ލިޔުނީ: މޫސާ މާހިރު
ފެށުން:
ދުނިޔޭގެ ބަސްބަހުގެ ތެރެއަށް [އަދަބު] ވަދެފައި
ނުވީނަމަ، އަދަބީ ފާޑުކިޔުން ވުޖޫދެއް ނުވީހެވެ. ފުރަތަމަ އުފަންވީ އަދަބެވެ.
އަދަބީ ފާޑުކިއުން އުފަންވީ އެއަށްވުރެ މާ ފަހުންނެވެ. އަދަބު މި ލަފުޒު ދިވެހި
ބަހުގެ ތެރެއަށް ވަދެފައިވާކަމީ، ދިވެހި ބަހުގެ ތެރެއަށް ޢަރަބި ބަހުގެ ނުފޫޒު
ވަދެފައިވާ ކަމުގެ ދިރިހުރި މިސާލެކެވެ. ޢަރަބި ބަހުގައި އަދަބު މާނަކުރާ ގޮތަށް
ބަލާއިރު، މީހާ ކުރާ ކަންތަކާއި، ބުނާ ބަސްތައް
ކުށުން ސަލާމަތް ކުރާނެ މަގު އުނގެނިގަތުމަށް އަދަބު މާނަކުރެވޭ ކަމަށާއި، މާތްﷲ އިންސާނުންގެ
ނަފްސު ހެއްދެވިއިރު އެ ނަފްސުގައި ލައްވާފައިވާ މާތް ސިފަތަކަށް އަދަބު
މާނަކުރެވޭ ކަމުގައި، މުޙައްމަދު ޖަމީލު (1999) ހާމަކުރައްވާފައި ވެއެވެ.
ބަދަލުވުނުގެ އޮއިވަރެއްގައި ޖެހި ދުނިޔޭގެ
ބަސްބަހުގެ ތެރެއަށް ]އަދަބު[ މި ލަފުޒު ވަދެފައިވަނީ، ހިޖުރީ ސަނަތުގެ 2 ވަނަ
ޤަރުނުގެ ތެރޭގައިކަމަށާއި، މިހާރު މިބަހުގެ މާނަ ޢިލްމުވެރިން ކުރައްވަނީ، ބަހުގެ
ތެރެއިން ފޭރާން ހެއުކޮށް އަމުނާލެވިފައި ހުންނަ، ޅެންބަހާއި، އަމުނާލުމެއްނެތި
އުކާލެވިފައި ހުންނަ ނަޘުރަށް ކަމަށާއި، އެތަކެތި ޝަރަޙަކޮށް ބަޔާންކުރަން
ބޭނުންކުރެވޭ މަޢުލޫމާތަށާއި، އެ ތަކެއްޗާއިމެދު ފާޑުކިޔުމުގެ ގޮތުން ބުނެވޭ
ބުނުންތަކާއި ލިޔެވޭ ލިޔުންތަކަށް ކަމުގައި، މުޙައްމަދު ޖަމީލު (1999) ހާމަކުރައްވާފައި ވެއެވެ. އެހެންކަމުން
އަދަބީ އުފެއްދުންތަކަށް ފާޑު ކިޔައިގެން އަދީބުން އުފައްދާ އުފެއްދުންތަކަކީ ވެސް
އަދަބީ އުފެއްދުންތަކަށް ނޫނީ ނުވެނުދާނެ އެވެ. މި ލިޔުމުގައި، އަދަބީ
ފާޑުކިޔުމަކީ ކޮބައި، އަދަބީ ފާޑުކިޔުންތެރިޔާގެ ކިބާގައި ހުންނަންޖެހޭ
ސިފަތަކަށާއި، އަދަބީ ފާޑުކިޔުމުގައި ސަމާލުވާންޖެހޭ ކަންކަމައި، އަދަބީ
ފާޑުކިޔާނެ ގޮތާ ބެހޭގޮތުން އަލިއަޅުވައިލެވިފައި ވާނެ އެވެ.
އަދަބީ ފާޑުކިޔުމަކީ
ކޮބާ؟
އަދަބީ ފާޑުކިޔުމަކީ، ހަމަހަމަކަމާއި، އިންސާފު
އެކުލެވޭގޮތަށް ނުވަތަ ތަޢައްޞުބާއެކު، ކަނޑައެޅިގެން ވަކި ފަރާތަކަށް ބުރަނުވެ
ހުރެ، އަދަބީ އުފެއްދުމެއް ބަލައި ހޯދާ ދިރާސާކޮށް ފާޑުކިޔުމުގެ ނަޒަރަކުން،
ބެލުމަށްފަހު، އެހެން އުފެއްދުމެއް ވުޖޫދުކުރުމޭ ބުނެވިދާނެ އެވެ. މިކަމަށް
އިޝާރާރާތްކުރައްވައި، މުޙައްމަދު ވަޙީދު ނަދުވީ (1997) ހާމަކުރައްވާފައިވަނީ،
އަދަބީ ފާޑުކިޔުމަކީ، ޅެމާއި އަދަބުގެ ފީ ހޮވައި އޭގެ ރަނގަޅާއި ނުބައި ވަކިކުރުމެވެ.
ހަމައެއާއެކު، އަދަބުގެ ތެރެއިން އަދީބުގެ ފިޠުރަތަކީ ކޮބައިކަން ހާމަކޮށްދިނުމާއި،
އެމީހަކު އެ ލިޔުނު އަދަބީ އެއްޗެއްގެ ބާވަތް ވިސްނައިދިނުން ކަމުގައި ވެސް،
މުޙައްމަދު ވަޙީދު ނަދުވީ (1997) ހާމަކުރައްވާފައި ވެއެވެ. ހަމައެހެންމެ، މަޝްހޫރު
އަދަބީ ފާޑުކިޔުންތެރިޔަކު ކަމުގައިވާ، ޕްރޮފެސަރ އާލް އަޙުމަދު ސުރޫރަށް
ޙަވާލާދެއްވާ މުޙައްމަދު ވަޙީދު ނަދްވީ (1997) ހާމަކުރައްވާފައިވާ ގޮތުގައި،
އަދަބީ ފާޑުކިޔުމަކީ، ހާމަކޮށްދިނުމެވެ. މޮޅު ދެރަކަމުގެ ގޮތުން އެކިއެކި ބައިބައި
ވަކިކޮށްލުމެވެ.
މުޙައްމަދު ވަޙީދު
ނަދުވީ (2003) ހާމަކުރައްވާފައިވާ ގޮތުގައި، ޢަރަބިބަހުގައި އަދަބީ ފާޑުކިޔުމުގެ ފާޑުކިޔުމުގެ
ލަފުޒީ މާނައަކީ، [ނަޤުދު] މި ލަފުޒެވެ. ބަހުގެ ޢިލްމުވެރިންގެ އިޞްތިލާޙުގައި،
އަދަބީ ފާޑުކިޔުމަކީ، އުފެއްދުމަކާއި މެދު އަދަބީގޮތުން ޢިލްމީ ހަމަތަކަކުން
ވިސްނުމަށްފަހު، ކަނޑައަޅާ އަދަބީ ނިޔާ އެވެ. އެއީ އަދަބީ އުފެއްދުމެއްގައި ހުރި
އަދަބީ ރީތިކަމާއި، މޮޅުކަމެއް އަދި އުނިކަމާއި ދެރަކަމެއް އެ އަދަބީ
އުފެއްދުމެއްގެ ފެންވަރު ހާމަކޮށްދީ އޭގެ އަގު ވަޒަން ކޮށްދިނުމެވެ. ހަމައެއާއެކު، ޙަސަން ނިޒާމް (2006)
ހާމަކުރައްވާފައިވާ ގޮތުގައި، ފާޑުކިޔުމަކީ، އެހެން މީހަކު ކުރަމުންދާ ނުވަތަ
ކޮށްފައިވާ މަސައްކަތަކާ ބެހޭގޮތުން ތިމާއަށް ފެންނަ އެއްޗެއް ބުނުމެވެ. ގޮތް
ކިޔުމެވެ. ރަނގަޅާއި ނުބައި ފާހަގަ ކުރުމެވެ. ހަމައެކަނި ރަނގަޅޭ ނުވަތަ ގޯހޭ
ބުނުމަކީ ފާޑުކިޔުމެއް ނޫނެވެ.
އަދަބަށް
ފާޑުކިޔުމުން ލިބޭނެ ފައިދާތަކަކީ ކޮބާ؟
އަދަބީ ފާޑުކިޔުމުގެ
ސަބަބުން އަދަބީ އުފެއްދުންތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުވާނެ އެވެ.
އަދީބުން އުފައްދާ އަދަބީ އުފެއްދުންތަކުގެ މޮޅު ދެރަކަން ނުވަތަ ފުރިހަމަކަމާއި
އުނިކަން ހުރިނެތްގޮތާއި، އެ
އުފެއްދުންތަކުގެ އަދަބީ ވައްޓަފާޅި ކިޔާ މީހުންގެ ކުރިމަތީގައި ހާމަވެގެންދާނެ
އެވެ. މުޙައްމަދު ވަޙީދު ނަދުވީ (2003)
ހާމަކުރައްވާފައިވާ ގޮތުގައި އަދަބީ ފާޑުކިޔުމުގެ ސަބަބުން އަދަބީ
އުފެއްދުންތެރިކަމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދާނީ މުއްސަނދިވަމުންނެވެ. ހަމައެއާއެކު،
އަދަބީ ފާޑުކިޔުމަކީ، އަދަބު ކުރިއަރުވައި އަދަބީ އުފެއްދުންތަކުގެ ފޭރާން
މޮޅުކުރުމަށް ކުރެވޭ ކަމެއްކަމުގައި ވެސް މުޙައްމަދު ވަޙީދު ނަދުވީ (2003)
ހާމަކުރައްވާފައި ވެއެވެ. އެހެންކަމުން، އުފެއްދުންތެރި ރަނގަޅު އަދަބީ
ފާޑުކިޔުމުގެ ނަތީޖާއަކަށް ވާނީ އެ ބަހެއްގެ އަދަބާއި، އަދީބުންގެ އަދަބީ
އުފެއްދުންތަކުގެ ރަހަ ދުވަހެއް ދުވަހަކަށް ރަނގަޅު ވުމެވެ.
ނާޤިދު:
ޢަރަބި ބަހުގައި އަދަބި
ފާޑުކިޔުންތެރިޔާއަށް ދީފައިވާ ނަމަކީ ނާޤިދެވެ. ނާޤިދުގެ މަސައްކަތަކީ، އަދަބީ
އުފެއްދުން ޝަރަޙަކޮށްދީ އެއަށް އަދަބީ ނިޔާއެއް ކަނޑައެޅުންކަމުގައި، މުޙައްމަދު
ވަޙީދު ނަދުވީ (2003) ހާމަކުރައްވާފައި ވެއެވެ. އަދަބީ ފާޑުކިޔުންތެރިޔާ
ކުރާކަމަކީ، އަދަބީ އުފެއްބުން އާންމުންނާއި ހަމައަށް ގެނެސްދީ، އެ އުފެއްދުން ރަނަޅަށް
ވިސްނައިދެނީ އެވެ. އޭގައިހުރި ފާހަގަކޮށްލެވޭ ރަނގަޅު ކަންތައްތަކާއި، އެއިން
ބައެއް އުނިވާނަމަ، އުނިވާކަން ހާމަކޮށްދެނީ އެވެ. އެ އަދަބީ ފާޑުކިޔުމަކީ،
ފުރިހަމަ އެއްޗެއްނަމަ، އޭގައި ފޮރުވިފައިހުރި ރީތި ރަނގަޅު ނުވަތަ ރިވެތި
މުތީތައް ހާމަކޮށްދީ އަދީބުގެ އަގުއަރާވަރު ކުރާނީ އެވެ. އެ އަދަބީ
އުފެއްދުމުގައި، ފާޑުކިޔޭ ފަދަ ކަންތައްތަކެއް ވާނަމަ، އެކަން ވެސް އަދީބުގެ
ސަމާލުކަމަށް ގެނެސް، އެއަށް ވުރެ މޮޅު އެއްޗެއް އުފައްދާނެ ގޮތް ބުނެދޭނީ އެވެ.
ނުވަތަ، ކަމުނުދިޔަ ސަބަބުތައް އެއްވެސް ޒާތީކަމެއްނެތި ހާމަކޮށްދީ އޮޅުންފިލުވައިދޭނީ
އެވެ.
ނާޤިދުގެ ކިބާގައި
ހުންނަންޖެހޭ ސިފަތައް:
ނާޤިދަކަށް
ވުމަށްޓަކައި، އެފަދަ މީހެއްގެ ކިބާގައި ހުރުން ލާޒިމުވާ ހަތަރު ސިފައެއް ވެއެވެ. އެއީ،
އަދަބީ ޛައުޤު ހުރުމާއި، އަދަބީ ޛައުޤުގެ ރަހަ ރަނގަޅުވުމާއި، ވިސްނުންތޫނުވުމާއި،
މަޢުލޫމާތު މުއްސަނދި ވުމެވެ. އަދަބީ ޛައުޤަކީ ބައެއް ފަހަރަށް ފިޠުރީގޮތުން ވެސް
އުފެދޭ އެއްޗެއްކަމަށާއި، މި ރަހައިގެ ސަބަބުން އަދަބުގައި ނުވަތަ ފަންނުގައި ހުރި
އަދަބީ ރަހައެއް ވަކިކުރަން އެމީހަކަށް އެނގޭނެކަމުގައި، މުޙައްމަދު ވަޙީދު ނަދުވީ
(2003) ހާމަކުރައްވާފައި ވެއެވެ. ނާޤިދެއްގެ ކިބާގައި ހުރުން ލާޒިމުވާ ދެވަނަ
ސިފަޔަކީ، އޭނާގެ ކިބާގައިވާ އަދަބީ ޛައުޤުގެ ރަހަ ރަނގަޅު ވުމެވެ. މިކަން
ކުރެވޭނީ، ގިނަގިނައިން އަދަބި އުފެއްދުންތައް ކިޔައި އޭގެތެރެއިން މޮޅު ދެރަ
ވަކިކުރަން އެނގޭ މިންވަރަށް ހޭނިގެންކަމުގައި، މުޙައްމަދު ވަޙީދު ނަދުވީ (2003)
ހާމަކުރައްވާފައި ވެއެވެ. ތިންވަނަ ސިފައެއްގެ ގޮތުގައި، އަދަބީ
ފާޑުކިޔުންތެރިޔާގެ ކިބައިގައި ވިސްނުން ތޫނުކަމުގެ ސިފަ ހުންނަންޖެހޭ ސަބަބަކީ، އަދަބީ
އުފެއްދުމުގައިވާ ރަނގަޅާއި ނުބައި ވަކިކޮށް އަދަބީ ނިޔާ ކަނޑައެޅުމަށްކަމުގައި
މުޙައްމަދު ވަޙީދު ނަދުވީ (2003) ހާމަކުރައްވާފައި ވެއެވެ. ނާޤިދުގެ ވިސްނުމުގެ
ބާރު ދަށްކަމުގައިވާނަމަ، އޭނާއަށް ނިޔާކަނޑައެޅުމުގައި އުނދަގޫތަކާ ކުރިމަތިވާނެ
އެވެ. އޭނާގެ ނިންމުންތައް ނުވަތަ ކަނޑައަޅާ ނިޔާ ހަރުދަނައެއް ނުވާނެ އެވެ. ނާޤިދުގެ
ކިބާގައި ހުންނަންޖެހޭ 4 ވަނަ ސިފައަކީ، މަޢުލޫމާތު މުއްސަނދި ވުމެވެ. އޭނާގެ
ކިބާގައި ބަހުގެ އަދަބީ އުފެއްދުންތަކާބެހޭ އެންމެ ފަހުގެ ތާޒާ މަޢުލޫމާތު އަބަދުވެސް
ހުންނަން ޖެހޭނެ އެވެ. އަދި މީގެ އިތުރުން އޭނާ ވާންޖެހޭނީ ދުނިޔެތެރެއަށް ރަނގަޅަށް
ލޯ ހުޅުވިފައިވާ، އާންމު މަޢުލޫމާތާއި،
ކާއިނާތާބެހޭ މަޢުލޫމާތު ވަރަށް ތަނަވަސް ދުނިޔަވީ ދަތުރުގެ ތަޖުރިބާ ގިނަ މީހަކަށެވެ.
މަޢުލޫމާތު މުއްސަނދި ނުވެއްޖެނަމަ، އަދަބީ ފާޑުކިޔުން ވާނީ އަދަބީގޮތުން ދަށް،
ދޯހަޅި އަދި އެހައިމެ އާދައިގެ އެއްޗަކަށް ކަމުގައި މުޙައްމަދު ވަޙީދު ނަދުވީ (2003)
ހާމަކުރައްވާފައި ވެއެވެ.
އަދަބީ ގޮތުން
ފާޑުކިޔާނީ ކިހިނެއް؟
އަދަބީ
ފާޑުކިޔުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ބައެއް ކަންތައްތައްތައް ވެއެވެ.
އޭގެތެރޭގައި، އަދަބީ އުފެއްދުން ކިޔުމާއި، އޭގެ ޝަރަޙަ ކުރުމާއި، އަގުކުރުމާއި،
ފެންވަރު ކަނޑައެޅުމާއި، މާޙައުލުން އަސަރު ފޯރުވިވަރެއް ބެލުމާއި، އަދީބުގެ
ޝަޚްޞިއްޔަތު ހާމަކޮށްދީފައި ވޭތޯ އާއި، އަދަބީ އުފެއްދުން އާންމުންނާ ހަމައަށް
ފޯރުކޮށްދެވިފައި ވޭތޯ ބެލުން ހިމެނެ އެވެ.
ނާޤިދު އެންމެ ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ، އެ އަދަބީ ލިޔުމަކަށް
ފާޑު ކިޔަން ފެށުމުގެ ކުރިން އެ އަދަބީ ލިޔުން ފަރުވާތެރިކަމާއެކު ކިޔުން
ކަމަށާއި، އެއަށްފަހު، އެ ލިޔުން ރަނގަޅަށް ޝަރަޙަ ކޮށްދިނުން ކަމުގައި މުޙައްމަދު
ވަޙީދު ނަދުވީ (2003) ހާމަކުރައްވާފައި ވެއެވެ. ޝަރަޙާ ކޮށްދިނުމުގެ މާނައަކީ، އޭގައި
ހިމެނޭ ބަޔާންކުރުމާއި، ބަޔާންކުރުމުގެ ގޮތްތައް ހާމަކޮށްދިނުމެވެ. އަދަބީ
އުފެއްދުން އަގު ކުރުމަކީ، ފަންނީގޮތުން އެ އުފެއްދުމަކަށް ދޭންވާ ދަރަޖަ
ދިނުމެވެ. އެއަށްފަހު، އެ އުފެއްދުމެއްގެ އަދަބީ ފެންވަރު ކަނޑައެޅުމެވެ. ފެންވަރު
ކަނޑައެޅުމުގެ މާނައަކީ، ލިބޭ މަޢުލޫމާތުގެ އަލީގައި، އެ އަދަބީ އުފެއްދުމެއްގައި
އެކުލެވޭ އުނިކަންކަމާއި، މޮޅުކަންކަން ހާމަކޮށްދީ އަދަބީ ނިޔާއެއް ކަނޑައެޅުމެވެ.
މި ނިޔާ ކަނޑައަޅާއިރު ސަމާލުވާންޖެހޭ ކަންތައްތައް ވެއެވެ. މިގޮތުންބަލާއިރު، އަދަބީ
އުފެއްދުން މަޢުޟޫގެ ހުދޫދުގެ ތެރޭގައި ވޭތޯއާއި، އޭގެ މަޤުޞަދު ފުރިކަމައަށް
ދޭހަވޭތޯއާއި، އަދަބީ ހަމަތަކުގައި އޭނާއަށް ހިފެހެއްޓިފައި ހުރި މިންވަރަށާއި،
އަދަބީ އުފެއްދުންތެރިޔާ އެހެން މީހެއްގެ ފޮށިން ވައްކަން ކޮށްފައިވޭތޯ ބަލަން
ޖެހޭނެ އެވެ. ހަމައެހެންމެ، ފާޑުކިޔުންތެރިޔާ އޭނާގެ ފިޠުރީ ލެނބުމާއި، އަމިއްލަ
ބުރަވުމާއި ޤަބޫލުކުރުމުން އެއްކިބާވާން ޖެހޭނެކަމަށް ގަރީ ޑޭ (2008)
ހާމަކުރައްވާފައި ވެއެވެ.
ދެން ބަލަންޖެހެނީ އަދަބީ އުފެއްދުމަށް މާޙައުލުން އަސަރުކޮށްފައިވާ
މިންވަރަށެވެ. މާޙައުލުގެ މާނައަކީ އަދީބު އުޅެ ބޮޑުވި މާހައުލެވެ. އަދަބީ
އުފެއްދުމުން މާހައުލުގައި ހިނގާ ކަންކަމާއި، މާޙައުލުން ފެންނަ ކަންކަމުގެ އަސަރު
ފެންނަނަމަ، މާޙައުލުން އަސަރުކޮށްފައިވާކަމަށް ނިންމިދާނެ އެވެ. އަދަބީ
އުފެއްދުމަކުން އަދީބެއްގެ ޝަޚްޞިއްޔަތު ހާމަކޮށްދިނުމުގައި، އެއްވެސް ޒާތީކަމެއް
އޮވެގެން ނުވާނެ އެވެ. މިބައިގައި ބަލާނީ، އަދީބު އަދަބީ އުފެއްދުމުގެ ޛަރީޢާއިން ޝުޢޫރު
ބަޔާންކޮށްފައިވާ ބީދަ އަށެވެ. ނަފްސާނީ އެއްވެސް އަސަރެއް އަދީބަށް
ކޮށްފައިވާނަމަ އެކަމެއް ވެސް ހިމަންޖެހޭނެ ކަމުގައި މުޙައްމަދު ވަޙީދު ނަދުވީ
(2003) ހާމަކުރައްވާފައި ވެއެވެ. އެއަށްފަހު ބަލާނީ، އަދަބީ އުފެއްދުން އާންމުންނާ
ހަމައަށް ފޯރުކޮށްދެވިފައި ވޭތޯ އެވެ. އަދަބީ އުފެއްދުން އާންމުންނާ ހަމައަށް
ފޯރުކޮށްދިނުމަކީ، އަދީބަކު ހިތައްއެރި އަސަރާއި ޖަޒުބާތު ހަމަ އެގޮތަށް
އާންމުންނާ ހަމައަށް ފޯރުކޮށްދިނުން ކަމުގައި މުޙައްމަދު ވަޙީދު ނަދުވީ (2003)
ހާމަކުރައްވާފައި ވެއެވެ.
ނިންމުން:
ދުނިޔޭގައި އިންސާނުން ވާހަކަދައްކާ ބަސްބަހުގެ ތެރެއަށް [އަދަބު] ވަނުމުގެ
ސަބަބުން، ބަހުގެ އަދަބިއްޔާތު ފުޅާވެގެން ހިނގައްޖެ އެވެ. އަދަބީ
އުފެއްދުންތެރިން އިތުރުވެގެން ހިނގައްޖެ އެވެ. ހަމަ އެހެންމެ، އަދަބު ކުރިއަރައި
ގޮފިގޮފި ވެގެން ގޮސް [އަދަބި ފާޑުކިޔުން] ވުޖޫދަށް އައުމުގެ ސަބަބުން، އަދީބުންގެ
މަސައްކަތަށް ފާރަވެރިވާ ބަޔަކު އުފެދި، އަދީބުންގެ މަސައްކަތްތަކުގެ ފެންވަރު
ރަނގަޅުވެ، އަދަބީ ޗަމަން އިތުރަށް އާރޯވެގެން ހިނގައްޖެ އެވެ.
.......................................................................
ރެފަރެންސް ލިސްޓް
1.
މުޙައްމަދު ވަޙީދު ނަދުވީ. (2003). ޢިލްމީ
ދިވެހި. މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން. ފެކަލްޓީ އޮފް
އެޑިޔުކޭޝަން: މާލެ.
2.
މުޙައްމަދު ޖަމީލު ދީދީ. (1999). އަދަބީ
އުދަރެއް އަތްމަތީ ފޮތް 1. މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
ފެކަލްޓީ އޮފް އެޑިޔުކޭޝަން: މާލެ.
3.
ގަރީ ބޭ. (2008). ލިޓަރަރީ
ކްރިޓިސިޒަމް އަ ނިވް ހިސްޓްރީ. އެޑިންބާފް ޔުނިވާސިޓީ ޕްރެސް ލިމިޓެޑް:
އެޑިންބާފް.
4.
މުޙައްމަދު ވަޙީދު ނަދްވީ. (1997). އަދަބީ ފާޑުކިޔުން.
ފަތްތޫރަ 216 (18). ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު: މާލެ.
5.
މުޙައްމަދު ވަޙީދު ނަދްވީ. (1999). އަދަބީ
ފާޑުކިޔުން. ފަތްތޫރަ 248 (21). ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ ޤައުމީ
މަރުކަޒު: މާލެ.
No comments:
Post a Comment