވަނީ، މިލްކުވެރިކަމުގެ އަކުރެއްގެ މާނައިގަ އެވެ. ބަސްފޮތް (2006) ގައި [ކޮފީ]ގެ މާނަކަމަށް ބަޔާންކޮށްފައި ގަހުވަ އެވެ. އެއީ، [ބުން] ނަމަކަށް ކިޔާ އެއްޗެއް މުގުރައިގެން ހަދާފައި ހުންނަ އެއްޗެކެވެ. ޖުމުލާގައި [ކްރީމް] މިއީ އިނގިރޭސި ބަހުގައި ނަމުގެ ކެޓެގަރީގެ ތެރެއަށް ފެތޭ ލަފުޒެކެވެ. ޖުމުލާގައި މި ލަފުޒު މާނަ ކޮށްފައިވަނީ، ކޮފީ މީރުކުރުމަށްޓަކައި އެއަށް އަޅާ ކިރުގެ މާނާގަ އެވެ. ދެން އޮތީ [ކަލާ] މި ލަފުފުގެ މާނަ އެވެ.
[ކަލާ ] މި ލަފުޒަކީ، ދިވެހިބަހުގެ ލެކްސިކަލް ކެޓެގަރީތަކުގެ ތެރެއިން ނަމުގެ ކެޓަގަރީގައި ހިމެނޭ ލަފުޒެއް ކަމަށާއި، އެ ލަފުޒުގެ ޖުމުލަ ތިން މާނައެއް ވާކަމުގައި، ދިވެހި ބަސްފޮތް (2006) ގައި ބަޔާންކުރައްވާފައި ވެއެވެ. ފުރަތަމަ މާނައެއްގެ ގޮތުގައި ބަޔާން ކޮށްފައިވަނީ، [ވެރިމީހާ] އެވެ. މި ލަފުޒުން އަންގައިދޭ މާނައަކީ، އަމުރުވެރިޔާ، ކަމެއްގައި އިސްވެ ހުރި މީހާ ނުވަތަ ތިމާ އެމީހަކަށް ތަބާވާންޖެހޭ މީހާ، މި މާނަތަކެވެ. [ކަލާ] މި ލަފުޒުގެ ދެވަނަ މާނައަކީ، [ސާހިބު] މި އެވެ. [ސާހިބު]ގެ މާނައަކީ، ވެރިމީހާ ނުވަތަ މާތް މީހާ އެވެ. [ކަލާ] ގެ ތިންވަނަ މާއަކީ، [ކަލޭ] އެވެ. [ކަލޭ] މި ލަފުޒަކީ ތިމާ އެމީހަކާ ވާހަކަދައްކާ މީހަކަށް ނިސްބަތް ކުރުމަށް ބޭނުންކުރާ ބަދަލު ނަމެއްގެ މާނާގައި ދެ ޖިންސުގެ މީހުންނަށް ވެސް ނިސްބަތްކޮށް ބޭނުންކުރާ ނަމެކެވެ.
އެހެންކަމުން، ޖުމުލައިގައި ހިމެނޭ ވަކިވަކި ލަފުޒުތަކުގެ ލިޓްރަލް ނުވަތަ ލަފުޒީ މާނައަށް ބަލާއިރު، ޖުމުލައިން ފެންނަންއޮތް މާނަ ނުވަތަ ލަފުޒީ މާނައަކީ، [އަހަރެން] ނަމަކަށް ކިޔާ މީހަކު، ބޭނުން ކުރާ އެއްޗެއް ކަމަށްވާ [ކޮފީ] ނަމަކަށް ކިޔާ ދިޔާ އެއްޗެއްގެ [ކްރީމް] ނުވަތަ އޭގައި އެކުލެވޭ ކިރަކީ، [ކަލާ] ކިޔާ އެއްޗެއް ކަމެވެ. އެހެންވީމާ، ޖުމުލައިން ފެންނަން އޮތް މާނައިން ދޭހަވަނީ، [އަހަރެން] އަށް [ކޮފީ]ގެ ރަހަ [މީރު] ވަނީ [ކަލާ] ނަމަކަށް ކިޔާ [ކްރީމް]އެއް އެކުލެވިގެން ކަމެވެ. އިސްވެ ދެންނެވުނު ލަފުޒުތަކުގެ އަދި ޖުމުލައިގެ ލިޓްރަލް މާނައަށް ބަލާއިރު ޖުމުލައަކީ ލިބިފައިވާ ދުނިޔެވީ މަޢުލޫމާތުން އެނގޭ ގޮތުގައި ޙަޤީޤަތާ ޚިލާފު ދޮގުގެ ޖުމުލައެވެ.
ޖުމުލަ ދޮގުގެ ޖުމުލައަކަށް ވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. މިކަން ބެލުމަށްޓަކައި، [އިންޓަރ ޑިޕެންޑެންސީ އޮފް ޓްރުތް ކޮންޑިޝަނަލިޓީ] އަށް ބަލަން ޖެހެ އެވެ. އާމިނަތު ޢަލީ (2001) ހާމަކުރައްވަފައިވާ ގޮތުގައި، މިއީ ޖުމުލައިގެ މާނައާއި ޙަޤީޤަތާ ހުރީ ކޮން ގުޅުމެއްތޯ ބެލުމެވެ. ޓްރުތް ކޮންޑިޝަން ތިއަރީގެ ޢިލްމުވެރިން ހާމަކުރާ ގޮތުގައި، މި ތިއަރީގައި މައިގަނޑު ގޮތެއްގައި ބަލާނީ ޖުމުލައަކުން ދޭހަވާ މާނައާ އެ މާނައިގެ ތެދު ދޮގު ގުޅިފައިވާ ގުޅުމަށެވެ. [އަހަރެންގެ ކޮފީގެ ކްރީމަކީ ކަލާ އެވެ.] މި ޖުމުލައިގެ ތެދު ދޮގު އޮޅުންފިލުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ކުރެވިދާނެ ކަމަކީ، [އަހަރެން] ކިޔާ މީހާ ކޮބައިތޯ ބަލައި ހޯދާ، އޭނާ ބޭނުންކުރާ ކޮފީއަށް އަޅާ ކްރީމަށް ކިޔާ ނަމަކީ، ނުވަތަ ކްރީމަކީ [ކަލާ]ތޯ އަދި އޭނާގެ އަތުގައި [ކަލާ] ހުރިތޯ ނުވަތަ [ކަލާ] އޭނާ ހޯދަނީ ކޮން ގޮތަކަށްތޯ ބެލުމެވެ. ބައެއް ލިންގްއިސްޓުންގެ ނަޒަރުގައި ޖުމުލާގައި ބޭނުންކޮށްފައިވާ ލަފުޒެއް ރައްދުވާ ފަރާތް ކަނޑައެޅި ނޭނގުމަކީ ވެސް ޖުމުލަ ދޮގުވުމުގެ އަލާމާތެކެވެ. އިސްވެ ދެންނެވުނު ޖުމުލާގައި [އަހަރެން] އެއީ ކާކު ކަމެއް ނޭނގެ އެވެ. އަހަރެން ހޯދޭނެ އެއްވެސް ގޮތެއް ނެތެވެ.
ހަމައެއާއެކު، ދިވެހިންގެ ލެކްސިކޯނުގައި [ކޮފީ]، [ކްރީމް] އަދި [ކަލާ]، ކުރިން މާނަ ތަފްޞީލު ކޮށްދެވިފައިވާ ގޮތަށް މި ލަފުޒުތަކުގެ މާނަ މާކުރިން ވެސް ވަނީ ހަރުލާފަ އެވެ. އެހެންކަމުން ދުނިޔެވީ މަޢުލޫމާތުގެ އަލީގައި ކޮފީގެ ކްރީކަމަށް [ކަލާ] ނުވާނެކަން އެބަ އެނގެ އެވެ. ސަބަބަކީ [ކަލާ]ގެ މާނައިގެ ތެރޭގައި ކޮފީގެ [ކްރީމް]ގެ މާނަ އައިސްފައި ނުވާތީ އެވެ. އަދި މުޅިން އެހެން މާނައެއްގައި ދިވެހިބަހުގައި [ކަލާ] މި ލަފުޒު ބޭނުންކުރަމުންދާތީ އެވެ. ވުމާއެކު މިއީ، ދޮގު ޖުމުލައެކެވެ.
އެހެންކަމުން މި ޖުމުލަ ތެދު ޖުމުލައަކަށް ވުމަށްޓަކައި، ފުރިހަމަވާންޖެހޭ ކޮންޑިޝަން އެބަ އެނގެ އެވެ. އެއީ އަހަރެމެން ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ކޮފީގެ ކްރީމުގެ ނަން [ކަލާ] މިނަމަށް ބަދަލު ކުރުމެވެ. އެއިރުން ކޮފީއަށް [ކްރީމް] އަޅާށޭ ބުނުމުގެ ބަދަލުގައި ބުނަންޖެހޭނީ، ކޮފީއަށް [ކަލާ] އަށާށެވެ. މި ގޮތަށެވެ. މިގޮތަށް ހުރިހާ އެންމެން ޤަބޫލުކޮށް ކޮފީގެ ކްރީމަށް [ކަލާ] ކިޔަން ފަށައިފިކަމަ، ޖުމުލައަކީ ތެދު ޖުމުލައަކަށް ވާނެ އެވެ. މިގޮތުން ވެސް ޤަބޫލު ނުކޮށްފިނަމަ، ޖުމުލަ ވާނީ ދޮގު ޖުމުލަ އަކަށެވެ.
[އަހަރެންގެ ކޮފީގެ ކްރީމަކީ ކަލާއެވެ.] މި ޖުމުލަ ބޭނުންތެރި ޖުމުލައަކަށް ވަނީ، ޖުމުލަ ދޮގުވި ކަމުގައި ވިޔަސް ޖުމުލައިގައިވާ ލަފުޒުތަކުގެ މާނަ އެއްކޮށްލުމުން މުރާދެއް ހާސިލް ވާތީ އެވެ. ނުވަތަ އެ ޖުމުލަ ބުނުމުން ރައްދުވާ މީހާއަށް ނުވަތަ ވާހަކަދައްކާ މީހާއަށް ބޭނުންތެރި މަޢުލޫމާތެއް ބިއްބައިދޭތީ އެވެ. މި ޖުމުލާގައި އެވާ [އަހަރެން] އެއީ ފިރިހެނެއްކަން ޤަބޫލު ކުރެވެ އެވެ. އަދި [ކަލާ] އެއީ އަންހެނެއް ކަމަށް ޤަބޫލު ކުރެވެ އެވެ. ޢަބްދުﷲ ޞާދިޤު (2011) (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް) ހާމަކުރައްވާ ގޮތުގައި، ދިވެހި މުޖުތަމަޢުގައި މިފަދަ ޖުމުލަތައް އާންމުކޮށް ބޭނުންކުރަނީ ފިރިހެނުން ނެވެ. އާންމު ގޮތެއްގައި އަންހެން ކުދިން ފިރިހެން ކުދިން ސިފަކުރުމުގައި އެހާ ފަށުވި ޢިބާރާތްތައް ބޭނުންކޮށެއް ނޫޅެއެވެ. އަންހެން ކުދިން ފިރިހެނުން ސިފަކުރުމުގައި އާންމުކޮށް ބޭނުންކޮށް އުޅެނީ، [އެއީ ބިޔަ ފިރިހެނެކެވެ.[ [އޭނާގެ ބާމަތި ފުޅަލެވެ.[، [އޭނާގެ ބައްޓަމާއި ރޫފަ ރަނގަޅެވެ.[، [ޖާނު ވަރުގަދަ އެވެ.] މިފަދަ ޢިބާރާތްތައް ކަމަށް ވެސް ޢބްދުﷲ ޞާދިޤު (2011) (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް) ހާމަކުރައްވަ އެވެ.  
އެހެންކަމުން ދުނިޔެވީ ޙާލަތަށް ބަލާއިރު މި ޖުމުލައިން އަންގައިދޭން ބޭނުންވާ މާނައަކީ، [އަހަރެން] ނަމަކަށް ކިޔާ މީހެއްގެ މުޅި ދިރިއުޅުމުގެެ ހުރިހާ އުފަލަކާއި އަރާމަކީ، [ކަލާ] ނަމަކަށް ކިޔާ ނުވަތަ މިނަމުން ނިސްބަތްކުރާ އަންހެން ކުއްޖެކޭ ބުނުމުގެ މާނަކަމަށް ބެލެވިދާނެ އެވެ. މި ޙާލަތުގައި [ކޮފީ]ގެ މާނައަކީ އެ ފިރިހެން ކުއްޖާގެ މުޅި ދިރިއުޅުމެވެ. ހަމައެއާއެކު، [ކްރީމް]ގެ މާނައަކީ، އޭނާއަށް ދުނިޔެއިން ލިބޭ އެންމެ ފޮނި އުފަލާއި އަރާމެވެ. ކޮފީގައި ކްރީމް އެކުލެވިގެން ނުވާނަމަ، ކޮފީ ވާނީ ހިތި އެއްޗަކަށެވެ. އެ ބޯން އުނދަގޫވާނެ އެވެ. ބޯން ފޫހިވާނެ އެވެ. ބޮއިގެން ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެ އެވެ. ނަމަވެސް [ކްރީމް] ނުވަތަ ކިރު ކޮފީގެ ތެރެއަށް އަޅާ ކޮފީއާ އެއްކުރުމުން ކޮފީއަށް ޙަޤީޤީ ރަހަ އަންނާނެ އެވެ. އޭގެ ރަހަ މީރުވެ، ހިތްހަމަޖެހުމާއެކު ކޮފީ ބޮވޭނެ އެވެ. އެހެންކަމުން، ޖުމުލަ ބޭނުންކޮށްފައިވާ ޙާލަތަކީ އިސްވެ ދެންނެވުނު ފަދަ ޙާލަތެއްގައި ކަމަށް ވާތީ، އެ ޖުމުލަ ވަނީ ބޭނުންތެރި ޖުމުލަ އަކަށެވެ. ހަމައެހެންމެ، ބަހުގެ އުފެއްދުންތެރިކަން ހާމަކޮށްދޭ ޤަބޫލުކުރެވޭ ފަދަ ސެމެންޓިކް ފީޗާސްތަކެއް އެކުލެވިގެންވާ ޖުމުލަ އަކަށެވެ.
އޮސްޓިން(1962) ހާމަކުރައްވާ ގޮތުގައި ބައެއް ޖުމުލަތަކަކީ އެ ޖުމުލައެއް ބުނުމުން ކޮންމެވެސް ކަމެއް ހިނގާނެ ޖުމުލަތަކެވެ. މިއަށް ކިޔަނީ ސްޕީޗް އެކްޓެވެ. އޮސްޓިންގެ ސްޕީޗް އެކްޓް ތިއަރީ ފެށިގެން އައިއިރު، ބުނުން ނުވަތަ  އަޓްރަންސް ދެ ބަޔަކަށް ބަހާލެވުނެވެ. އެއީ، ކަމެއް ބަޔާންކުރާ ބުނުމާއި އާއި، ބުނާ ބުނުމުން ކަމެއް ހިނގާ ބުނުމެވެ. ނަމަވެސް، ފަހުން އޮސްޓިންއަށް އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވެ، ކޮންމެ އަޓްރަންސްއަކުން ވެސް، ސްޕީޗް އެކްޓް ތިއަރީގެ ތިން ވައްތަރެއްގެ [ކޮންސެޕްޓަކުން] އެކްޝަން ހިނގާނެ ކަމަށް އޭނާ ނިންމާފައި ވެއެވެ. އެއީ، ލޮކިޔުޝަން، އިލޮކިޔުޝަން އަދި ޕާލޮކިޔުޝަނެވެ. މިގޮތުން ބަލާއިރު ލޮކިޔުޝަނަކީ، އެއްޗެއް ބުނުން ނުވަތަ ބުނުމުގެ ޙަރަކާތް ކަމަށާއި، އިލޮކިޔުޝަނަކީ، ބުނުމެއް ބުނުމުގެ މަޤުޞަދު ކަމަށާއި، ޕާލޮކިޔުޝަނަކީ، އެ ބުނުމެއް ބުނުމުން އަނެކާ ކުރާ ޙަރަކާތް ކަމަށް އޮސްޓިން (1962) ހާމަކުރައްވާފައި ވެއެވެ.
ޖުމުލައަށް ބަލާއިރު، [އަހަރެންގެ ކޮފީގެ ކްރީމަކީ ކަލާ އެވެ.] މި ގޮތަށް ބުނުމަކީ މިއީ، ލޮކިޔުޝަނެވެ. އެ ޖުމުލައިގެ މަޤުޞަދަކީ، [ކަލާ] އަހަރެންގެ ދިރިއުޅުމަށް ވަރަށް މުހިންމުވާކަން  ހާމަކޮށްދިނުމެވެ. އެއީ، ޖުމުލައިގެ އިލޮކިޔުޝަން އެވެ. ޖުމުލައިގެ ޕާލޮކިޔުޝަނަރީއަކީ، ޖުމުލަ ބުނުމުން، [ކަލާ]އަށް އަންނަ ބަދަލެވެ. ޔަޤީނުން ވެސް [ކަލާ] ނަމަކަށް ކިޔާ އެ އަންހެން ކުއްޖާގެ ދިރިއުޅުމުގައި ހިނގާ ޙަރަކާތްތަކަށް އެ ޖުމުލައިން އަސަރު ކުރާނެ އެވެ. އެފަދަ ތަޢުރީފަކުން ކުރާ އަސަރުން ލިބޭ އުފަލާ އާލާވާ އުންމީދުގެ ސަބަބުން ކުރިއަށްވުރެ މާ ގާތްކޮށް [އަހަރެން]ނާ ދޭތެރޭ [ކަލާ] ނުވަތަ އެ އަންހެން ކުއްޖާގެ ޢަމަލުތައް ބަހައްޓާނެ އެވެ. އެހެންކަމުން މި ޖުމުލަ ބުނާ ބުނުމުގެ ސަބަބުން އަޓްރަންސްއަކަށް ނުވަތަ ބުނުމަކަށް ވެއެވެ. އަނގައިން ބޭރުކުރާ ނުވަތަ ލައްވާލެވޭ އަޑުތައް ވެސް އަޓްރަންސް އަށް ފެތޭނެ އެވެ. އެހެންކަމުން އަޓްރަންސްއަކީ ކޮންމެހެން ލަފުޒަކަށް ނުވަތަ ލަފުޒު ސެޓަކަށް ވާކަށް ނުޖެހެ އެވެ.
މިއާ ޚިލާފަށް، ޖުމުލައަކީ ފުރިހަމަ މާނައެއް ދޭހަވާގޮތަށް އަތުރާލެވިފައިވާ ލަފުޒުތަކެއް ކަމަށް ދިވެހިބަހުގެ ޤަވާޢިދު 1،2،3،4 (1984) ގައި ބަޔާންކޮށްފައި އެވެ. ހަމައެއާއެކު، ޖުމުލައަކީ، ލަފުޒުތަކެއް ވަކިތަރުތީބަކުން އަތުރާލައިގެން ލިޔުމުންނާއި އަނގަބަހުން ބޭނުންކުރެވޭ އިބާރާތްތަކެއްކަމަށް، ޗަޑްލޭ (2009) ހާމަކުރައްވާފައި ވެއެވެ. ދިވެހިބަހުގެ ޤަވާއިދު 1،2،3،4 (1984) ބަޔާންކުރައްވާފައިވާ ގޮތުގައި، ޖުމުލައިގެ ތިން ބާވަތެއް ވެއެވެ. އެއީ، ބަޔާނުުގެ ޖުމުލަ އާއި، ސުވާލުގެ ޖުމުލަ އަދި އަމުރުގެ ޖުމުލަ އެވެ. އެޑްވާޑް ފިނެގަން (1999) ހާމަކުރައްވާ ގޮތުގައި ޖުމުލައިގެ ތިން ވައްތަރެއް ހިމެނެ އެވެ. އެއީ، ސާދާ ޖުމުލަ އާއި، އެކުވި ޖުމުލަ އާއި، ކޯނި ޖުމުލަ އެވެ. މިކަމަށް ތާޢީދުކުރައްވާ ހޯލްމްސް (1987) ވެސް ވާހަކަދައްކާފައި ވެއެވެ. ނަމަވެސް، ދިވެހިބަހުގެ ޤަވާޢިދު 1،2،3،4 (1984) ގައި ވާހަކަދެކެވިފައިވަނީ ހަމައެކަނި ސާދާ ޖުމުލަ އާއި، ކޯނި ޖުމުލައާ ބެހޭގޮތުންނެވެ.

ޖުމުލައިގެ ވައްތަރުތަކުގެ ތެރެއިން، [އަހަރެންގެ ކޮފީގެ ކްރީމަކީ ކަލާ އެވެ.] މި ޖުމުލަ ފެތެނީ ސާދާ ޖުމުލައިގެ ތެރެއަށެވެ. ސާދާ ޖުމުލައަކީ، އިސްޔަކާއި ޚަބަރެއް އެކުލެވިގެންވާ ޖުމުލަ ކަމަށް ދިވެހި ބަހުގެ ޤަވާއިދު (1984) އާއި ފިޔަވަޅު 1،2،3 (1980)ގައި ބަޔާންކޮށްފައި ވާއިރު، ފިނެގަން (1999) ހާމަކުރައްވާފައިވަނީ، ސާދާ ޖުމުލައަކީ، ކަންކުރާގެ އިތުރުން އެންމެ ކަމެއް އެކުލެވިގެންވާ ޖުމުލަ ކަމުގަ އެވެ. އިސްވެ ދެންނެވުނު ޖުމުލަ އުފެދިފައިވަނީ އެއްވެސް ކަމެއް ނުހިމެނި އެވެ. އެހެންނަމަވެސް، ދިވެހިބަހުގައި [ކަން] ނެތި ވެސް ސާދާ ޖުމުލަ ހެދިދާނެ ކަމަށާއި، އެފަދަ ޖުމުލަތަކަކީ، ސާދާ ޖުމުލައިގެ ތެރޭގައި އެކުލެވޭ ނަމުގެ ޖުމުލަ ކަމުގައި ދިވެހިބަހުގެ ޤަވާޢިދު 1،2،3،4 (1984) ގައި ބަޔާންކޮށްފައި ވެ އެވެ.
ނިންމުން:
      ދިވެހިބަހުގެ ބަސްކޮށާރަކީ ދުނިޔޭގެ ނިސްބަތުން ކިތަންމެ މަދު ލަފުޒުކޮޅެއް އެކުލެވިގެންވާ ބަސްކޮށާރަކަށް ވީ ނަމަވެސް، ދިވެހިބަހަކީ، އެލަފުޒުތަކުގެ ބޭނުން ކޮށްގެން ފަސާހާތާއި، ބަލާޣާތާއި، އުފެއްދުންތެރިކަން ހާމަކޮށްދިނުމަށްޓަކައި ތަފާތު އެތައް ގޮތަކަށް ޖުމުލަ ހަދައިގެން މާނަ ދޭހަކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ބަހެކެވެ. ލަފުޒުގެ ލަފުޒީ މާނަ ދޭހަވާ ހާލަތްތައްނޫން ނޫން އެހެން ހާލަތްތަކުގައި  ވެސް ދިވެހި ބަހުގެ ލަފުޒުތައް ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭކަން ހާމަވެގެން ހިނގައްޖެ އެވެ. ހަމައެއާއެކު، ޖުމުލާފައި ލަފުޒު އަތުރާލެވޭ ތަރުތީބަށް ބަލާއިރު، މުޅި ޖުމުލައިގެ ލަފުޒީ މާނަ ނުވަތަ ފެންނަން އޮންނަ މާނާގައި ދޮގު މަޢުލޫމާތުތަކެއް އެކުލެވޭ ދޮގުގެ ޖުމުލަތައް ވެސް ދިވެހި ބަހުގެ ތެރޭގައި އެކުލެވިފައި ވާކަމާއި، އެ ލަފުޒުތައް ވަކި ތަރުތީބަކުން އަތުރައިގެން ހެދޭ ޖުމުލަތަކުގެ ސެމެންޓިކް ފީޗާސްތަކަށް ބެލުމުން އެ ޖުމުލަތަކަކީ ދިވެހިންގެ ދިރިއުޅުމުގެ އެކިއެކި ހާޖަތްތަކާއިި ގުޅި ލާމެހި، ތަފާތު ޙާލަތްތަކުގައި އެކި މާނާގައި ބޭނުންކުރެވޭ ބޭނުންތެރި ޖުމުލަތަކަށް ވެފައި ހުންނަކަން ވެސް ފާހަގަ ކުރެވެ އެވެ. ހަމައެއާއެކު ޖުމުލައެއްގެ ސެމޭންޓިކްސް ރަނގަނަޅުވާނީ ސިންޓެކް އަދާކުރާ ދައުރުވެސް ރަނގަޅު ވެގެންންނެވެ. ހަމައެއާއެކު، ސެމެންޓިކްސް ފުރިހަމަ ވުމަށްޓަކައި، ލަފުޒުތައް އެކުވެގެން އުފެދޭ ޖުމުލައިގައި ތެދު ދޮގުގެ މިންވަރު އެކުލެވިފައި ވޭތޯ ވެސް ބަލަން ޖެހެ އެވެ.
..........................................

ރެފަރެންސް ލިސްޓު
*  އެޑުވާރޑު ފިނެގަން. (1999). ލޭންގުއެޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫސް. އެޑިޝަން 3. އިއާރލް އެމް ސީ ޕީކް. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ.
*     އާމިނަތު ޢަލީ. (2001). ބަހާއި މުއާސަލާތު. މާލެ: އިންސްޓީއުޓް އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިޔުޓިންގ.
*      މުޙައްމަދު ޖަމީލު. (1980). ފިޔަވަޅު 1،2،3: ދިވެހިބަހުގެ ގަވާއިދު. މާލެ: މ. ކުއްޅަވައްގެ.
*  މަރިޔަމް ތައުފީޤާ. (1996). ބަސް އުނގެނުމުގެ ނަޒަރިއްޔާތުތައް. ]ލެކްޗަރ ނޯޓުސް[. މާލެ: މުދައްރިސުންގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު: ފަށާ ތަޢުލީމު މުދައްރިސްކަމުގެ ސެޓުފިކެޓު ކޯސް.
*      ދިވެހިބަހާއިތާރީޚަށްޚިދުމަތްކުރާޤައުމީމަރުކަޒު. (2006). ބަސްފޮތް 2006. {ސީޑީރޮމް}. {މުސައްނިފް}.
*  ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު. (2004). ދިވެހި ބަހުގެ ޤަވާޢިދު، 1،2،3،4.  މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު.
*      ޗަޑްލޭ. (ނޮވެމްބަރ 2009). ޑިފަރެންސް ބިޓްވީން އަޓްރަންސް އެންޑް ސެންޓެންސް. ނެގީ: www.usingenglish.com/forum/ask-teacher/108146-differences-between-sentence-utterance.htmlން.

No comments:

Post a Comment